ads
ހައުސިން މިނިސްޓަރު މުއްތަލިބް
އުއްމީދަކީ އަންނަ އަހަރު ރަސްމާލެއިން ގޯތި ދޫކުރަން ފެށުން: މުއްތަލިބު
ރަސްމާލޭގެ މާސްޓަރ ޕްލޭން ނިމުމާއެކު، އަންނަ އަހަރުގެ މެދުތެރޭގައި އެތަނުން ގޯތި ދޫކުރަން ފެށޭނެކަމަށް އުންމީދުކުރައްވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
Advertisement

ވަޒީރު މިހެން ވިދާޅުވީ ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 156" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ރަސްމާލެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނައިރު، ވަޒީރު ވިދާޅުވީ މާސްޓަރ ޕްލޭން ތައްޔާރުކުރާއިރު މައިގަނޑު ގޮތެއްގައި ބަލާނީ އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ގޯތި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ. މީގެ އިތުރުން މުސްތަޤްބަލުގައި އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް އިމާރާތްތައް ތަރައްޤީކުރެވޭނެ ފަދަ އިންތިޒާމުތައްވެސް އެ ޕްލޭނުގައި ހިމެނިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރަސްމާލޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ އިޤްތިޞާދީ ހަރަކާތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ، މޯލްޑިވްސް ވޯޓަރ ފްރޮންޓް މެރީނާ ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއިކުރެވިއްޖެނަމަ އެތަނުގައި ވަރަށް ބޮޑު އިޤްތިޞާދެއް އުފެދިގެންދާނެ ކަމަށެވެ. އަދި ވަޒީފާގެ ފުރުޞަތުތަކާއި، މަސައްކަތްތަކާއި ވިޔަފާރިތައް އުފެދިގެން ދިއުމަކީ ރަސްމާލެއިން ދިވެހިންނަށް ޚާއްޞަވެފައިވާ ބައި ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އެންމެ ބޮޑު ތަޞައްވުރެވެ. "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ރަސްމާލެއިން 15000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމަވާފަ އެވެ. އެ ރަށް ތަރައްޤީކުރުމަށް ޖުމްލަ 1150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ވަނީ 800 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. ސަރުކާރުގެ ދުރުރާސްތާގެ އަމާޒަކީ ކުރިއަށްއޮތް 20 އަހަރުގެ ތެރޭގައި 150،000 މީހުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތު އެ ބިމުން ފަހިކޮށްދިނުމެވެ.

މި މަޝްރޫއަކީ ރާއްޖޭގެ މޫސުމާއި ތިމާވެއްޓަށް ޚާއްޞަ ސަމާލުކަމެއް ދީގެން ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ހިންގާ މަޝްރޫއެކެވެ. އެގޮތުން ރަސްމާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެށީގެ ހިރާސްތައް ކުޑަވާނެ ފަދަ އިންތިޒާމުތަކާ އެކުގައެވެ. މީގެ އިތުރުން ރަސްމާލޭގެ ބިމުގެ ތެރެއިން 500 ހެކްޓަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގަ އެވެ. 

މި މަސައްކަތް ކުރުމަށްޓަކައި އެކުވެރި ޢަރަބި އިމާރާތުގެ އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުމަކަށް އައުމަށް ކޮމާޝަލް ޓާމް ޝީޓުގައި މިހާރު ވަނީ ސޮއިކޮށް، އެއްބަސްވުމުގެ އިތުރު މަޝްވަރާތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް