ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ މައްސަލައިގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، އިންތިހާބު ބާއްވަންޖެހޭ މުއްދަތަށްވުރެއް ފަސްކުރުމުގެ ހުއްދަ މަޖިލީހުން ދީފައިވާކަމަށެވެ. އަދި އެހެންކަމުން އެކަމުން ނިކުންނަ ނަތިޖާއަށްވެސް ހައްލު ހޯދަންޖެހޭނީ މަޖިލީހުން ކަމަށާއި، އިންތިހާބު ފަސްވުމުން އަންނަ ޤާނޫނީ ހުސްކަމަށް ހައްލެއް ހޯދައިދިނުމަކީ މަޖިލީހުގެ ދުސްތުރީ ޒިންމާއެއްކަމަށް ހިސާން ވިދާޅުވި އެވެ.
ޤާނޫނުއަސާސީ އިސްލާހު ކުރުމަކީ އެންމެ ފަހުން ކުރަންޖެހޭ ކަންތައް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ އެހެން ގޮތަކުން ހައްލު ނުލިބިގެން ނޫނީ ޤާނޫނުއަސާސީ އިސްލާހުކޮށްގެން ނުވާނެ ކަމަށެވެ. އަދި މި ހުސްކަމަށް ހައްލު ހޯދޭނީ ޤާނުނުއަސާސީ އިސްލާހު ކޮށްގެން ކަމަށާއި އާންމު ޤާނޫނަކުން އެކަމަށް ހައްލެއް ނުހޯދޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.
މީގެ އިތުރުން ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ޤާނޫނުއަސާސީ އިސްލާހުކުރުމާއި މެދު މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުން ހުރިކަން ހާމަވާކަމަށެވެ.
މީގެ ކުރިންވެސް އިންތިހާބުތައް މުއްދަތުގައި ނުބޭއްވި ލަސްވެފައި އެބަހުރި ކަން ފާހަގަކޮށް ނިޔާޒް ވިދާޅުވީ އޭރުވެސް އިންތިހާބު ބޭއްވެންދެން މަގާމުގައިތިބި ފަރާތްތައް މަގާމުގައި ދެމިތިބިކަމަށެވެ. އަދި މިހާރު ތިބި ކައުންސިލަރުން ބޭތިއްބުމަކީ އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމަށް ވިދާޅުވި އެވެ.
ކޮވިޑްގެ ހާލަތުގައި ކައުންސިލްތަކުން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުން ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ޤާނޫނުއަސާސީ އިސްލާހުކުރުން ކަމަށް ނިޔާޒް ވިދާޅުވި އެވެ.