ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައި ކޯޓަށް ފަނޑިޔާރަކު ހޯދުމަށް އިއުލާނުކުރީ އެ ކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ފާހަގަކޮށްލެވޭ ވަކީލުންނާއި ކުރީގެ އަދި މިހާރުގެ ބައެއް ފަނޑިޔާރުން ވަނީ ފޯމު ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ އިތުރުން، ޑްރަގު ކޯޓުގެ ގާޒީ އާދަމް އާރިފް ހިމެނިވަޑައިގަންނަވަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ:
ޝުޖާއު އުސްމާން
އާދަމް އާރިފް
ހަސަން ފަހީމް އިބްރާހީމް
އަހުމަދު ޒިޔާދު
އަލީ ރިޒާ އިސްމާއީލް
މުހައްމަދު އިބްރާހީމް
އަބްދުއްސަލާމް
އަހުމަދު ޝިފާއު
މަރްޔަމް ހަނީފާ ހާލިދު
ޖޭއެސްސީން ދެން ކުރިއަށް ގެންދާނީ މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ޝަރުތު ހަމަވޭތޯ ކަށަވަރުކުރުމަށް ފަހު، އެ ބޭފުޅުންނާ އިންޓަވިއު ކުރުމުގެ މަރުހަލާ އެވެ.
ހައި ކޯޓަށް ފަނޑިޔާރަކު ހޯދުމުގެ މަސައްކަތް ޖޭއެސްސީން ކުރަމުން އަންނައިރު، މިހާރު އެ ކޯޓުގައި އޮންނަ 11 ފަނޑިޔާރުންގެ ބެންޗުގެ އަދަދު 15 އަށް އިތުރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ވަނީ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.