ads
ހުސެއިން ޝަރީފް( މުންދު) -
އިސްރާއީލާ ދެކޮޅަށް ދިވެހި ސަރުކާރުން ބަހެއް ނުބުނެ ލަސްވުމަކީ ލަދުވެތި ކަމެއް: މުންދު
ހުޅަނގު އައްސޭރީގެ ބައެއް ހިފުމަށް އިސްރާއީލުން އިއުލާން ކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް އިސްލާމީ ގައުމުތަކުން ބަސްބުނަމުން އަންނައިރު ދިވެހި ރާއްޖެއިން އެކަން ކުށްވެރިކުރުން ލަސްވުމަކީ ލަދުވެތިކަމެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް ވިދާޅު ވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުގެ އޮފީހުގައި ރޭ ކުރިއަށް ގެންދިޔަ ގައިދުރު ހަރަކާތުގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ފަލަސްތީނާއި ދިވެހި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ގާތް އަހުވަންތަ ގުޅުމެއް ކަމަށާއި އެ ގައުމުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ހޯދައި ދިނުމަށް އެންމެ ބޮޑަށް ވަކާލަތު ކުރާ އެއް ގައުމަކީ ދިވެހި ރާއްޖެ ކަމަށެވެ.

ނަމަވެސް ހުޅަނގު އައްސޭރީގެ ބައެއް ހިފަން ދުރާލާ އިސްރާއީލުން އިއުލާނުކޮށްފައިވާއިރު އެކަން ކުށްވެރިކޮށް ދިވެހި ސަރުކާރުން ބަހެއް ނުބުނެ އޮތުމަކީ ލަދު ގަންނަން ޖެހޭ ކަމެއްކަމަށެވެ. އަދި އެ އަމަލު ހަރުކަށި އިބްރާތުން އިދިކޮޅުން ކުއްވެރިކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ފެންނަނީ ފަލަސްތީނާ އޮންނަ ގުޅުން ހީނަރުވެގެން އަންނަ ތަންކަމަށެވެ. އެގޮތުން މި ފެށޭ މަހު ހުޅަނގު އައްސޭރީގެ ބައެއް ހިފަން އިސްރާއީލުން މަސައްކަތް ކުރަން އިއުލާން ކޮށްފައިވާއިރު އެކަން ކުށްވެރިކޮށް ދިވެހި ސަރުކާރުން ބަސް ނުބުނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެމްޑީޕީގެ ދެ އަހަރު ވީ ވެރިކަމުގައި ވެސް ފެނިގެން ދިޔައީ މުސްލިމުންގެ އަދުއްވުން ކަމުގައިވާ އިސްރާއީލާ ގުޅުން ބަދަހި ކުރަން ސަރުކާރުން މަސައްކަތް ކުރިތަން ކަމަށެވެ.

" މިފެށޭ މަހުގެ އެކެއްގައި ހުޅަނގު އައްސޭރިއަށް އަރައިގަނެ ހުޅަނގު އައްސޭރީގެ ބައެއް ހިފަން ކުރީބައިގައި އެ މީހުންގެ ހުންނަ މުނާފިގު ކަމުން ކުރީ ބައިގަ އެކަން އިއުލާނުކޮށް އެކަން ކުރަން އެމީހުން ތައްޔާރުވަމުން ދަނީ. މިކަމާ ގުޅިގެން އަދި ދިވެހި ސަރުކާރުން ހަމަ އެއްވެސް އެއްޗެއް ބުނެފައެއް ނެތް. އަޅުގަނޑު ބަލާލި އިރު ދުނިޔޭގަ އިސްލާމީ ދައުލަތަކުން މި ވަގުތު މިކަމަށް ރަސްމީ ސިފައެއްގަ އެއްޗެއް ނުބުނާ ހަމައެކަނި ގައުމަކީ ހިތާމައާއެކު އަދި ލަދުވެތިކަމާއެކު އަޅުގަނޑުމެންގެ ކުޑަ ކުޑަ މި ދިވެހި ރާއްޖެ" މުންދު ގެ ވާހަކައިގައި ވިދާޅުވި އެވެ.

އޭގެ އިތުރުން މުންދު ވިދާޅުވީ ފަލަސްތީނާއި ދިވެހިންނާއި އޮންނަނީ އެއް ބަނޑު އެއްބަފާ ގުޅުމެއްކަމަށެވެ. އެގޮތުން ޒަމާނުއްސުރެ ފަލަސްތީނާއި ދެމެދު އޮތް ހާރިޖީ ގުޅުން ބަދަހި ކުރުމަށް ރާއްޖޭގެ ވެރިކަން ކުރެއްވި ގިނަ ރައީސުން މަސައްކަތް ކޮށްފައިވާކަމަށެވެ. އެހެންކަމުން އެ ގުޅުން އެ ގޮތުގައި ދެމި އޮންނަ ގޮތަށް އަމަލުކުރެއްވުން މުހިންމުކަމަށް މުުންދު ފާހަގަކުރެއްވި އެވެ.

ހުޅަނގު އައްސޭރީގެ ބައެއް ހިފުމަށް އިސްރާއިލުން ނިންމުމާ ގުޅިގެން ސަރުކާރުން ބަހެއް ބުނެފައި ނުވާކަމަށް މުންދު ބުނުމާ ގުޅިގެން އެކަމާ ގުޅޭގޮތުން ސީއެންއެމްއިން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މި މަހުގެ 10 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި އެކަމާ ގުޅިގެން ސަރުކާރުން ދެކޭ ގޮތް ބުނެފައިވާނެ ކަމަށެވެ. 

މި މަހުގެ 10 ވަނަ ދުވަހު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ ބައެއް އިސްރާއީލުގެ ބަޔަކަށް ހެދުމަށް ކުރަމުން ގެންދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް