ދުވަހުގެ އެންމެ ފަހު ގަޑި ނިމިއްޖެކަން އަންގައިދިނުމަށް ރަނގަބީލުގެ ގަދަ އަޑުން މުޅި ސްކޫލް ހަލަބޮލި ކޮށްލި އެވެ. ފެންޑާ ނޫން އިތުރު މިސްރާބަކަށް އޭނާގެ ކަޅި އަމާޒެއް ނުވެ އެވެ.
ރަނގަބީލުގެ އަޑުން ދެފައި ކޮޅަށް ޖެހުނަސް ގުޑައިލާކަށް ނޭގުނެވެ.
ވީނުވީއެއް ނޭގުނެވެ. ސުވާލު ކުރާނެ މީހަކު ހިތަކަށް ނައެވެ.
ކަރުހިންކުން ބޮޑުވެ ކޮށިއަރަން ފެށުމުގެ ކުރީން ގޮތެއް ނިންމުން އަސްނާގެ ނަފުސަށް މަޖުބޫރެވެ.
ހީވި ގޮތްކަމަށް ނިންމުން ނޫން ގޮތެއް ނެތެވެ.
އެކަމަށް އަޅައިނުލުމަށްވުރެން މޮޅު ގޮތެއްވެސް ނެތީ އެވެ.
ޑެސްކް މަތީގައި އޮތް ފޮތް، ދަބަހަށް ލާފައި އަވަސް އަވަހަށް ޒިބު އަޅުވައިފި އެވެ. އިސްޖަހައިގެން ހުރެ ކޮނޑުގައި ދަބަސް އަޅުވަމުން އަސްނާ ކުރިއަށް ހިނގައިގަތެވެ.
އޭނާއަށް އައިމާ ގޮވި އެވެ. ތަކުރާރުކޮށްވެސް ގޮވި އެވެ. ފަސްއެނބުރި ބެލުމެއްނެތި އަސްނާ، ކުލާހުން ނިކުމެއްޖެ އެވެ.
އައިމާ ނޫން އެހެން އަޑުތަކުންވެސް މިއަދު އަސްނާއަށް އެބަގޮވަ އެވެ. އޭނާގެ ކިޔެވުމާއި ފިލާވަޅުތަކާއި، ނިންމާ މަސައްކަތްތައްވެސް އެމީހުންނަށް މިއަދު އެނގިއްޖެ އެވެ.
މީގެ ކުރީން އައިމާ ނޫން އެހެން އެއްވެސް އެކުވެރިޔަކު އޭނާގެ ނުހުރެ އެވެ. ކުއްލިޔަކަށް އައި ބަދަލު އޭނާއަށް ބަލައެއް ނުގަނެވުނެވެ.
މިއަދު ކިތަންމެ ވަރަކަށް އަސްނާއަށް އެކުދިން ގޮވިޔަސް މަޑުކުރުމެއް ނެތެވެ.
ފަސް އެނބުރި ބަލަން އޭނާ ބިރުގަނެ އެވެ.
ފެންޑާގެ ތެރެއިން ބާރު ފިޔަވަޅުތަކުގައި އައި ކިތަންމެ ކުއްޖަކާއި އެއް ހަމައެއްގައި އަސްނާގެ ފިޔަވަޅުގެ އަޑުވެސް ގުގުމާލައިފި އެވެ. ލިފްޓުގެ ފަސޭހަކަން އަސްނާއަށް މުހިއްމެއް ނޫނެވެ.
ސިޑިތަކުން ދުވަމުން ވީ އެންމެ އަވަހަކަށް އޭނާގެ ބަހާއި ހަމައަށް ދެވޭތޯ އަޒުމު ކަނޑައެޅި އެވެ.
ކޮލެޖުން ނިކުތުމާއެކު ދެ ބުމަ ގޮށްޖެހިއްޖެ އެވެ. ގަދަ އަވީގެ ސަބަބުން ލޯ ހުޅުވޭ ވަރެއް ނޫނެވެ. ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެ ހެނެވެ. ނުރައްކަލުގެ ރަނގަބީލުގެ އަޑު އޭނާގެ ހިނދުރިން ދުރަށް ނުދެ އެވެ. އެކަން ހުއްޓުވަން އޭނާއަށް ކުރެވޭނެކަމެއްވެސް ނެތެވެ.
ހިތުގެ ބިރުވެރިކަމުން ހަތަރެސްފައި ފިނިވެ ނޫފައިގަނެފައިވާހެންވެސް ހީވަނީ އެވެ.
އަސްނާގެ ހިމޭން ދިރިއުޅުމަށް ލޮޅުން އަރައިފި އެވެ.
އައި ބަދަލެއް ނޭގެ އެވެ.
އެއްކަމެއްވެސް ރަގަޅެއް ނޫނެވެ. ހުރިހައި ކަމެއް މަޑުމަޑުން ބަދަލުވަނީ އެވެ.
އަސްނާގެ ދިރިއުޅުމުގެ ކޮންޓުރޯލު އޭނާގެ އިހްތިޔާރަކު ނެތެވެ.
