ޔުނިވާސިޓީ އޮފް ވޮޝިންޓަން އިން ހަދައިފާވާ ދިރާސާ އަކުން ދައްކާ ގޮތުގައި އޮގަސްޓް މަހުގެ ނިޔަކަށް ބްރެޒިލް އިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 125,000 އަށް އަރާނެ އެވެ. މިއީ މިހާރު އެ ގައުމުން މަރުވި މީހުންގެ އަދަދާއި ބަލާއި ފަސް ގުނަ އިތުރު އަދަދެކެވެ.
ބްރެޒިލްގައި ކޮވިޑް-19 ވައިރަސް ފެތުރޭ މިންވަރާއި ވައިރަހުގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދު ކުރަން ބޭނުންވާ ނަމަ، ދުނިޔޭގެ އެހެން ގައުމު ތަކުގައި އަމަލު ކުރި ގޮތަށް އެ ގައުމުން ވެސް އަމަލު ކުރަން ޖެހޭ ކަމަށް އެ ދިރާސާ ހެދި ޑޮކްޓަރު ކްރިސްޓޮފާ މުރޭ ވިދާޅުވެ އެވެ. އެގޮތުން، އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އަޅާ އެ ފިޔަވަޅު ތަކުގެ ދަށުން އަމަލު ކުރަން އެ ގައުމުން އެބަ ޖެހޭ ކަމަށް ވެސް ޑރ. މުރޭ ވަނީ ވިދާޅުވެފަ އެވެ.
އެ ދިރާސާ ހަދާފައި ވަނީ ބްރެޒިލްގައި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެމެރިކާ އަށް ވުރެ މައްޗައް އަރާފައި ވަނިކޮށެވެ. އެގޮތުން، މި ހަފްތާ ގެ ހޯމަ ދުވަހު އެމެރިކާ އިން 620 މީހުން 24 ގަޑިއިރުގެ ތެރޭގައި މަރުވެފައިވާއިރު ބްރެޒިލް އިން ވަނީ 800 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
ބްރެޒިލް އަކީ މިހާރު ވައިރަސް އެންމެ އަވަސް މިނެއްގައި ފެތުރެމުންދާ ގައުމެވެ. އެ ގައުމު މިހާރު ދުނިޔެއިން ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ދެ ވަނަ ގައުމުގެ ގޮތުގައި އޮތް އިރު 24,512 މީހަކު ވަނީ އެ ގައުމުން ވައިރަހުގެ ސަބަބުން މަރުވެފަ އެވެ.