ކުޑަކުދިންގެ ޙައްޤުތަކާ ކަރާމަތަށް އުނިކަން ނާންނަގޮތަށް ކުޑަކުދިންނާ ގުޅޭ އާންމު ހޭލުންތެރިކަމުގެ ކެމްޕޭނެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މީޑިޔާއަށް ގޮވާލައްވައިފިއެވެ.

Advertisement
ކުޑަކުދިންގެ ހައްގުތަކާ ކަރާމަތަށް އުނިކަން ނާންނަ ގޮތަށް ކުޑަކުދިންނާ ގުޅޭ އާންމު ހޭލުންތެރިކަމުގެ ކެމްޕޭނެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ގޮވާލައްވައިފި އެވެ.
މެޑަމް ފަޒްނާ މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ނުވަވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
މެޑަމް ފަޒްނާ ވިދާޅުވީ އެފަދަ ކެމްޕޭނެއްގެ ސަބަބުން އާންމުންގެ ހެލުންތެރިކަން އިތުރުވެ ދައުލަތުގެ އެކި މުއައްސަސާތަކުން އެކަމަށްދޭ ސަމާލުކަން އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން މިވަގުތު އެންމެ ކަންބޮޑުވާ އެއްކަމަކީ ކުޑަކުދިންނާ ގުޅުންހުރި ކަންތައްތައް ކަމަށާއި ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ކުޑަކުދިންނާ މެދު އިހްމާލުވެވޭ މަންޒަރު ކަމަށްވެސް ވިދާޅުވި އެވެ.
މިހާރު ކަން އޮންނަ ގޮތަކީ ކަމެއް ދިމާވެއްޖެނަމަ ދެ ހަފްތާއެއްހާ ދުވަސް ވަންދެން އެވާހަކައެއް މީޑިއާގައިވެސް ދެކެވި އެވާހަކައެއް އެހިސާބުން އޮބިގެން ދިއުންކަން ވެސް މެޑަމް ވަނީ ފާހަގަކުރައްވާފަ އެވެ. އޭގެ ބަދަލުގައި ކަންކަން ރޭވިގެން ދިގުމުއްދަތަކަށް އަމާޒުހިފައިގެން އާރުލާ ގޮތަކަށް ކުޑަކުދިންނާ ގުޅޭ މައްސަލަތައް ކުރިއަށް ގެންދަންޖެހޭ ކަމަށްވެސް މެޑަމް ފަޒްނާ ވަނީ ވިދާޅުވެފަ އެވެ.
މީޑިއާއިން ސަމާލުކަން ދެވިދާނެ ކުޑަކުދިންނާ ގުޅޭ ބައެއް ސުރުޚީތައް ފާހަގަކުރައްވަމުން މެޑަމް ވިދާޅުވީ މީގެތެރެއިން ގިނަ ކަންކަމަކީ ތުއްތުއިރު، ގޭތެރެއިން ފެށިގެން އަންނަ ކަންކަން ކަމަށް ބެލެވޭތީ، ބެލެނިވެރިންނަށް އަމާޒުކޮށްގެން އާންމު ހޭލުންތެރިކަމުގެ ކެމްޕޭނެއް ހިންގުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ކަންކަމާ ފުށުއަރާފަދަ ކަންކަން އިޝްތިހާރުތަކުން ފެންނަކަން ފާހަގަކުރައްވައި އެއީ އެކަން ހިނގައިގެންވާނެ ގޮތެއް ނޫން ކަމުގައިވެސް މެޑަމް ފަޒްނާ ވަނީ ވިދާޅުވެފަ އެވެ.