ads
ސަރުކާރުގެ އެންމ ބޮޑު އިދާރީ އޮފީސް ބިލްޑިންކަމަށްވާ ވެލާނާގެ--
ހިތް ފުރޭނީ ކިހާވަރަކުން ބާ؟
ހުސްވި ހަފްތާގެ ތެރޭގައި އަޅުގަޑުމެންނަށް ހާމަވެގެންދިޔަ އެއް ކަމަކީ ކޮވިޑާއި ގުޅިގެން ސަރުކާރުގެ ބަޖެޓުން މިހާތަނަށް 814 މިލިއަން ރުފިޔާ ޚަރަދުކުރެވުނުކަމެވެ. މީގެ ތެރޭގައި ހިމެނޭ ބޮޑު ހޭދައަކީ ބޭހާއި ޓެސްޓިންގ ކިޓް އަދި މެޝިނަރީތަކަށް ކުރެވޭ ޚަރަދުކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ވަނީ ހާމަކޮށްފައެވެ.

 މީގެ އިތުރުން މާލެ އާއި އެކި ސަރަހައްދުތަކުގައި ގާއިމްކުރެވޭ މެޑިކަލް ފެސިލިޓީތަކުގެ ޚަރަދުތައްވެސް ހިމެނެއެވެ. މިގޮތުން ކޮވިޑާއިގުޅޭ އުމްރާނީ ތަރައްގީގެ ގޮތުގައި 74 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. އަދި މާލެ ސަރަހައްދުގެ އައިސޮލޭޝަން ފެސިލިޓީތަކަށް 9.1 މިލިއަން ރުފިޔާ، އަދި  އެހެނިހެން ސަރަހައްދުތަކުގައި ހުރި އައިސޮލޭޝަން ފެސިލިޓީތަކަށް 27.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި މީގެ އިތުރުންވެސް، ކާޑުގެ ބާވަތްތަކުގެ ސްޓޮކެއް ގާއިމްކުރުމަށްޓަކައި އެސްޓީއޯ މެދުވެރިކޮށް ކުރެވުނު ޚަރަދުވެސް ހިމެނެއެވެ.

މާރިޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ އެއާޕޯޓް ފަތުރުވެރިންނަށް ވަނީ ބަންދުކުރެވިފައެވެ. މިއާ އެކު، ރާއްޖޭގެ އިގްތިސާދަށް އަދި ސަރުކާރަށް އާމްދަނީ ލިބެން އޮތް އެންމެ މައިގަނޑު ދޮރު މިވަނީ ބަންދުވެފައެވެ. ރެސްޓޯރަންޓްތަކާއި ހޮޓާތައް، އަދި އެހެނިހެން ގިނަ ވިޔަފާރިތައް ބަންދުކޮށްފައިވުމުގެ ސަބަބުން ޖީއެސްޓީގެ ގޮތުގައިވެސް ސަރުކާރަށް އާމްދަނީ ލިބުން މިވަނީ މަދުވެފައެވެ. އެހެންނަމަވެސް ކުރަންޖެހޭ ހަރަދުތައް މަދެއް ނޫނެވެ.

ދުނިޔޭގެ އެކި ގައުމުތަކުން އެބުރި ގައުމަށް އައި އެތައް ދިވެހީންނެއް، ކަރަންޓީން ކުރުމަށްޓަކައި ރިސޯޓްތަކާއި އެހެނިހެން ސެންޓަރުތަކުގައި 14 ދުވަހަށްވުރެ ގިނަ ދުވަހު ބޭތިއްބުމަށް ސަރުކާރުގެ ބަޖެޓުން އެތައް ފައިސާއެއް ޚަރަދު ކުރެވިއްޖެއެވެ. އަދި މިހާރުވެސް ދަނީ ކުރެވެމުންނެވެ. އަދި މީގެ އިތުރުން، މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން މާލޭގައި ތާށިވެފައިތިބި ރަށްރަށުގެ މީހުން އެނބުރި ރަށަށް ދިއުމުގެ ކުރިން ކަރަންޓީން ކުރެވެމުންވެސް އެބަދެއެވެ. ހަމަ ސަރުކާރުގެ ބަޖެޓުން އެތައް ފައިސާއެއް ޚަރަދުކުރެވިގެންނެވެ. މިފަދަ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ސިފައިންނާއި ދައުލަތުގެ މުވައްޒިފުންތަކެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮވިޑާއި ގުޅިގެން ވިޔަފާރިތަކަށް ލިބޭ އާމްދަނީ ހުއްޓިފައިވާތީ، މުވައްޒިފުންނަށާއި ކުލިދެއްކުމަށް ކުރަންޖެހޭ ޚަރަދުތަކަށް އެހީއެއްގެ ގޮތުގައި ސަރުކާރުން މިވަނީ އެސްޑީއެފްސީ އަދި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނު ފައިސާ ލިބޭގޮތަށް ހަމަޖައްސައިދީފައެވެ. ކޮވިޑާއި ގުޅިގެން ވަޒީފާ ގެއްލި އަދި އާމްދަނީއެއް ނުލިބޭ ފަރާތްތަކަށް ސަރުކާރުން އެލަވަންސެއް ދޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ކަރަންޓާއި ފެން ބިލުން 40 އިންސައްތަ ކަނޑައިދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

