އެ ސާވޭގައި ވާގޮތުން ލޮކްޑައުންގެ ދުވަސްވަރު 44 އިންސައްތަ މީހުން އެއްވެސް ވަރަކަށް މަސައްކަތަށް ނިކުމެފައެއް ނުވެ އެވެ. އަދި 37 އިންސައްތަ މީހުން ގޭގައި ތިބެގެން މަސައްކަތް ކޮށްފައިވާއިރު، ހަފްތާ އަކު ދެތިން ދުވަހު މަސައްކަތަށް ނިކުމެފައި ވަނީ އަށް އިންސައްތަ މީހުންނެވެ.
އަދި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ކޮންމެ 10 މީހަކުން ފަސް މީހެއްގެ ވަޒީފާ ކޮވިޑް-19 ގެ ސަބަބުން ގެއްލިފައި ނުވާކަމަށާއި އެމީހުންގެ ވަޒީފާގެ ޔަގީންކަން ލިބިފައި ވާކަމަށް ސާވޭގެ ނަތީޖާއިން ދައްކަ އެވެ.
އެހެން ނަމަވެސް ކޮންމެ 10 މީހަކުން ތިން މީހުންގެ މުސާރަ ކުޑަ ކުރެވިފައި ވާކަމަށާއި އަދި ކޮންމެ 10 މީހަކުން އެކެއްގެ އާމްދަނީ އެއްކޮށް ގެއްލިފައިވާކަމަށް ވެސް ސާވޭ އިން ދައްކަ އެވެ. އަދި ސާވޭ ގައި ބައިވެރިވި މީހުންގެ ތެރެއިން ކޮންމެ 10 މީހަކުން އެކެއްގެ ވަޒީފާ ކުރިއަށް އޮތް މަހުގައި ގެއްލިގެން ދާނެ ކަމަށްވެސް ސާވޭ އިން ދައްކަ އެވެ.
ސާވޭ އިން ދައްކާ ގޮތުން 65 އިންސައްތަ މީހުންނަށް ވަނީ ކޮވިޑް-19 ގެ ސަބަބުން މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބިފަ އެވެ. އަދި 23 އިންސައްތަ މީހުންނަށް މާލީ ގޮތުން މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާ އިރު، 12 އިންސައްތަ މީހުން ބުނަނީ ގެއްލުން ލިބުނުތޯ ނުވަތަ ނޫންތޯ ބުނަން އަދި މާ އަވަސް ކަމަށެވެ.
އޭގެ އިތުރުން، ކޮންމެ 10 ވިޔަފާރިއަކުން ފަސް ވިޔަފާރިއަށް ކޮވިޑް-19 ގެ ސަބަބުން ގިނަ ގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހުނު އިރު، ކޮންމެ 10 ވިޔަފާރި އަކުން ހަތަރު ވިޔަފާރީގެ އާމްދަނީ އެއްކޮށް ގެއްލިފައި ވާކަމަށް ސާވޭ އިން ދައްކަ އެވެ.
ސާވޭ އިން ދައްކާ ގޮތުން ކޮވިޑް-19 ގެ ސަބަބުން މާ ބޮޑު އަސަރެއް ކޮށްފައި ނުވަނީ ކޮންމެ 10 ވިޔަފާރި އަކުން އެއް ވިޔަފާރި އަށެވެ.
އެޗްޕީއޭ އާއި އެމްއެންޔޫގެ އެ ސާވޭގައި ވާގޮތުން ކޮވިޑް-19 ގެ ކުރިން 71 އިންސައްތަ މީހުން އާމްދަނީ ހޯދަމުން ގޮސްފައި ވަނީ އެމީހުން އަދާ ކުރާ ވަޒީފާއިން ލިބޭ މުސާރައިންނެވެ. ހަ އިންސައްތަ މީހުންނަށް ޕެންޝަން އަދި ކުލިން އާމްދަނީ ލިބިފައި ވާއިރު، 16 އިންސައްތަ މީހުންގެ އާމްދަނީ ބަރޯސާވެފައި ވަނީ ވިޔަފާރި އަށެވެ. ހަތް އިންސައްތަ މީހުންނަށް އާމްދަނީ އެއް ލިބިފައެއް ނުވެ އެވެ.
އެ ސާވޭގައި 2871 މީހުން ބައިވެރިވެފައި ވާއިރު، ސާވޭ އެއްކޮށް ފުރިހަމަ ކޮށްފައި ވަނީ 2697 މީހުންނެވެ. މިއީ ސާވޭގެ ފުރަތަމަ ރައުންޑް އެވެ. މި ރައުންޑް ކުރިއަށް ގެންގޮސްފައި ވަނީ މޭ މަހުގެ ތެރޭގަ އެވެ.