ads
ދަތުރުވެރިންގެ މާރުކޭޓް---
މާރުކޭޓު އަލުން ހުޅުވާއިރު ތިބެވޭނީ ހަމައެކަނި ދިވެހިންނަށް؛ ސިޓީ ކައުންސިލް
މާލޭގެ ލޯކަލް މާރުކޭޓް އަލުން ހުޅުވާލާއިރު އެތަނުގައި ވިޔަފާރިކުރަން ތިބެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
Advertisement

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު ޒަމީރު ވިދާޅުވީ އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކާއި އެކު މާރުކޭޓު އަލުން ހުޅުވުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ކުރަމުން އަންނަ ކަމަށެވެ. 

ޒަމީރު ވިދާޅުވީ ކައުންސިލުން މަސަައްކަތްކުރަމުން ދަނީ ޖުލައި މަހުގެ އެއް ވަނަ ދުވަހު މާރުކޭޓު ހުޅުވާލާ މާރުކޭޓަށް ޒިޔާރަތްކޮށް ރައްޔިތުންނަށް ވިޔަފާރި ކުރެވޭނެ ގޮތް ހަމަޖެއްސުމަށް ކަމަށެވެ. 

އެގޮތުން މާރުކޭޓު ހުޅުވާލާއިރު ގޮޅިތަކުގައި ތަކެތި ވިއްކަން ތިބެވޭނީ ސިޓީ ކައުންސިލްގެ ހާއްސަ ހުއްދައަކާއި އެކު ކަމަށް ޒަމީރު ވިދާޅުވި އެވެ. ގޮޅިތައް ލިބުނު ފަރާތްތަކާއި އެމީހުން އެތަނުގައި ބައިތިއްބަން ބޭނުންވާ މީހުންނަށް ކައުންސިލުން ހާއްސަ ހުއްދައެއް ދޭއިރު، އެ ގޮޅިތަކުގައި ތަކެތި ވިއްކަން ބިދޭސީންނަށް ނުތިބެވޭނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ. 

އޭގެ އިތުރުން ގޮޅިތަކުގައި ތިބެން ހުއްދަ ދީފައި ވަނީ ކޮން މީހަކަށް ކަން ކޮންމެ ގޮޅިއަކުން ވެސް ފަސޭހައިން އެނގޭނެ ގޮތަށް ފެންނަން ހުންނާނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ. 

ޒަމީރު އިތުރަށް ވިދާޅުވީ، މާރުކޭޓު ހުޅުވާލާއިރު، އާންމުނަށް މާރުކޭޓަށް ވަދެވޭނީ ވަކި އަދަދަކަށް ލިމިޓްކޮށްގެން ކަމަށާއި ގައިދުރުކަން ބެހެއްޓުމަށް ބޭނުންވާ ފާހަގަތައް ވެސް ސިޓީ ކައުންސިލުން އެތަނުގައި ކުރަހާނެ ކަމަށެވެ. އަދި މާރުކޭޓަށް ވަދެ ނިކުމެ އުޅޭ މީހުންގެ އަދަދު ބަލައި އެތަން މޮނިޓާ ކުރުމަށް ކައުންސިލުގެ ސުޕަވައިޒަރުންވެސް މާރުކޭޓުގައި ހަރަކާތްތެރިވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ. 

މަސް މާރުކޭޓަށް ވެސް މީހުންނަށް ވަދެ ވިޔަފާރި ކުރުމުގެ ފުރުސަތު ޖުލައި އެއް ވަނަ ދުވަހުން ފެށިގެން ހުޅުވާލުމަށް މަސައްކަތް ކުރާ ކަމަށާއި އެ މާރުކޭޓަށް ވެސް އެއް ފަހަރާ ވަދެވޭނީ ވަކި އަދަދެއްގެ މީހުންނަށް ކަމަށް ޒަމީރު ފާހަގަކުރެއްވި އެވެ. 

އަދި މަސް މާރުކޭޓުގައި ވެސް ލޯކަލް މާރުކޭޓެކޭ އެއް ފަދައިން ވިޔަފާރު ކުރަން ތިބެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި އަލުން އާންމުންނަށް ހުޅުވާލުމުންވެސް މަސް ވިއްކަން ތިބެވޭނީ ކައުންސިލްގެ ހާއްސަ ހުއްދަ އަކާއި އެކު ކަމަށް ޒަމީރު ވިދާޅުވި އެވެ. 

ލޯކަލް މާރުކޭޓު ޖުލައި އެއް ވަނަ ދުވަހު އަލުން ހުޅުވަނީ އެތަން ތަރައްގީ ކުރުމަށް ފަހު އެވެ. މާރުކޭޓު އަލުން ހުޅުވާއިރު 8 ފޫޓު 6.6 ފޫޓުގެ 117 ގޮޅި އަދި 11 ވަގުތީގޮޅިއެކު ޖުމްލަ 128 ގޮޅި ހުންނާނެ އެވެ. 

މާލޭގެ ދަތުރުވެރިންގެ މާރުކޭޓް މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ހުސްކުރަން ފެށީ އެތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށްޓަކަ އެވެ. 45 ވަރަކަށް ދުވަހުގެ ތެރޭގައި މަރާމާތުގެ މަސައްކަތް ނިންމައި ހުޅުވާނެ ކަމަށް ވިޔަފާރިވެރިންނަށް ސިޓީ ކައުންސިލުން އެންގި ނަމަވެސް އެގޮތަށް އެކަން ކޮށްފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް