މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ އާއެކު މި ވޭތުވެދިޔަ 18 ވަރަކަށް އަހަރު ތެރޭގައި ގާނޫނު ހެދުމުގެ ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުން ތަފާތު އެތައް ބިލަކާއި ކަންކަން ފާސްކޮށްފި އެވެ. ގާނޫނު އަސާސީއަށް ވެސް ބަދަލުތައް ގެނެސްފި އެވެ. ގާނޫނު އަސާސީގައި ގާނޫނު ހެދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށް ބުނަނީ ސަމާސާއަކަށް ނޫނެވެ. އެ ޒިންމާ މަޖިލީހާ ހަވާލުކޮށްފައިވަނީ އެ ވަގުތަކު މަޖިލީހުގައި ތިބޭ މީހުން ބޭނުންހާ ގޮތަކަށް ގާނޫނު ހަދާ ފާސް ކުރުމާއި ގާނޫނު އަސާސީއަށް ބޭނުންހާ ބަދަލެއް ގެނައުމުގެ މަގުސަދެއްގައި ކަމަކަން ވެސް ނުފެނެ އެވެ. އެ ބާރު މަޖިލީހަށް ދެނީ ތަހުޒީބު މަގުން ކަންކަން ކުރުމަށް ޝަރުތުކޮށްފަ އެވެ.
ނަމަވެސް ހިތާމައަކީ އެފަދަ ޝަރުތެއް އޮތް ކަމަށް މިދިޔަ ތިން މަޖިލީހުންނާއި މިހާރު ހިނގަމުންދާ މަޖިލީހަށް ގަބޫލު ކުރެވޭ ކަމަށް ފެންނަ ހެކިތައް މަދުވުމެވެ. މަޖިލިސްތައް ހިނގާ ގޮތާ މަޖިލީހުގެ ބޭނުމަށް ބަލާއިރު މަޖިލީހުގައި ތިބޭ ބަޔަކަށް ލާޒިމް ވަނީ ތަންދޮރުދަންނަ މީހުންނާއި ސިވިލް ސޮސައިޓީގވާހަކަތަކާއި މަޝްވަރާތަކަށް ޖާގަ ދިނުމަށް ފަހު، އެ މީހުންނާއި އެ ތަންތަނުގެ ހުށަހެޅުންތަކަށް މާނަވި ގޮތެއްގައި އިޖާބަދިނުމެވެ. އެއްވެސް ހާލެއްގައި ގައުމަށް ލިބޭ މަންފާ އާއި ފައިދާއަށް ވުރެ ބޮޑަށް ވެރިކަމުގައި ތިބޭ ބަޔަކަށް ފައިދާވާނެ ގޮތަށް ގާނޫނު ހެދުމާއި ފާސް ކުރުމާއި އެ ނޫން ވެސް ކަންކަން މަޖިލީހުން ކުރުމަކީ ގާނޫނު އަސާސީ ވެސް ދަންނަ ކަމަކަށް ނުވާނެތާ އެވެ.
އެހެން ކަމުން ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުން ގާނޫނުތައް ހަދާއިރު، މުޖުތަމައުގެ އެކި ދާއިރާތަކުގެ ފަންނީ ލަފަޔާއި ޝަކުވާތަކަށް ބީރު ކަންފަތެއް ދިނުމަކީ ޑިމޮކްރަސީގެ ރޫހާ ހިލާފު، އަދި ގައުމުގެ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލަކަށް ނުވާނެތޯ މިއީ މިއަދު ކުރަން ޖެހޭ ސުވާލެކެވެ.
