ދުނިޔޭގެ އެންމެ ބޮޑު އެއްބާރު ކަމަށްވާ، އެމެރިކާގެ ސަރުކާރުން ހަނދު ގޮއްވާލުމުގެ ވިސްނުން ގެންގުޅެ އެވެ.
ނިއުޔޯކް ޕޯސްޓްގައިވާ އާޓިކަލް އެއްގައިވާ ގޮތުން "ޕްރޮޖެކްޓް އޭ119" ގެ ނަމުން ނަން ދެވިފައިވާ ސިއްރު މިޝަންގެ ޕްލޭން އެންމެ ފުރަތަމަ ކޮށްފައި ވަނީ ނިއު މެކްސިކޯގައި ހުންނަ ކާޓްލޭންޑް އެއާފޯސް ބޭސްގެ އެއާފޯސް ޑިވިޝަނަކުން ނެވެ.
އެ އާޓިކަލްގައިވާ ގޮތުން، 1959 ވަނަ އަހަރު ރިޕޯޓް ކޮށްފައިވާ "އަ ސްޓަޑީ އޮފް ލޫނާ ރީސާޗް ފްލައިޓްސް" ގައި ހަނދަށް ބޮމެއް ލައި ހަނދު ގޮއްވާލުމުގެ ޕްލޭނެއް ވަނީ އެކުލަވާލާފަ އެވެ.
އެ ރިޕޯޓުަގައި ވާގޮތުން، ގޮއްވާލަން އުޅެނީ ހަނދުގެ "ޓާމިނޭޓާ" އެވެ. އެއީ، އިރުގެ އަލި އެޅިފައި އިންނަ ދިމާލާއި އަލި ނޭޅި އަދިރިކޮށް އޮންނަ ދިމާލުގެ މެދުގައި އޮންނަ ސަރަހައްދެވެ.
ނިއުޔޯކް ޕޯސްޓްގައި ވާގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ހަނދު ގޮއްވާލާއިރު ބޮމަށް ސޯޑިއަމް އަޅަން ވަނީ ރާވާފަ އެވެ. މީގެ ސަބަބުން ހަނދު ގޮއްވާލާ އިރު ސޯޑިއަމްގަނޑު ދިއްލި ހަނދު ގޮއްވާލާ މަންޒަރު ދުނިޔޭގައި ތިބެގެން ފެންނާނެ ކަމަށް އެ ނޫހުގައިވެ އެވެ.
މީގެ އިތުރުން، އެ އާޓިކަލްގައި ޖޯން ގްރީންވާލްޑް އާއި ހަވާލާދީ ލިޔެފައި ވާގޮތުން ހަނދުގައި ނިއުކްލިއާ ބޮމެއް ގޮއްވާލުން އެއީ އެމެރިކާގެ ސަރުކާރަށް ކުރެވޭނެ އެންމެ މޮޔަ އެއް ކަންތައްކަމަށް ބުނެފައިވެ އެވެ.
"ދަ ބްލެކް ވޯލްޓް" ވެބްސައިޓް ހިންގާ ގްރީންވާލްޑް މި ވެބްސައިޓްގައި ޔޫއެފްއޯ، އެސެސިނޭޝަންސް ފަދަ ކަންކަމާ ގުޅޭ 2.1 މިލިއަން ޑޮކިއުމެންޓްސް ލިބެން ހުރެ އެވެ. "ފްރީޑޮމް އޮފް އިންފޮމޭޝަން އެކްޓް"ގެ ދަށުން މި ޑޮކިއުމެންޓުތައް އޭނާ ހޯދާފައިވާއިރު، ގްރީންވާލްޑް ވަނީ ދާދި ފަހުން "ސީކްރެޓްސް ފްރޮމް ދަ ބްލެކް ވައުލްޓް: ދަ އާމީސް ޕްލޭން ފޮ އަ މިލިޓަރީ ބޭސް އޮން ދަ މޫން އެންޑް އަދާ ޑިކްލެސިފައިޑް ޑޮކިއުނެމެންޓްސް ދެޓް ރީރޯޓް ހިސްޓްރީ" ގެ ނަމުގައި ފޮތެއް ޝާއިއު ކޮށްފަ އެވެ.
އެހެންނަމަވެސް، އެމެރިކާއިން ހަނދު ގޮއްވާލަން ރާވާފައި ވަނީ އޭރުގެ ސޯވިއެޓް ޔޫނިއަން އަދި މިހާރުގެ ރަޝިއާއަށް ވުރެ ދުނިޔޭގަ އާއި ޖައްވުގައި އެމެރިކާގެ ބާރު ވަރުގަދަކަން ދެއްކުމަށް ކަމަށް ގްރީންވާލްޑް އޭނާގެ ފޮތުގައި ބުނެފައި ވާކަމަށް ނިއުޔޯކް ޕޯސްޓުގައިވެ އެވެ. އަދި މި ރޭވުން، ރޭވުނު ގޮތަށް ކުރިއަށް ގެންގޮސްފައި ނުވަނީ ދިމާވެދާނެ ގޮތްނޭގޭ ސައިންޓިފިކް ހާދިސާ އެއްގެ ސަބަބުން ކަމަށް ވެދާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން އެމެރިކާގެ އަސްކަރިއްޔާއިން ހަނދު ގައި އަސްކަރީ މަރުކަޒެއް އެއް ތަރައްގީ ކުރުމުގެ ވިސްނުންވެސް ގެންގުޅުނު ކަމަށް އޭނާ ބުނެފައިވާ ކަމަށް ނިއުޔޯކް ޕޯސްޓުގައިވެ އެވެ.
އެ ނޫހުގައިވާ ގޮތުން އެ ޕްރޮޖެކްޓަށް ނަންދެވިފައި ވަނީި "ޕްރޮޖެކްޓް ހޮރައިޒޯން" ގެ ނަމުންނެވެ. 1959 ވަނަ މި ޕްރޮޖެކްޓު ރޭވި އިރު، ގަސްތުކޮށްފައި ވަނީ 1966 ވަނަ އަހަރަށް ވާއިރަށް ހަނދުގައި ހުންނަ ބޭސް ގައި 10 ނުވަތަ 20 ވަރަކަށް މީހުންނަށް އުޅެވޭނެ ގޮތަށް އެތަން ތަރައްގީ ކުރުމަށެވެ.
އެ ބޭސް ތަރައްގީކުރަން ބޭނުންވާ ސާމާނު ހަނދަށް ގެންދިއުމަށް މަހަކު 5.3 ސެޓާން ރޮކެޓް 1964 ވަނަ އަހަރުގެ އޮގަސްޓު މަހުން 1966 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ކޮންމެ މަހަކު ލޯންޗުކުރަންޖެހެ އެވެ.
މިވާހަކަ ތަކަކީ މޮޔަ ވާހަކަ ތަކެއް ހެން ހީވެދާނެ ކަމަށާއި އެހެން ނަަމަވެސް އަސްކަރިއްޔާ އަކީ އަބަދުވެސް "ސްޓްރެޓެޖިކް އެޑްވާންޓޭޖް" ހޯދުމަށް މަސައްކަތްކުރާ ބައެއް ކަމަށް ގްރީންވާލްޑް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، 1959 ވަނަ އަހަރު އެމެރިކާގެ އަސްކަރިއްޔާގެ ޗީފް އޮފް ރީސާޗް އެންޑް ޑިވެލޮޕްމެންޓް ވަނީ ސޯވިއެޓް އަށް ވުރެ ކުރިން އެމެރިކާއިން ހަނދުގައި އަސްކަރީ މަރުކަޒެއް އެއް ގާއިމްކޮށް އެކަމުގެ ފައިދާ ނެގުމަށް ގޮވާލާފައި ކަމަށްވެސް ނިއުޔޯކް ޕޯސްޓުގެ އާޓިކަލްގައިވެ އެވެ.
އެގޮތުން ހަނދުގައި އަސްކަރީ މަރުކަޒެއް ތަރައްގީ ކުރުމަށް ބޭނުންވާނެ ބުލްޑޯޒަރުތަކާއި ހަނދަށް ދާ މީހުން ލާނެ ސޫޓްތައް ވެސް ޑިޒައިން ކޮށްފައިވާ ކަމަށް އެނޫހުގައިވެ އެވެ.
މި ޕްރޮޖެކްޓު ކުރިއަށް ނުގެންގޮސް ވަނީ ސައިންޓިފިކް ގޮތުން ދިމާވެދާނެ މަސައްލަތަކާއި އެކަމަށް ދާނެ ހަރަދުގެ ބޮޑުކަމުން ކަމަށް އެނޫހުގައިވެ އެވެ.
އޭރުގެ ޑޮލަރުގެ އަގުން ގާތް ގަޑަކަށް ހަ ބިލިއަން ޑޮލަރަށް ވުރެ އިތުރަށް އަދި މިހާރު ގެ ޑޮލަރުގެ އަގުން ގާތް 53 ބިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވާކަމަށް ނިއުޔޯކް ޕޯސްޓުގެ އާޓިކަލްގައިވެ އެވެ.
މި ޕްރޮޖެކްޓު ކުރިއަށް އޮތްތާގައި އެމެރިކާއިން ކުރިއަށް ގެންދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގްރީންވާލްޑް ވަނީ ބުނެފަ އެވެ. މިއީ 25 އަހަރު ވަންދެން ސަރުކާރުގެ މިފަދަ އެކި ޑޮކިއުމެންޓްތައް އޭނާ އަށް އެއްކުރެވި އެ ލިޔުންތައް ދިރާސާ ކުރެވިފައިވުމުން ބުނާ ބުނުމެއް ކަމަށް ގްރީންވާލްޑް ބުނެއެވެ.