އެގިވަޑައިގަންނަވާނޭ ފަދައިން، ސަރުކާރުގެ އެންމެހާ އޮފީސްތައް ބަންދުކޮށްފައި އޮންނަތާ މިހާރު އެއް މަސް ދުވަހަށް ގިނަ ވެއްޖެއެވެ. އަދި ސްކޫލްތަކުގައި ކިޔަވައިނުދޭތާ މިހާރު ދެމަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ސަރުކާރުގެ ފަރާތުން، އަދި ދުވާލަކު ދެދަޅައަށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކާއި، އެޗްޕީއޭގެ މެސެޖުތަކުގައިވެސް މުޅިންވެސް އިލްތިމާސް ކުރެވެނީ ރައްޔިތުން "ގޭގައި މަޑުކޮށްލުމަށް" ށެވެ. މިއާ އެކު، ސަރުކާރާއި ދައުލަތުގެ 20،000 އަށް ވުރެ ގިނަ މުވައްޒިފުން ތިބީ ހަމަ ގޭގައެވެ. މުސާރަ ލިބޭ ގޮތަށެވެ.

ހަމަ އެފަދައިން ކިޔަވާ ކުދިންވެސް ގިނަ ދުވަސްތަކަކަށް ސްކޫލަށް ނުދެވި ވަނީ ތިބެން ޖެހިފައެވެ. ދޭތެރެއަކުން "ޓެލެކިލާސް" ގެ ނަމުގައި ޓީވީގެ ޗެނަލަކުން ބޮޑެތި ކުދިންނަށް ކްލާސްތަކެއް ނަގައިދިން ތަން ފެނުނެވެ. ދުވަސްކޮޅަކުން ވައިބަ އަދި އިންޓަނެޓްގެ އެހެނިހެން ވަސީލަތްތައް ބޭނުންކޮށް ހަފްތާއަކަށް ދަށް ގްރޭޑްތަކުގެ ކުދިންނަށް މަސައްކަތް ހަވާލުކުރެވުނެވެ. އަނެއްކާ އެކަންވެސް އެހާ އަވަހަށް ހުއްޓުނެވެ. އޭގެ ފަހުން އެއްވެސް ޚަބަރެއްނުވެ، ކުދިންގެ ކިޔެވުމަށް އެއްވެސް ކަމެއް ނުކުރެވި ދުވަސްތަކެއް ދިޔައެވެ. އަނެއްކާވެސް ދޭތެރެއަކުން ވައިބާ އިން ކުދިކުދި މަސައްކަތްތައް ހަވާލުކުރެވެން ފެށުނެވެ.

ދަންނަވަން މިއުޅޭ ވާހަކަ އިތުރަށް ތިލަކޮށްލެވޭތޯ ބަލާނަމެވެ. ސަރުކާރަކަށް ރައްޔިތުންނަށްޓަކައި ޔަގީނުންވެސް ހަރަދުކުރެވޭނީ މިހާކަންވަރަށެވެ. ސަރުކާރުގެ މުވައްޒިފުން ގޭގައި ތިބި ކަމުގައިވިޔަސް މުސާރަ ލިބެއެވެ. ގިނަ ބަޔަކު ގޭގައި ތިބެގެން މަސައްކަތް ކުރާކަށް ނުޖެހެއެވެ. ގޭގައި ތިބެ ކަރަންޓާއި ފެން ބިލް ބޮޑު ވެދާނެކަމަށްޓަކައި 40 އިންސައްތައިގެ ޑިސްކައުންޓެއް އެބަ ލިބެއެވެ. އަޅުގަނޑުގެ ޝަކުވާއަކީ މުސާރަ ދިނުމެއް ނޫނެވެ. ނުވަތަ ކަރަންޓާއި ފެނުގެ ޑިސްކައުންޓެއްވެސް ނޫނެވެ. 

ކޮވިޑަކީ އެއްވެސް ހާލެއްގައި އެއްބަޔަކު ގޭގައި އެއްވެސް ކަމެއް ނެތި، ނުވަތަ މަޖާކުރުމަށް އޮތް ބަހަނާއެއް ނުވަތަ ފުރުސަތަކަށް ވެގެން ނުވާނެއެވެ. މިއީ އެތައް ރައްޔިތުންތަކެއް ދިރިއުޅެމުންދާ، އަދި ތަރައްގީގެ މަގުގައި މެދު އާމްދަނީއެއްގެ ފަޚުރުވެރި ގައުމެކެވެ. ކޮވިޑާއި ގުޅިގެން ސިއްޙީ ހިދުމަތްތެރިންނާއި، ސިފައިންނާއި، ފުލުހުން، އަދި އަމިއްލަ ވިޔަފާރިތަކާއި ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުގެ މުވައްޒިފުންތަކެއް ވަރަށް ބުރަކޮށް ވަރަށް ބޮޑެތި މުހިއްމު މަސައްކަތްތަކެއް، ދިވެހި ރައްޔިތުންނަށްޓަކައި، އާދެ ދިވެހި ގައުމަށްޓަކައި ކުރަމުން އެބަގެންދެއެވެ. އެހެންނަމަވެސް މިވަރަކުން އަދި ނުފުދޭނެއެވެ.

މިގައުމުގައި ސަރުކާރެއް ގާއިމްވެފައި މިވަނީ ރައްޔިތުންނަށް ހިދުމަތްތަކެއް ދިނުމަށްޓަކައެވެ. މިހެންކަމުން، ގޭގައި ތިބެގެން ނަމަވެސް، ސަރުކާރާއި ދައުލަތުގެ ހިދުމަތްތައް ލިބޭނޭ ގޮތަށް އިންތިޒާމްތައް ކުރެވި، ހުރިހާ އެންމެންވެސް މަސައްކަތުގައި މަސްއޫލު ވާންޖެހެއެވެ. ދިވެހި ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ސަރުކާރުގެ ވުޒާރާތަކުން ބޭނުންވާ ހިދުމަތްތައް ނުހުއްޓި ލިބެންޖެހޭނެއެވެ. މިއީ ސަރުކާރު "ބަންދު" ދުވަސްތަކެއް ނޫނެވެ. ސަރުކާރެއް ރައްޔިތުންނަށްޓަކައި ބަންދެއް ނުވެވޭނެއެވެ. ގޭގައި ކަމެއް ނެތި ތިބޭކަށް މުސާރަ ދެވިގެން ނުވާނެއެވެ.

މިއީ ގައުމަށް ސަރުކާރުގެ މުވައްޒަފުންނާއި ދިވެހި އެންމެހާ ރައްޔިތުންގެ ޚިދުމަތް އެންމެ ބޭނުންވާނޭ ވަގުތެވެ. ގައުމު، އަޅުގަނޑުމެން އެންމެނަށް އެންމެ ބޮޑަށް ބޭނުންވެގެން ގޮވާނޭ ވަގުތެވެ. ދިވެހި އެތައް އާއިލާތަކެއް ވަނީ، އަދި ދަނީ ނިކަމެތިވަމުންނެވެ. އެތައް ވިޔަފާރިތަކެއް ވަނީ ހުއްޓިފައެވެ. އެތައް މުވައްޒިފުންނެއްވަނީ ވަޒީފާ ގެއްލި ނުވަތަ މުސާރަ ނުލިބިއެވެ. އެތައް ބަލި މީހުން، އަދި އެތައް ދުވަސްވީ މީހުންވަނީ އަޅާލުމަށް ބޭނުންވެފައެވެ. އެތައް ކުޑަ ކުދިންނެއް ތިބީ އުގެނުމުން މަހުރޫމްވެފައެވެ.

މިއަދު ހުންނަންޖެހޭނީ، ލޮކްޑައުން ނިމި، "ނިއު ނޯމަލް"' ގައި ރައްޔިތުން ދިރިއުޅޭނޭ ގޮތުގެ ޕްލޭންތައް ހެދިފައެވެ. ރައްޔިތުން ހޭލުންތެރިކުރުވުމަށްޓަކައި ޕްރޮގްރާމްތަކާއި، މެސެޖުތައް ދެވެން ފެށިފައެވެ. ކޮވިޑާއި އެކުވެސް ގައުމުގެ އެންމެހާ ކަންކަން ނުހުއްޓި ކުރިޔަށް ދިއުމަށްޓަކައި ތައްޔާރީތައް ވެފައެވެ.  ދިވެހި އިގްތިސާދު ހުޅުވާލުމަށްޓަކައި، އަދި ވިޔަފާރިތައް ފަށައިގަތުމަށްޓަކައި ފިޔަވަޅުތައް އެޅި، ޕްލޭންތައް ހެދިފައެވެ. ފަތުރުވެރިކަން ފަށައިގަތުމާއިއެކު، އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަން ދެނެގަނެ، ތައްޔާރީތައް ވާންޖެހެއެވެ. ފަތުރުވެރިކަމުގެ އިތުރުން، ތަފާތު އެކި ވިޔަފާރިތައް ފުޅާކޮށް އިންވެސްޓްކުރެވިގެންދާނޭ ގޮތުގެ މަގު ޗާޓެއް އެކުލަވާލަންޖެއެވެ. އެއާޕޯޓް ހުޅުވުމުގެ ކުރިންވެސް، އެތެރޭގެ ފަތުރުވެރިކަން ފަށައިގަނެ، ފުޅާ ކުރެވޭނޭ ގޮތްތައް އެބަހުއްޓެވެ. މިފަދަ ކަންކަންވެސް ރާވައި ހިންގާނޭ އުސޫލްތައް އެކުލަވާލަންޖެހެއެވެ.

ކުރާނޭ މަސައްކަތް، ކުރަން ހުރި މަސައްކަތް މަދުތޯއެވެ؟

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް