މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި އެ ކާރުގައި އަލިފާން ރޯވީ ރޭ ދަންވަރު 2:30 ހާއިރުއެވެ. އަލިފާން ރޯވި ވަގުތު އެ ކާރު ޕާކުކޮށްފައި އޮތީ އެކްސިޑެންޓު ހިނގި ސަރަހައްދު ކަމަށްވާ ވިނަރެސް ޓަވަރުތަކާ ދިމާލުން އިރުމަތީ ފަރާތުގައި ދޫކޮށްފައިވާ ގޯތިތައް ހިމެނޭ ސަރަހައްދުގައެވެ. މި ހާދިސާގައި އެ ކާރު އެއްކޮށް އަނދައި އަޅިއަށް ވެފައިވާއިރު، އެ ކާރުގެ ކުރީގައާއި ފަހަތުގައި ވަރަށް ކައިރީގައި ޕާކުކޮށްފައި އޮތް ދެ ކާރަށް ވެސް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ރޯވި ކާރުގެ ރެޖިސްޓްރީ ނަމްބަރުން ފެންނަގޮތުން، އެކާރަކީ، ނިޔާވި ކުއްޖާގެ އެކްސިޑެންޓް މައްސަލައިގެ ތަހުގީގަށް ފުލުހުން ހިފެހެއްޓި ކާރު ކަމަށް ބެލެވެެއެވެ. އެ އެކްސިޑެންޓު ހިނގި ދުވަސްވަރު ތަހުގީގަށް ހެކި ހޯދުމުގެ ބޭނުމުގައި ފުލުހުން އެ ކާރު ޓޯކުރި ނަމަވެސް، ވެރިފަރާތާ އެ ކާރު އަނބުރާ ހަވާލުކުރި ވަގުތެއް އަދި ސާފެއް ނުވެއެވެ.
ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، އެ އެކްސިޑެންޓް ހިނގީ ވިނަރެސް 7 އާ ދިމާލުން މަގުމަތީގައި މަޑުކޮށްގެން އޮތް ކާރަކަށް އަރަން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ވެއްޓުނު ވަގުތުއެވެ. އެ ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ އަންހެން ކުއްޖާއަށް ބޮޑެތި ޒަހަމްތަކެއް ލިބުނީ، ސައިކަލު ވެއްޓުނު ވަގުތު ފަހަތުން އައި ކާރު އެ ކުއްޖާގެ ގައިމަތިން ދިއުމުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ކާރުގައި އަލިފާން ރޯވި ސަބަބާއި، މި ހާދިސާ ހިނގަން މެދުވެރިވި ގޮތާ ގުޅޭގޮތުން ފުލުހުންގެ ފަރާތުން އަދި މިހާތަނަށް ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.