ތަންދޮރުދަންނަ މީހުންނާއި މަދަނީ ޖަމިއްޔާތަކާއި ޕްރެޝަރު ގްރޫޕުތަކުގެ އަޑުތަކާއި ޝަކުވާ އާއި ހުށަހެޅުންތަކަށް ފެޔަށް ޖެހި ބިލްތައް ފާސް ކުރަމުންދާކަމުގެ ޝަކުވާގެ ވާހަކަތައް ރަށުތެރޭގައި ދައްކަމުންދާއިރު ރައްޔިތުންގެ މަޖިލީހުގެ ވިސްނުން ހުރި އިރު، ގާނޫނު އަސާސީން ރައްކާތެރިކަން ލިބިފައިވާ ގައުމީ ތަސައްވުރަކާއި ގައުމީ ތަރައްގީގެ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ކުރުމަށާއި އަތޮޅު ވަސީލަތްތަކަށް ގޮތް ނިންމުމުގައި އަތޮޅު ރައްޔިތުންގެ މަޝްވަރާ އާއި ރުހުން ހޯދުމަށް ލާޒިމް ކުރާގޮތަށް ކަނޑައަޅައި، އަތޮޅު ހިންގުމުގައި ރައްޔިތުންގެ ޝާމިލުވުން އިތުރު ކުރުމާއެކު އަތޮޅު ވަސީލަތް ބޭނުންކޮށްގެން ތަރައްގީކޮށް ހިންގުމުގެ ބާރު ދިނުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
"އެދޭ ރާއްޖޭ"ގެ ހުށަހެޅުން:
ސަރުކާރުތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ދިގުރާސްތާގެ ޕްލޭނާއެއްގޮތަށް ގައުމު ކުރިއެރުވުމަށް އެކަށައަޅަން ޖެހޭ ސިޔާސަތުތައް އެކަށައަޅައި، ސިޔާސަތުތަކާއެއްގޮތަށް ހިންގާތޯ ޔަގީން ކުރުމާއި ދިގުރާސްތާގެ ތަރައްގީގެ ޕްލޭން ތަންފީޒުވާކަން ޔަގީން ކުރުމާއި، އެހެން ގައުމުތަކާ ވާދަކޮށް ކުރި ހޯދާ ގައުމަކަށް ރާއްޖެވުން
ޑިމޮކްރަސީއެއްގައި މަޖިލީހުގެ ދައުރާއި މަސައްކަތްތައް
ދައުލަތުގެ ބާރުތައް ވަކިކުރެވިފައިވާ ނިޒާމެއްގައި ގާނޫނު ހަދާ މަޖިލީހަކީ ދައުލަތުގެ މައި ތަނބެވެ. މަޖިލީހުގެ މައިގަނޑު ދައުރަކީ ހަމައެކަނި ގާނޫނުތައް ފާސްކުރުމެއް ނޫނެވެ؛ ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމާއި، ދައުލަތުގެ ބަޖެޓު ފާސްކުރުމާއި، ރައްޔިތުންގެ އެންމެހައި ކަންބޮޑުވުންތައް އިއްވައިދިނުމަކީވެސް މަޖިލީހުގެ ޒިންމާއެކެވެ. މި މަސައްކަތްތައް ފުރިހަމައަށް ހިންގުމަށްޓަކައި ބިލްތައް ދިރާސާކުރާ ކޮމިޓީ މަރުހަލާތަކަކީ ނުހަނު މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. މި މަރުހަލާގައި ގާނޫނުތަކުގެ ފަންނީ ބައިތަކާއި، އޭގެ ސަބަބުން މުޖުތަމައަށް ކުރާނެ އަސަރުތައް ފުންކޮށް ދިރާސާކުރަން ޖެހެއެވެ.
