
ބިދޭސީންގެ ނުރައްކަލުގެ ރަތް "ސިގުނަލް" ކޮވިޑް-19 ގެ މި ހާލަތުގައި ވެސް، ވަނީ ފެނިފައެވެ. ތަޖްރިބާ ކުރެވިފައި ވެސް، މެއެވެ. އެހެން ނަމަވެސް، އެމީހުންގެ ކަންކަން ފާލުން ނެއްޓި މިހާ ހިސާބަށް މިދިޔައީ، ހަދާނެ ގޮތެއް ކުރާނެ ކަމެއް ހަމަ ނެތިގެން ހެއްޔެވެ؟ ނޫނީ މިއީ، ފައިސާގެ ދަހިވެތި ކަމުގައި ބަޔަކު ހިންގައިފައިވާ ބޮޑު ޖަރީމާއަކީ ހެއްޔެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ސިފަކުރެއްވި ގޮތުގައި ބިދޭސީން ރާއްޖެ އެތެރެކުރުމުގެ ކަންކަން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށްވުރެ ވެސް، ބޮޑެވެ. ތަޖްރިބާކާރު ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ބިދޭސީންގެ މައްސަލަ މިއަދު ވަނީ ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައެވެ. ބައިނަލް އަގުވާމީ އެތައް މުއާހަދާއެއްގައި ރާއްޖެ ސޮއިކޮށްފައިވާއިރު، ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި އޮތް ހިއުމަން ޓްރެފިކިންގ ގެ ބޮޑު މައްސަލައެކެވެ.
ގަވާއިދާ ހިލާފަށް މީހުންނަށް އުޅެވެނީ ކިއްވެ؟
އެއް ބަޔަކު ދެކޭ ގޮތުގައި ގަވާއިދާ ހިލާފަށް ބިދޭސީންނަށް އުޅެވެނީ، ސަރުކާރުގެ ދޯހަޅި ކަމުންނެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި ރާއްޖެއަށް ބިދޭސީންނަށް އެތެރެވެވޭނެ ހަމައެކަނި، ދޮރޯއްޓަކީ، ބައިނަލް އަގުވާމީ ވައިގެ ބަނދަރެވެ. ބައެއް ބިދޭސީން ޓްއަރިސްޓް ވިސާގައި ރާއްޖެ އައިސް ފިލައިގެން އުޅޭ ކަމަށް މީހުން ވާހަކަ ދައްކާތީ އަޑުއިވެއެވެ. އަދި ރާއްޖޭގައި ގަވާއިދާ ހިލާފަށް ތިބި ބައެއް މީހުން މިކަން ވިޔާފާރީގެ ގޮތުގައި ކުރަމުންވެސް ގެންދެއެވެ. ސުވާލަކީ މިފަދަ ގޮތްގޮތަށް ރާއްޖެ އެތެރެވެ ފިލައިގެން އުޅޭ މީހުންގެ ވިސާގެ މުއްދަތު ހަމަވެގެން އެފަދަ މީހުން ހޯދުމަށް ކަމާބެހޭ މުއައްސަސާއިން އިއުލާނެއް ކުރެއްވީ ކޮން އިރަކުތޯއެވެ؟
ޓުއަރިސްޓު ވިސާގައި ނޫން ގޮތަކަށް ރާއްޖެއަށް ބިދޭސީންނަށް އާދެވޭނީ، އެމީހުންނާ ޒިންމާ ވާނެ ފަރާތެއް ހުރެގެންނެވެ. ރާއްޖެއަށް އެތެރެ ކުރާ ބިދޭސީއަށް ޑިޕޮސިޓް ބަހައްޓައިގެންނެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަކީ ހަމައެކަނި، ޓުއަރިސްޓް ވިސާގައި އެތެރެވެގެން އުޅޭ މީހުންނެއް ނޫނެވެ. އެހެންކަމަށް ވީ އިރު، ބިދޭސީން މި ގައުމަށް އެތެރެ ކުރި ފަރާތްތައް އެ ޒިންމާއިން އެމީހުންނަށް ބަރީއަ ވެވުނީ ކީއްވެ ހެއްޔެވެ؟ ގާނޫނު، ތަންދެނީ، ޒިންމާވި ފަރާތް ޒިންމާދާރު ކުރުވަން ހެއްޔެވެ؟ ނުވަތަ އެ ފަރާތް ޒިންމާއިން ބަރީއަ ކުރުވައި ދައުލަތުގެ މާލިއްޔަތުން ހަރަދު ކުރާން ހެއްޔެވެ؟
އަނެއް ބަޔަކު ދެކޭ ގޮތުގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި ބިދޭސީންނަށް އުޅެވެނީ، އެ މީހުން ލައްވައި ދިވެހީން މަސައްކަތް ކުރުވާތީ އެވެ. މި ގޮތަށް މިކަން ކުރުވުމަކީ މަނާ ކަމަކަށް ވީ ނަމަވެސް، އެއީ، ލިޔުމުގައި މަނާ، ކުރުމުގައި ހުއްދަ ކަމެއްކަމަށް އާންމުންނަށް ގަބޫލު ކުރެވޭ މިންވަރަށް މިކަން ވަނީ "ހައްދުފަހަނައަޅާ" ގޮސްފައެވެ.
