ރޭ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެނިގެންދަނީ ބަންދުކޮށްފައި އޮތް ރެޑްވޭވް މާޓުން ފިރިހެނަކު ނެރުމަށް ފަހު އެމްބިއުލާންސްއަށް އަރުވަން އުޅޭ މަންޒަރެވެ.
އަދި އެއީ ބޭރު މީހެއް ކަމަށް ވެސް ސޯޝަލް މީޑިއާއަށް ވީޑިއޯ ހިއްސާކުރި މީހާ ބުނެ އެވެ.
ފިޓު ޖެހުނު މީހަކު ރޭ އައިޖީއެމްއެޗަށް ގެންދިޔަތޯ ސާފުކުރަން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލްއަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދޭތީ އެކަން ސާފުވާ ގޮތެއް ނުވި އެވެ.
ފުލުހުން ވެސް ވަނީ ކޮވިޑާއި ގުޅުންހުރި ކަމެއްގައި އެ ފިހާރަ ބަންދުކޮށްފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު އިތުރު މައުލޫމާތެއް ފުލުހުންގެ މީޑިއާ އޮފިޝަލް ހިއްސާއެއް ނުކުރެ އެވެ.
އެކަމާއި ގުޅިގެން ރެޑްވޭވްގެ އޮފިޝަލަކު ސީއެންްއެމްއަށް ވިދާޅުވީ، އެތަނުގެ މުވައްޒަފަކު ފިޓު ޖެހުންކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާ ކަމަށާއި އެކަމަކު ރޭގެ ވަގުތެއްގައި ވަނީ ރެޑްވޭވް މާޓް ބަންދުކޮށްފައި ކަމަށެވެ.
އެތަން ބަންދުކޮށްފައި ވަނީ އެތަނުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންކަން ފާހަގަކުރައްވަމުން އޮފިޝަލް ވަނީ އެތަން ބަންދުކުރުމުގައި އެޗްޕީއޭ އިން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން ވެސް އެތަނުގެ ފިހާރަތައް ބަންދުކޮށްފައިވާ ކަމަށާއި އެގޮތުން ބަންދުކުރަން އައުމުގެ ކުރިން އެ އޮންނަ އުސޫލުގެ ދަށުން އެކަން ކުންފުންޏަށް އަންގާ ކަމަށެވެ. އެކަމަކު މިފަހަރު، ފުލުހުން އައިސް އެތަން ބަންދުކުރީ އެތަނުގައި މުވައްޒަފުންނާއި ވިޔަފާރި ކުރަން މީހުން ވެސް ތިއްބާ ކަމަށެވެ.