ads
ދިރާގު ގޭމިން ކޮންކުއެސްޓް
ރާއްޖޭގެ އެންމެ ބޮޑު ގޭމިން މުބާރާތް 2،000 އަށް ވުރެ ގިނަ ގޭމަރުންނާއެކު މިރޭ ފަށަނީ
ރާއްޖޭގެ އެންމެ ބޮޑު ގޭމިން މުބާރާތް ކަމަށްވާ "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް" (ޑީއެމްޖީސީ) 2،000 އަށް ވުރެ ގިނަ ގޭމަރުންނާއެކު މިރޭ ފަށާނެ އެވެ.
Advertisement

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބޮޑު ހަރަކާތް ބަލައިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިގެން، ކޮންމެ މީހަކަށް ވެސް ހިލޭ ވަދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

މި އިވެންޓުގައި މޮބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ކުރިއަށްދާ ފޯރިގަދަ މުބާރާތްތަކާއި، ގޭމިން ދާއިރާގެ އެންމެ ފަހުގެ އައު ތަޖުރިބާތައް ފެނިގެންދާނެ އެވެ. އެގޮތުން ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ރޮކެޓް ލީގް ފަދަ މަގުބޫލު ގޭމްތަކުގެ ވާދަވެރި މެޗުތައް މި ހަރަކާތުގެ ތެރެއިން ކުރިއަށްދާނެ އެވެ. މީގެ އިތުރުން 150،000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމަކާއެކު މި އަހަރުގެ މުބާރާތް ކުރިއަށްދާއިރު، މިއީ މިދިޔަ އަހަރު ބައިވެރިވި 1،500 ކުޅުންތެރިންނަށް ވުރެ ބޮޑު އިތުރުވުމެކެވެ.

މުބާރާތްތަކުގެ އިތުރުން ވެސް، ޒިޔާރަތްކުރާ ފަރާތްތަކަށް މުނިފޫހިފިލުވުމުގެ ތަފާތު އެކި ހަރަކާތްތައް ވަނީ ތައްޔާރުކޮށްފަ އެވެ. މީގެ ތެރޭގައި ވާޗުއަލް ރިއަލިޓީ (ވީއާރު)، ރޭސިން ސިމިއުލޭޓަރު އަދި މަގުބޫލު ޓޭބަލްޓޮޕް ގޭމެއް ކަމަށްވާ "ޑަންޖަންސް އެންޑް ޑްރެގަންސް" (ޑީއެންޑްޑީ) ފަދަ ޝައުގުވެރި ކުޅިވަރުތައް އަމިއްލައަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު އޮންނާނެ އެވެ.

ދިރާގު ގޭމްސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ ޑީއެމްޖީސީއަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި އަމިއްލަ ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުސަތު ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ. ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއަރުވައި، ގޭމިން ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް