މި ގާނޫނީ ނޯޓިސް ފޮނުވާފައިވަނީ ސޯޝަލް މީޑިއާގައި ކޮންޓެންޓް އުފައްދާ ފަރާތެއް ކަމަށްވާ ސުވިގްޔާ ޝަރުމާއަށެވެ. އޭނާ އިންސްޓަގްރާމްގައި ހިއްސާކުރި މި ރީލްއަކީ ޝާހްރުކް ހާން އާއި އަނަންތު އަންބާނީ އެކުގައި ތިބެ ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ވީޑިއޯއެކެވެ.
ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ލިބި ވައިރަލްވި މި ވީޑިއޯގައި، އެ ބައްދަލުވުމުގެ ތެރެއިން ޝާހްރުކް ހާން ގާތު "މަޑުން ހުންނަން" ބުނި ކަމަށް ދޭހަވާ ގޮތަށް ވަނީ ގެނެސްދީފައެވެ. މި ވީޑިއޯއާ ގުޅިގެން އާންމުންގެ މެދުގައި އެކި ގޮތްގޮތަށް ވާހަކަދެކެވެމުން ދަނިކޮށް، މިކަން މިހާރު ވަނީ ގާނޫނީ މައްސަލައަކަށް ބަދަލުވެފައެވެ.
މި މައްސަލައާ ގުޅިގެން ޝާހްރުކް ހާންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ ސުވިގްޔާ ޝަރުމާ އާންމުކޮށްފައިވާ އެ ކޮންޓެންޓަކީ ހަގީގަތް އޮޅުވާލާ، އަދި ޝާހްރުކް ހާންގެ އަބުރަށް އުނިކަން ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ކަމަށެވެ. އަދި އެފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ވަކީލުން ފާހަގަކޮށްފައިވެއެވެ.
ޝާހްރުކް ހާންގެ ވަކީލުން ފޮނުވި ގާނޫނީ ނޯޓިސްގައި ވަނީ، އެ ރީލް ވަގުތުން ސޯޝަލް މީޑިއާއިން ނެގުމަށާއި، އެ ވީޑިއޯގައި ގެނެސްދީފައިވާ މައުލޫމާތު އިސްލާހު ކުރުމަށް އަންގާފައެވެ. މީގެ އިތުރުން، ގާނޫނީ ފިޔަވަޅު އެޅުމުގެ މަރުހަލާއަށް ބޭނުންވާތީ އެ ވީޑިއޯގެ އަސްލު މެޓީރިއަލް ރައްކާތެރިކަމާ އެކު ބެހެއްޓުމަށް ވެސް އެ ނޯޓިސްގައި ޝަރުތުކޮށްފައިވެއެވެ.