"އިސްލާމް ދީނަކީ ރިވެތި އަހުލާގުގެ ދީން" މި މައުލޫއަށް ހާއްސަކޮށް މިއަދު އިއްވި ހުތުބާގައި ބަޔާންކޮށްފައިވަނީ، ކީރިތި ރަސޫލާ ފޮނުއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރިވެތި އަހުލާގު ފުރިހަމަކުރެއްވުން ކަމަށެވެ. އަދި ހެޔޮކަމުގެ މީޒާނުގައި ރިވެތި އަހުލާގަށް ވުރެ ބަރު އެއްވެސް އެއްޗެއް ނުވާ ކަމަށާއި، ރިވެތި ހުލްގުގެ ސަބަބުން ރޭއަޅުކަންކޮށް ސުންނަތް ރޯދަހިފާ މީހެއްގެ ދަރަޖައަށް ވާސިލުވެވޭނެ ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.
ހުތުބާގައި ބަޔާންކުރި ގޮތުގައި، ދުނިޔަވީ ހަޔާތުގައި ބަލިމަޑުކަމާއި ތަދުމަޑުކަން އަދި ބިރުވެރިކަމާ ކުރިމަތިވުމަކީ މާތް ﷲ ގެ އިމްތިހާނުތަކެކެވެ. އެފަދަ ކޮންމެ ހާލަތެއްގައި ވެސް ކެތްތެރިކަން އިސްކުރަން ޖެހޭނެ ކަމަށާއި، ދަތި ހާލެއް ދިމާވާ ކޮންމެ ފަހަރަކު އެހެން މީހުންގެ މުދާ ފޭރި، ވައްކަން ކުރުމަކީ ހުއްދަވާނެ ކަމެއް ނޫން ކަމަށް ހަނދާންކޮށްދިނެވެ. އަދި ދިމާވާ އުނދަގޫތަކަކީ އެހެން އިންސާނެއްގެ ފަރާތުން އަންނަ ބަދުނަސީބެއް ކަމަށް ދެކި، މީސްތަކުންނާ މެދު ހިތްނުބައި ނުކުރުމަށް ވެސް ނަސޭހަތްތެރިވިއެވެ.
މީގެ އިތުރުން، މީސްތަކުންނާ މުއާމަލާތު ކުރުމުގައްޔާއި ވާހަކަދެއްކުމުގައި މަޑުމައިތިރިކަން އިސްކުރުމުގެ މުހިންމުކަން ހުތުބާގައި ހަނދާންކޮށްދިނެވެ. އަދި ތިމާގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހުންނާއި މުވައްޒަފުންނާ މެދު އޯގާތެރިކޮށް ހިތުމަށް ކީރިތި ރަސޫލާގެ ހަޔާތްޕުޅުން ނަމޫނާ ދައްކަވާފައިވާ ކަމަށް ވެސް ބުންޏެވެ.
ހުކުރު ހުތުބާ ކަނުލައި އަޑުއެހުމަކީ ހުކުރުގެ މުހިންމު އަދަބެއްކަން ފާހަގަކޮށް، ހުތުބާ ކިޔަމުންދާއިރު މިސްކިތުން ބޭރުގައި ވާހަކަދައްކަން ތިބުމާއި، މިސްކިތް ތެރޭގައި ފޯނާ ކުޅެން ތިބޭ މައްސަލައަކީ ވަގުތުން އިސްލާހުކުރަން ޖެހިފައިވާ ކަމެއް ކަމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.