10 ކުލާސްރޫމް ހިމެނޭ މި އިމާރާތިގެ މަސައްކަތް އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ) ފެށީ މި އަހަރުގެ މާރިޗު 31ވަނަ ދުވަހު އެވެ. އެ އިމާރާތުގެ މަސައްކަތް އިއްޔެ ވަނީ ނިންމާފައިކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
235 ދުވަހުގެ ތެރޭގައި މި އިމާރާތް ނިންމާލުމަށް ސިފައިން ވަނީ ރެޔާއިދުވާލު ވަރަށް ގިނަ މަސައްކަތްތަކެއްކޮށްފައިކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ. އެގޮތުން ކުރިން ނިންމާފައި ހުރި އިމާރާތުގެ ސްޓްރަކްޗަރއަށް ލިބިފައިވާ ގެއްލުންތައް އަލުން މަރާމާތުކޮށް، ސިފައިން ވަނީ އިތުރު ކޮލަމްތައް ޖަހައި ސްރަކްޗަރ ވަރުގަދަކޮށްފައިކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.
އޭގެ އިތުރުން އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކާއި، ރޭނުމާއި ސިމެންތި ޖެހުމާއި، ކުލަލުމާއި، ފުރާޅުގެ މަސައްކަތްތަކާއި، ކްލާސްރޫމްތަކާއި، ފާހާނާތައް ހަދާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އެގޮތުން ސިޑިގޮޅި ސީލިންކޮށް ތަށިމުށި ޖެހުމުގެ އިތުރުން ކޯރިޑޯތަކާއި ސިޑިތަކުގައި ރެއިލިން ހަރުކޮށް ދަވާދުލުމާއި، ފާހާނާތައް ފެންވައިރުކޮށް، ފާހާނާ ހޮޅި އަޅައި، ތަށިތަކާއި ފާހާނާގެ އެހެނިހެން ބައިތައް ހަރުކުރުމާއި، ކަރަންޓް ނަރުތައް އެޅުމާއި، ބޮކިފަންކާ، ޑީބޯޑު ފަދަ އެންމެހާ ބައިތައް ހަރުކުރުމާއި، އައިސީޓީއަށް އަޅަންޖެހޭ ނަރުތައް އެޅުމާއި، ސާވާރެކް ޕީއޭ ސިސްޓަމް ފަދަ އެންމެހާތަކެތި ހަރުކުރުން ހިމެނޭކަމަށް އެމްއެންޑީއެފް އިން ނބުނެ އެވެ. އަދި މީގެ އިތުރުން ފަޔާ އެކްސްޓިންގްއިޝާ ހަރުކުރުމާއި، ސްކޫލް ނަންބޯޑު ހަރުކުރުން ފަދަ މަސައްކަތްތައް ވެސް ކޮށްފައިވަކަމަށް ސިފައިން ބުނެ އެވެ.
މި މަސައްކަތްތައް ކުރިއަށްދިޔަ އިރު ފެށުނީއްސުރެ މަސައްކަތް އެއްކޮށް ނިމެންދެންހެން ތ. ދިޔަމިގިލީ އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމާކާއި ތަރުހީބެއް ވަނީ ލިބިފައިވާކަން ސިފައިން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ބައެއް މަސައްކަތްތަކުގައި ސިފައިންނާ އެކު ޢަމަލީގޮތުން މަސައްކަތުގައި ބައިވެރިވުމާއި، ސިފައިންނަށް އެކިއެކިގޮތްގޮތުން އެހީ ފޯރުކޮށްދީފައި ވާކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.
މި އިމާރާތް ހެދުމުގައި މަސައްކަތް ކުރި ސިފައިންގެ ޓީމް
މި މަސައްކަތް ފުރިހަމަކޮށް ނިންމުމުގައި އެމްއެންޑީއެފް ސާވިސް ކޯރގެ ސިފައިންނަށް އެ ކޯގެ ސިގްނަލްސްއާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނަރސް (އީއެމްއީ)ގެ ސިފައިންގެ ޓެކްނިކަލް އެހީތެރިކަމާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންގެ ބޮޑު އެހީތެރިކަމެއް ވެސް ވަނީ ލިބިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.