އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ސޯޝަލް މިޑިއާގައި ވިދާޅުވީ އެ މުބާރާތަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ފަހުގެ ތައްޔާރީތައް ވެސް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި މުބާރާތަކީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އާއި ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމުކުރާ މުބާރާތެއް ކަމަށެވެ. އެގޮތުން މުބާރާތުގެ އިންތިޒާމުތައް ވިލަރެސްކުރެއްވުމަށާއި، ފަހުގެ ނިންމެވުންތައް ނިންމެވުމަށްޓަކައި ސައޫދީގެ މިނިސްޓްރީގެ ހާއްސަ މަންދޫބަކު މިހާރު ރާއްޖެ ވަޑައިގެންފައިވާ ކަމަސް ވެސް ޝަހީމު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މުބާރާތް ބޭއްވުމަށް ބޭނުންވާ މާލީ އެހީތެރިކަން ސައޫދީ އަރަބިއްޔާގެ ސަރުކާރުން ހަމަޖައްސައި ދީފައިވާ ކަމަށެވެ. އެހެމްވެ އެކަމަށް ސައުދީގެ ސަރުކާރަށް ޝުކުރު ވެސް އަދާކުރައްވާފައިވެ އެވެ.
އަންނަ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތަކީ، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކީރިތި ގުރްއާން ހިތުދަސްކުރުމުގެ ޝައުގުވެރިކަން އިތުރުކުރުމަށާއި، އިސްލާމީ ތައުލީމީ ދާއިރާއިން އޮތް ގުޅުން ބަދަހިކޮށް، ސަރަހައްދީ އެއްބައިވަންތަކަން ހަރުދަނާކުރުމަށް ލިބިގެންދާނެ މުބާރާތެކެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ގުރުއާން ތައުލީމު ކުރިއެރުވުމާއި ހާފިޒުންގެ ޖީލެއް ބިނާކުރުމަށް ބާއްވާ އެ މުބާރާތް ކޮންމެ އަހަރަކު ބޭއްވުމަށް އުއްމީދު ކުރައްވާ ކަަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިފްޒުކުރުމުގެ ބައިނަލްއަގްވާމީ މުބާރާތެއް ބާއްވަން ތައްޔާރުވަމުން އަންނައިރު ރާއްޖޭގައި 300 އަށް ވުރެ ގިނަ ހާފިޒުން މިހާރު ވެސް އެބަ ތިއްބެވެ. އަދި 1،800 އަށް ގިނަ މީހުން ގުރުއާން ހިތުދަސްކުރަމުން އެބަދެ އެވެ.