ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީގެ އޮފީހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވާ ގޮތުން ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރަކީ ވައިސްއެޑްމިރަލް ރިޓަޔާޑް އުވައިސް އަހްމަދު ބިލްގްރާމީ އެވެ.
އާ ސަފީރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ވައިސް އެޑްމިރަލް (ރިޓަޔަޑް) އުވައިސް އަޙްމަދު ބިލްގްރާމީ ވަނީ ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރު "އީވާން-އޭ-ސަދްރު" ގައި އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއާ ބައްދަލުކުރައްވާފަ އެވެ.
ޕާކިސްތާން އަސްކަރިއްޔާއިން ރިޓަޔާކުރެއްވި ފަހުން އޭނާ ވަނީ ޑިފެންސް މިނިސްޓްރީގެ ޗީފް އޮފް ސްޓާފްގެ މަގާމާއި އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޗީފް އޮފް ނޭވަލް ސްޓާފްގެ މަގާމު އަދާކުރައްވާފަ އެވެ.
ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ ދައުރު އެންމެ ފަހުން ފުރިހަަމަކުރެއްވި ވައިސް އެޑްމިރަލް ރިޓަޔާޑް ފައިސަލް ރަސޫލް ލޯދީ ރައީސް މުއިއްޒުގެ އަރިހަށް ވަދާއީ ޒިޔާރަތްކުރެއްވީ މިދިޔަ ހޯމަދުވަހު އެވެ.