ގާނޫނީ ތައުލީމުގެ 'މިނިމަމް ސްޓޭންޑާޑްސް' އަށް މިދިޔަ ޖުލައި މަހު ބާ ކައުންސިލުން ގެނައި އިސްލާހުގައި ވަނީ އަންނަ 1 ޖެނުއަރީން ފެށިގެން ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިހާނުތަކެއް އިމްތިހާނު ހަދާ މަރުކަޒަކަށް ހާޒިރުވެގެން ހަދަން ލާޒިމުކޮށްފަ އެވެ. އަދި މިހާރު ކިޔަވަމުންދާ ދަރިވަރުން ވެސް އެ ތާރީހުން ފެށިގެން މަރުކަޒަށް ހާޒިރުވެ އިމްތިހާނު ހަދަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިއްޔެ ނިންމީ މިހާރު ކިޔަވަމުންދާ ދަރިވަރުން އެ އުސޫލުން އިސްތިސްނާކޮށް، އެ ބަދަލު އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ މައްޗަށް ހިނގާ ގޮތަށް ހަމަޖައްސަން ބާ ކައުންސިލަށް ލަފާ އެރުވުމަށެވެ.
އެކަމާ ގުޅިގެން ފިޒާނާ ފޭސްބުކްގައި ލިޔުއްވި ގޮތުގައި، ރާއްޖޭގެ ހާލަތަށް ބަލާއިރު ބާ ކައުންސިލްގެ ނިންމުމަކީ ގާނޫނީ ކޯސްތައް ނިންމާ ދަރިވަރުންގެ ފެންވަރު ހިފެހެއްޓުމަށް ނިންމި ވަރަށް ރަނގަޅު ނިންމުމެކެވެ. އެހެން ނަމަވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ ނިންމުން ނިންމިއިރު އެމްކިއުއޭގެ ބަހެއް ހޯދާފައި ނުވާތީ އެކަމުގައި ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ފިޒާނާ ވަނީ މި މައްސަލައިގައި މަޖިލީހުގެ ކޮމިޓީގެ ބައެއް މެންބަރުންގެ މަސްލަހަތު ފުށުއަރާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެގޮތުން ޖުޑީޝަރީ ކޮމިޓީގައި ގާނޫނީ ދާއިރާއިން ކިޔަވާ ދަރިވަރުން ތިބި ނަމަ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި، މަސްލަހަތު ފުށުއެޅުމަކީ ކޮބައިކަން އެނގެންވާނީ ވެސް ގާނޫނު ކިޔަވަމުން ގާނޫނު ހަދަން ތިބި ބަޔަކަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ފިޒާނާގެ އިތުރުން، ބާ ކައުންސިލްގެ ފުރަތަމަ ރައީސް ހަމްދޫން ހަމީދާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް ފަަދަ ބޭފުޅުންވެސް ވަނީ ޖުޑީޝަރީ ކޮމިޓީއިން ނިންމި ނިންމުމާއިމެދު ފާޑުވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
ޖުޑީޝަރީ ކޮމިޓީން މި މައްސަލައިގައި ގޮތެއް ނިންމިއިރު، ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ގާނޫނީ ދާއިރާއިން ޑިގްރީ ކޯހެއް ފުރިހަމަކުރައްވަމުން ގެންދަވާ ދެ މެންބަރަކު ހިމެނިވަޑައިގަންނަވަ އެވެ. އެއީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދާއި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ. މި ދެ ބޭފުޅުންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހިމެނިވަޑައިގަންނަވާ ގޮތަށް، ވެރިކަންކުރާ ޕީއެންސީގެ އިތުރު މެންބަރުންތަކެއް ވެސް ގެންދަވަނީ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއަށް ތައުލީމު ހާސިލްކުރައްވަމުންނެވެ.