ads
ކޮވިޑްއަށް ޓެސްޓްކުރާ ފުލުހުންގެ ޓީމް
ސާމްޕަލް ނެގުންވެސް ނަތީޖާވެސް ލަސް!
ކޮވިޑް ޖެހިގެން އެންމެ ފުރަތަމަ މަރުވި މީހާގެ ސަމްޕަލް ނެގުން ލަސްވި ވާހަކަޔަކީ ވަރަށް ސީރިއަސް މައްސަލައެކެވެ. މިއީ މަރުގެ ކޭސްއަކަށްވާތީ ސާމްޕަލް ނެގުން ލަސްވިކަން ފެންމަތިވީއެވެ. މިނޫނަސް ސާމްޕަލް ނެގުމާއި ނަތީޖާ ލަސްވުމަކީ އެތައް ބައެއްގެ ކަންބޮޑުވުމެކެވެ.

މާލޭގައި ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނުތާ ތިންވަރަކަށް ދުވަސް ފަހުން އަހުމަދު (އަސްލު ނަމެއް ނޫން) ހުން އައިސް ކެއްސާ ބޮލުގައި ރިއްސަން ފެށިއެވެ. އަހްމަދު ދިރިއުޅެނީ ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނު މ.ޖަރީމާގޭ ގެ ކައިރީގައި ހުންނަ ގެއެއްގައި ކަމަށްވާތީއާއި ކޮވިޑް ބަލީގެ އަލާމާތްތައް ހުރުމުން އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައިގެން އެންގިއެވެ. އެކަމަކު ސާމްޕަލް ނަގަން އައީ ގުޅިތާ ދެވަނަޔަށް ވީދުވަހުއެވެ. އަދި ނަތީޖާ ލިބުނީ ސާމްޕަލް ނެގިތާ ދެދުވަސް ފަހުންނެވެ. މިއީ އެންމެ ފުރަތަމަ މިބަލި ފެނުނު ވަގުތުގެ ހާލަތެވެ. މީގެ ދެދުވަސް ކުރިން މަގުމަތިން ރެންޑަމް ސާމްޕަލް ނެގުނު ފަރާތަކުން ނަތީޖާ ލިބޭނީ ކޮންއިރަކުންހޭ ސުވާލު ކުރުމުން ނަތީޖާ ލިބޭނެ ކަމަށް ބުނީ ތިންދުވަސް ފަހުން ކަމަށެވެ.

މިބަލި ކޮންޓްރޯލް ކުރުމުގެ އެންމެ މުހިއްމު މަސައްކަތަކީ ގިނަބަޔަކު އަވަހަށް ޓެސްޓް ކުރުމާއި ޕޮޒިޓިވް މީހުން ވީއެންމެ އަވަހަށް އެކަހެރި ކުރުން ކަމުގައިވާ އިރު ސާމްޕަލް ނެގުމާއި ނަތީޖާ ލަސްވުމަކީ ވަަރަށް ބޮޑު މައްސަލައެކެވެ. ޕޮޒިޓިވް މީހުން އަވަހަށް ދެނެ ނުގަނެވުމަކީ މިބަލިޖެހޭ މީހުންގެ އަދަދު ދަށަށް ނުދާ ސަބަބުކަމުގައި ތަޖުރިބާކާރުން ބުނެއެވެ.

އެއީ ބަލި ޖެހިފައި ހުންނަ މީހާ ޕޮޒިޓިވްކަން ނޭނގި އެމީހެއްގެ ފަރާތުން އެހެން މީހުންނަށް މިބަލި ޖެހޭތީއެވެ. މިސަބަބަށްޓަކައި ބައެއް ގަައުމު ތަކުގައި 20 މިނެޓްން ނަތީޖާ ލިބޭނެ ގޮތްތައް ތައާރަފް ކޮށްފިއެވެ. އަދި ޓެސްޓް ކުރުން ފަސޭހަ ކުރުމާއި ވީހާވެސް ގިނަ ބަޔަކު ޓެސްޓް ކުރެވޭނެ ގޮތް ހެދުމަކީ ވަރަށް ގިނަ ގައުމުތަކުގެ އަމާޒެކެވެ.

މިއަހަރުގެ ޖަނަވަަރީން ފެށިގެން ރާއްޖެއިން މިކަމަށް ތައްޔާރުވެ ރަނގަޅަށް ޕްލޭން ކޮށް ހުރިހާ ކަމެއްކުރާނެ ގޮތުގެ ލިއުން ތައްޔާރުކޮށް ކަންކުރާނެ ގޮތުގެ އެންމެ ފަހުގެ ޖުމްލަ ލިޔެ ފުލްސްޓޮޕް ޖަހާފައި އޮތް އިރު، ޓެސްޓްކުރުން މިހާ މިގޮތަށް ވެގެން އުޅޭ ސަބަބާއި މެދު އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މިހާރު ރާއްޖެއަކީ މިސަރަހައްދުގައި ނިސްބަތުން އެންމެ ގިނައިން މިބަލި ފެތުރިފައި އޮތް ގައުމެވެ. އަދި މުޅި ދުނިޔެއަށް ބެލިޔަސް ރައްޖޭގައި ނިސްބަތުން މިބަލި ފެތުރޭ މިންވަރު މަދެއް ނޫނެވެ. އެޗްޕީއޭގެ ފުރަތަމަ އަންދާޒާ ތަކުން ދައްކާ ގޮތުގައި މުޅިއާބާދީގެ ގިނަބަޔަކަށް މިބަލި ޖެހޭނެ ކަމުގައި ލަފާ ކޮށްފައި އޮތުމަކީ މިއަދު މިބަލި ޖެހޭ މީހުންގެ އަދަދު މަދުކުރެވިއްޖެ ކަމުގައި ބަލަން ޖެހޭ އަސާސެއް ނޫނެވެ. ހަގީގަތަކީ ނިސްބަތުން މިބަލި ރާއްޖޭގައިވަނީ ގިނަވެފައިކަމެވެ. އަދި އެއްދުވަހުން އަނެއް ދުވަހަށް ބަލި ޖެހޭ މީހުންގެ އަދަދު މަދުވާކަމަކަށް ތަފާސް ހިސާބުތަކުން ނުދައްކައެވެ. 

ދުނިޔޭގައި ލޮކްޑައުން ކުރި ގިނަ ގައުމުތަކުގައި މިބަލީގެ ކާވް ނުވަތަ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެފައި ވަކި ހިސާބަކުން ލޮކްޑައުން އާ ގުޅިގެން ބަލިޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން ދަށަށް ގޮަސްފައިވެއެވެ. އެހެންނަމަވެސް ރާއްޖޭގައި ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެންވެސް ދެތިން ދުހަކު ތަންކޮޅެއް ގިނައިން ބަލި ފެނިފައި ދެން މުޅިންވެސް ހުންނަނީ ދާދި އެއްވަރެއްގައެވެ. 

އެހެންކަމުން ރާއްޖޭގައި މިބަލި އުޅެނީ ސާޖް ނުވަތަ ޕީކްގައި ކަމުގައި ބަލަން ނުވޭ ހެއްޔެވެ؟ މިއީ ސާޖެއް ނުވަތަ ޕީކް ކަމުގައިވާނަމަ ލޮކްޑައުންގެ އަސަރެއް ނުފެނެއެވެ. ސަބަބަކީ އާބާދީގެ ނިސްބަތަށް ބަލާއިރު މިހާރު ދުނިޔޭގައި ގިނައިން މިބަލި ފެތުރިފައި ހުރި ގައުމުތަކާއި ރާއްޖެއާއި މާބޮޑު ތަފާތެއް ނެތުމެވެ. ލޮކްޑައުންގައި އޮތް އިރުވެސް ބަލި ޖެހޭ މީހުން އެކަށީގެންވާ އަދަދަކަށް މަދު ނުވެގެން އުޅޭ ސަބަބު ހޯދަންޖެހެއެވެ. ނޫންނަމަ މިވާގޮތެއް ޔަގީންކަމާއި އެކު ބުނަން ނޭނގިގެން އުޅެނީ ސާމްޕަލް ނެގުމާއި ނަތީޖާ ލިބުންވެސް ލަސްވެ އެކަހެރި ކުރުމުގެ މަސަކަތުގެ ސްޕީޑްގައި މައްސަލަތަކެއް އުޅޭތީ ނޫންތޯއެވެ؟

ރާއްޖޭގައި ކަރަންޓީނު ނިންމުމަށްފަހު ޓެސްޓްކޮށް ނަތީޖާ ނުލިބެނީސް ފުރައިގެން ދިޔަ އިޓަލީ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީއެވެ. އެތައްބަޔަކު ނުރައްކަލަށް ހުށަހެޅިގެން ދިޔައެވެ. އޮންނަ ޕްރޮސީޖާ ނޫންކަމަށް ބުނެ ޒިންމާ ނަގާނެ ބަޔަކު ނުވިއެވެ. ކޮވިޑްްގެ ފުރަތަމަ މަރުގައި އިޙްމާލުވެއްޖެއެވެ. ޒިންމާ ކޮބައިތޯއެވެ؟ ކުރެއްދޫއިން ބަލިވި ޓޫރިސްޓް ފުރުވާލި މައްސަލައިގައި ކުރެއްދޫގެ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓައިގެން ތަހުގީގު ކުރާއިރު ނިކުން ނަތީޖާއަކީ ކޮބާ ހެއްޔެވެ؟ ޖަނަވަރީން ފެށިގެން ކޮށްފައި އޮތް ޕްލޭންތަކެއް އެބައޮތްހެއްޔެވެ؟ ޓެސްޓް ކުރުން މިހެންވީ ކީއްވެހެއްޔެވެ؟ މިއީ ޖަވާބު ބޭނުންވާ ސުވާލު ތަކެވެ.

އަބަދުވެސް މަސައްކަތް ކުރައްވާ ގޮތުގެ ފުރިހަމަކަމާއި ހިއްވަރު ގަދަކަމުގެ ވާހަކަ ދެއްކުމަކީ މުއައްސަސާތައް ހިންގަވާ ފަރާތްތަކަށް އާންމުކޮށް ދެވޭ ހަދިޔާއެކެވެ. އެހެން ނަމަވެސް މުއައްސަސާތައް ހިންގަވާ ފަރާތްތަކުގެ ތެރެއިން އެންމެންނަކީ ތައުރީފް ހައްގު ބަޔަކަށް ނުވެދާނެކަން ހަނދާން ބަހައްޓަން ޖެހެއެވެ. ތައުރީފު ހައްގު ފަރާތްތަކަށް ތައުރީފު ކުރަން ޖެހޭނީ ކަންކަމުގައި އިހުމާލުވާ ފަރާތްތައް ޒިންމާ ކުރުވޭނެ އުސޫލުތަކާއި ޒިންމާ ކުރުވޭ ސަގާފަތެއް އެތަނެއްގައި ހިނގައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް