ރާއްޖެއަށް 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ދީފައިވާ އުދުވާނީ ހަމަލާގައި އިސްވެ ހުރި އަބްދުﷲ ލުތުފީ ފިލިައގެން ސްރީލަންކާ ގޮސް އުޅުނު މައްސަލައިގާ ދައުލަތުން ކޮށްފައިވާ ދައުވާގެ އަޑު އެހުން މާދަމާ ފެށުމަށް ވަނީ ތާވަލު ކޮށްފަ އެވެ.
އެގޮތުން، ގާނޫނުލް އުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ ވަނީ ލުތުފީ ގެ މައްޗަށް ދައުލަތުން އުފުލާފަ އެވެ. އަދި މި މައްސަލައިގެ އަޑު އެހުން މާދަމާގެ ހެނދުނު 11:00 އަށް ތާވަލު ކޮށްފައިވާއިރު، މި މައްސަލަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
ލުތުފީގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ ލުތުފީގެ މައްޗަށް ދައުވާކުރަނީ ބަލިވެގެން ބޭސްކުރުމަށް ދިޔުމަށް ދޫކޮށްފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓްގެ ދަށުން 16 ޖެނުއަރީ 2010 ގައި އިންޑިއާ ދިޔުމަށްފަހު 1 މެެއި 2019 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އިދާރާއަކަށް އެންގުމަކާއި ނުލާ ފިލައިގެން އުޅެފައިވާކަމަށެވެ.
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލުމާއި ގުޅިގެންނާއި ގާނޫނާ ހިލާފަށް ދިވެހި ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން ލުތުފީ އަކީ މެރުމަށް ހުކުމް ކުރި މީހެކެވެ. ނަމަވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމު ވަނީ ލުތުފީގެ މައްޗަށް އިއްވި މަރުގެ ހުކުމަށް ލުއިދެއްވާ، އުމުރު ދުވަހުގެ ނުވަތަ 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކުރައްވާފަ އެވެ.
ލުތުފީ ޖަލު ހުކުމް 21 އަހަރު ތަންފީޒުކޮށްފައި ވަނިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ލުތުފީގެ ސިއްހީ ހާލަތު ގޯސްވުމާއި ގުޅިގެން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް 2010 ވަނަ އަހަރުގައި ފޮނުއްވާފަ އެވެ.
ލުތުފީ ލަންކާގައި ފިލައިގެން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ލަންކާގައި ބޮންތަކެއް ގޮއްވާލާ، އެތައް ބަޔަކު މަރާލި ހާދިސާއާއި ގުޅިގެން ލަންކާގެ ސަލާމަތީ ބާރުތަކުން އެ ގައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ހާއްސަ އޮޕަރޭޝަނެއް ފެށުމާ ގުޅިގެން ލުތުފީ ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ އަމިއްލައަށް ހަވާލުވެފަ އެވެ.
އެމްބަސީގައި ލުތުފީ ހުންނަތާ ދުވަސްތަކެއް ފަހުން އެ މައްސަލަ ފަޅާއަރުވާލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ. އޭގެފަހުން ސަރުކާރަށް ބައެއް ފަރާތްތަކުން ފިއްތުންތައް ކުރިމަތިކުރަން ފެށުމުން ލުތުފީ ރާއްޖެ ގެނައީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހު އެވެ.
ލުތުފީ އަކީ ދިވެހިރާއްޖެ ދުށް އެންމެ ބޮޑު ޚާއިނު ކަމަށާއި އޭނާއަށް މައާފުނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.