ވީ އެންމެ އަވަހަކަށް ގެއަށް ދާން ބޭނުމެވެ. ބުރިޖާއި ހައިވޭގެ ޓުރެފިކުގެ އުނދަގޫ މިއަދު ނޫނީ އަސްނާއަށް އިހުސާސެއް ނުވެ އެވެ. ދުއްވަން ބޭނުންވާ ސްޕީޑުގައި ކުރިއަށް ދިއުމަށް ޑުރައިވަރަށް ހުރަސްތަކެއް ކުރިމަތިވާކަން އެނގެނީ އިރުއިރުކޮޅުން ބުރަކި ޖައްސާތީ އެވެ. އެއިން ކޮންމެ ފަހަރަކު ނިއްކުރި ފަޅައިގެން ދާވަރުވެ އެވެ.
ކަންކަން ބަދަލުވަމުންދާ ގޮތާއިމެދު ވިސްނާން އަސްނާ ބޭނުމެވެ. ހިމޭންކަމާއި އެކަނިވެރިކަމަށް އަސްނާ ލޯބިކުރެ އެވެ. ހަމަބުއްދިން ހައްލެއް ލިބޭނީ އޭނާގެ ގެއަށް ދެވިގެންނެވެ.
އެއީ އޭނާގެ ކުޑަކުޑަ ގެ އެވެ.
ހަމައެކަނި އަސްނާގެ ގެ އެވެ. ބުއްދިއާއި ސިކުނޑި އޭނާގެ ހިތް މޮޔަ ނުކުރަނީސް ގެއަށް ދެވޭނެ ފަސޭހަ ގޮތެއް ކުރިމަތިކުރައްވާތޯ އަސްނާ ދުއާ ކުރި އެވެ. އެތައް ކަމެއްގެ ހެކި އޭނާއަށ މުހިއްމެވެ. ހެކި ހޯދޭނީ ގެއަށް ދެވިގެންނެވެ.
އުނދަގޫ ދަތުރަކަށްފަހު ބަހުން ފައިބައިފި އެވެ. އިސްޖަހައިގެން ހުރެ ހިނގަމުން ދިޔައީ ފަރިތަކަމާއެކު އެވެ. އޭނާގެ ގެއާއި ހަމައަށް ދިއުމަށް މަގުތަކުގެ ވަށައިގެން ބަލާކަށް ނުޖެހެ އެވެ. ބޫޓުގެ ކޮޅަށް ބަލަމުން ދުވާލަކު ދެ ބުރަށް ކޮންމެ ދުވަހަކު އަސްނާ ހިނގަނީ މި މަގުތަކުންނެވެ.
ގެއަށް ދިއުމަށް އޮންނަ ހިމަ ގޯޅިއަށް ވަދެވުމާއެކު އޭނާގެ ދެފައިގައި ހިލިހިލާ އެޅުނު ފަދަ އެވެ.
ހަތަރެސް ފައި ގަނޑުވެ، މީހާގެ ގައިން ރޯ ހަންގަނޑު ދަމައިގަންފަދަ އެވެ.
އެސްފިޔަވެސް ހަރަކާތެއް ނުކުރި އެވެ.
އެއީ ގެ ހުންނަ ހިމަ ގޯޅި އެވެ. އެ ގޯޅީގައި މިއަދު އަސްނާގެ ގެއެއް ނެތެވެ.
ދިމާ އިދިކޮޅު މިސްރާބަކަށް މަގު އެ އޮތީ އެކޮޅުކޮޅުންނެވެ.
ނިއްކުރީގައި ރޫ ގުޅައެއް އޮތަސް އޭނާގެ ގެ ހުންނަ މިސްރާބަށް ފިޔަވަޅު ނަގަން ފެށި އެވެ.
ދޮރުއަށި ފެނުނީ އެކޮޅުކޮޅުންނެވެ.
ދޮރުއަށީގެ ތަންތަންގަނޑުން ފިލާކޮޅުކޮޅު ނެއްޓިފައި ހުއްޓަސް އެއީ އަސްނާގެ ގޭގެ ދޮރުކަން ޔަގީންކޮށްފައި ތަޅުދަނޑި ވައްދައިފި އެވެ.
ތަޅު ހުޅުވުމާއެކު އެތެރެއަށް ދޮރު ކޮށްޕާލި އެވެ.
ޒީލަގަދަ އަޑެއް ހުޅުތަކުން ގޮއްވާލާފައި އެ ދޮރު ހުޅުވިއްޖެ އެވެ.
ވިސްނާލާފައި އެތެރެއަށް ވަދެއްޖެ އެވެ.
ގޭތެރޭގައި ތަފާތެއް ނެތެވެ.
ވަށައިގެން އެނބުރެމުން، ބޯކޮޅު ބަލަމުން އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
އެތެރެއަށް ވަދެވުމާއިއެކު ބައިބުޑަށް ދަބަސް ވައްޓާލި އެވެ.
އަވަހަށް ދެމިގަތީ އޭނާގެ 'މަގާމަށެވެ'
ކޮޓަރީގެ ކަނާތްފަރާތު 'ކަން' އެއީ އަސްނާގެ އަމިއްލަ މަގާމެވެ. ހުރިހައި ވިސްނުމަކާއި ބުއްދިވެރި ހޔާލުތަށް އޭނާއަށް އެހީތެރިވަނީ އެ ކޮޓަރީގެ ކަނާތް ފަރާތުގައި ހުންނަ އަނދިރި 'ކޯނަރެވެ' (ނުނިމޭ)