ބިލްތައް ފާސްކުރުމުގައި ސިވިލް ސޮސައިޓީގެ ދައުރު
ތަންދޮރުދަންނަ މީހުންނާއި މަދަނީ ޖަމިއްޔާތަކާއި ޕްރެޝަރު ގްރޫޕުތަކަކީ ސަރުކާރުގެ ސިޔާސަތުތަކަށާއި މަޖިލީހުން ގާނޫނުތައް ހަދާއިރު އާންމު މުޖުތަމައުގެ މަންފާއަށް ކަންކަން ކުރުމަށް މުޖުތަމައުގައި އިސްވެ ހަރަކާތްތެރިވާ ޖުމުލަ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ފަރާތްތަކެވެ. މި ގްރޫޕުތަކަކީ މަޖިލިސް މެންބަރުންނާއި އާންމު ރައްޔިތުންނާ ދެމެދު ގުޅުވައިދޭ މުހިންމު ފާލަމެކެވެ. ގާނޫނު ހެދުމުގެ މަރުހަލާގައި ތަންދޮރުދަންނަ މީހުންނާއި މަދަނީ ޖަމިއްޔާތަކާއި ޕްރެޝަރު ގްރޫޕުތަކުން މުހިންމު ދައުރެއް އަދާކުރަން ޖެހޭނެ އެވެ. އޭގެ ތެރޭގައި ފަންނީ ދިރާސާތަކާއި ތަފާސްހިސާބު ފޯރުކޮށްދިނުމާއި، ގާނޫނުތަކުގެ ސަބަބުން އާންމުންނަށް ކުރާނެ ނޭދެވޭ އަސަރުތައް ފާހަގަކުރުމާއި، ކޮމިޓީތަކަށް ހާޒިރުވެ ބިލްތައް އިސްލާހުކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ.
ތަންދޮރު ދަންނަ މީހުންނާއި ސިވިލް ސޮސައިޓީއާ ފެޔަށް ޖެހުމުން ނިކުންނަ ނޭދެވޭ ނަތީޖާ
މަޖިލީހުން މިފަދަ ޖަމާއަތްތަކުގެ އަޑު ނާހައި ގާނޫނުތައް ފާސްކުރަން ފަށައިފިނަމަ، އޭގެ ސަބަބުން ނިކުންނަ ނަތީޖާ ވަރަށް ހިއްޗެވެ. އެންމެ ފުރަތަމަ ކަމަކަށް، ފަންނީ މައުލޫމާތު ނެތި ހަދާ ގާނޫނުތަކަކީ އަމަލީ މައިދާނުގައި ތަންފީޒުކުރަން ދަތި، އުނި އިތުރު ގިނަ ގާނޫނުތަކަކަށް ވެގެންދެއެވެ. ދެވަނަ ކަމަކަށް، ރައްޔިތުންގެ އިތުބާރު ގާނޫނު ހަދާ މަޖިލީހަށާއި ދައުލަތުގެ ނިޒާމަށް ގެއްލި، މަގުމަތީގެ މުޒާހަރާތަކާއި ހަޅުތާލުތަކަށް މަގުފަހިވެއެވެ. މީގެ އިތުރުން، އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ނުވިސްނާ އަޅާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި މަސައްކަތްތެރިންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހެއެވެ. ހާއްސަކޮށް، މަދަނީ ޖަމިއްޔާތައް އެއްފަރާތް ކުރުމަކީ ހުދުމުހުތާރު ވެރިކަމަކަށް މަގުކޮށައިދޭ ނުރައްކާތެރި ސަގާފަތެކެވެ.
ތަޖުރިބާކާރުންގެ ލަފަޔާއި ދުނިޔޭގެ ތަޖުރިބާ
ސިޔާސީ އަދި ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން އިއްތިފާގުވާ ގޮތުގައި، ދެމެހެއްޓެނިވި މަންފާތައް ހޯދުމަށް ގާނޫނުތަކެއް އެކުލަވާލެވޭނީ ވީހާވެސް ބޮޑަށް ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމަނައިގެންނެވެ. ބައިނަލްއަގުވާމީ ޑިމޮކްރެޓިކް މިންގަނޑުތައް ބުނާ ގޮތުގައި، ކޮމިޓީ މަރުހަލާގައި އާންމު މަޝްވަރާތަކާއި ތަންދޮރުދަންނަ މީހުންނާއި ސިވިލް ސޮސައިޓީގެ ބަސް ހޯދުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ބިލްތަކަށާއި ކަންކަން ނިންމާއިރު ހިޔާލާއި މަޝްވަރާ ހޯދާއިރު ފަހަރުގައި ވެސް މުޖުތަމައުގެ ޖުމްލަ މަންފާއަށް ނިކަމެތިކަން އަތުވެދާނެ ހާލަތެއް އުފެދުމުގެ ފުރުސަތު އޮތަތީ، އެ ފަދަ މަޝްވަރާތަކާއި ހުށަހެޅުންތަކާ މެދު ގޮތް ނިންމަން ޖެހޭނީ ހާމަކަން ބޮޑު ގަވާއިދުތަކެއްގެ ތެރެއިންނެވެ. މުޅި ނިޒާމުން އެފަރާތްތައް ބޭރުކޮށްލައިގެންނެއް ނޫނެވެ. ބިލެއް ގާނޫނަކަށް ހެދުމުގެ ކުރިން އޭގެ އަސަރު ކުރާނެ ހުރިހާ ފަރާތްތަކަކާ މަޝްވަރާކުރުމަކީ ގާނޫނުގެ ފެންވަރު މަތިކޮށްދޭ އެންމެ މުހިންމު ވަސީލަތެވެ.
ތަންދޮރު ދަންނަ މީހުންނާއި ސިވިލް ސިވިލް ސޮސައިޓީއާއި ޕްރެޝާ ގްރޫޕުތަކާ ފެޔަށް ޖެހިގެން ރައްޔިތުންގެ މަޖިލީހުން ކަންކަން ކުރަމުންދާދިޔުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާފައިވާ އިބްރާހިމް އިސްމާއިލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކާއި ބެހޭގޮތުން، ކަމާއި ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއާއި ހިޔާލު ނުހޯދައި، ބިލްތައް ފާސްކުރުމަކީ، ގާނޫނު އަސާސީ އާއި ހިލާފް ކަމެއް ކަމަށެވެ.
ގާނޫނު ހަދާ މަޖިލީހަކީ ރައްޔިތުންގެ ވިންދާ ވަކިން ހިނގަންޖެހޭ ތަނެއް ނޫނެވެ. ތަންދޮރު ދަންނަ މީހުންނާއި ސިވިލް ސިވިލް ސޮސައިޓީއާއި ޕްރެޝަރު ގްރޫޕުތަކަކީ ޑިމޮކްރަސީގެ ހަގީގީ އަޑު އިއްވައިދޭ، އަދި ވެރިކަން ހިންގުމުގައި ފަންނީ ބުރަދަން ޖައްސައިދޭ މުހިންމު ބައިވެރިންނެވެ. އެހެންކަމުން، އެ ފަރާތްތަކާ ފެޔަށް ޖެހި، އެ ވަގުތަކު ގައުމު ހިންގުމާ ހަވާލުވެ އޮންނަ ސަރުކާރަށާއި އެ ސަރުކާރަށް ތާއިދު ކުރާ ބަޔަކަށް މަންފާ ލިބިދާނެ ގޮތަކަށް ކަނު ލޮލަކުން ބަލަމުން ބިލްތައް ފާސް ކުރުމަކީ ހަމައެކަނި ގާނޫނީ އުނިކަމެއް ނޫނެވެ.
އެއީ މުޅި ގައުމުގެ އިޖުތިމާއީ އަދި އިގުތިސާދީ ހަމަޖެހުމަށް ދެވޭ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެކެވެ. ގައުމުގެ ކުރިމަގު އުޖާލާ ކުރެވޭނީ ތަންދޮރު ދަންނަ މީހުންނާއި ސިވިލް ސިވިލް ސޮސައިޓީއާއި ޕްރެޝާ ގްރޫޕުތަކުގެ ވާހަކަތަކާއި މަޝްވަރާތަކާއި ހުށަހެޅުންތަކަށް އިޖާބަދީގެން ދެފުށް ފެންނަ ގޮތެއްގައި މަޖިލީހުން ކަންކަން ނިންމަން މަޖުބޫރުވާ ފަދަ ހިންގުމުގެ އޮނިގަނޑެއް ރާއްޖޭގައި ގާއިމުކޮށްގެންނެވެ.