މި މައުލޫމާތުން އެނގުނު ގޮތުގައި ގަވާއިދާ ހިލާފަށް އުޅޭ މީހުން ލައްވާ މަސައްކަތް ކުރުވަނީ އެއީ މަނާ ކަމެއްކަން ނޭނގި ތިބެއެއް ނޫނެވެ. މިގޮތަށް މިކަން ކުރުވަނީ އެނގިތިބެ އެވެ. އެކަމަށް އަޅައިލާނެ ފަރާތެއް ނެތީމައެވެ. ކޮންމެ ގޮތެއް "ވަރިހަމަ" ވީމާ ދެންވާނީ މިހެންތާ އެވެ.
ދެހާސް ނަވާރަވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފެންމަތިވީ އެއް ހަބަރަކީ ށ. ޅައިމަގުގައި ދުއްވާ ބޯޓެއް ކަމަށްވާ "ކުރިމަގު"ގައި އުޅުނު ލުތުފަރު ނަމަކަށް ކިޔާ މީހަކު މެރުމަށް ފަހު ކަނޑުފެއްތި ވާހަކައެވެ. ގަވާއިދާ ހިލާފަށް އުޅުނު މި މީހަ މަރައިލީ އެ ބޯޓުގައި އުޅުނު ބަނގަލަދޭސްގެ ބަޔެކެވެ. މި މީހުންނަކީ ވެސް، ގަވާއިދާ ހިލާފަށް ގެންގުޅެމުންދިޔަ މީހުންނެވެ. މައްސަލަ ހޫނުވެ "ކޯދުލައިގެން" ދިޔައިރު، ލުތުފަރަކީ ރާއްޖެ އައި މީހެއްކަން ވެސް އެނގޭނެ ގޮތެއް ނެތެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ހައްޔަރު ކުރީ، ކުރިމަގު ބޯޓުގައި މަސައްކަތް ކުރި، އަދި ލުތުފަރު މަރައިލުމުގައި ބައިވެރިވި ބިދޭސީންނެވެ. ބޯޓުގެ ކެޕްޓަން ނުވަތަ ވެރިފަރާތުގެ ވާހަކަ ދެފަހަރު ދެގޮތަށް ހުރި ނަމަވެސް، އޭނާއަށް އެއްވެސް ހާސްކަމެއް ނެތެވެ.
ދިވެހިރާއްޖޭގެ އެއްގަމާއި ކަނޑުގައި އަދި ވައިގެ ތެރޭގައި އުޅަނދުފަހަރު ދުއްވެނީ އެކަމަށް ހާއްސަ ލައިސަންސެއް އޮވެގެންނެވެ. ދުއްވަން އެނގުނު ނަމަވެސް ލައިސަންސް ނެތި ދުއްވުމަކީ މަނާ ކަމެކެވެ. މިހާރުވެސް، މަގުމަތިން އެތައް ސައިކަލެއް ހުއްޓުވައި ލައިސަންސް ނެތިގެން ނުވަތަ އަހަރީ ފީ ނުދައްކައި އޮވެގެން، ނުވަތަ، ރޯޑުވާދިނަސް ނުހައްދަ އޮވެގެން އެތައް ދިވެހީންނެއް ޖޫރިމަނާ ކުރާތީ އެބަ ފެނެއެވެ. އެއީ، އެކަން އޮންނާން ވެސް، ޖެހޭނެ ގޮތެވެ. އެކަމަކު ސުވާލަކީ، ދިވެހި ގައުމުގައި އަދަބު ލިބޭން ޖެހެނީ ހަމައެކަނި ދިވެހީންނަށްތޯއެވެ؟
ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދިއުމަކީ އަދި އެމީހާ ނުވަތަ މީހުން ހައްޔަރު ކުރުމެއް ނޫނެވެ. ފުލުހުންނަށް މީހަކު ނުވަތަ ބަޔަކު ހައްޔަރު ކުރެވޭނީ ކޯޓުން އެ ކަމަށް އަމުރު ނެރުނީމައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ދިއުމާއި ފުލުހުން މީހަކު ހައްޔަރު ކުރުމަކީ މުޅީން ތަފާތު ދެކަމެކެވެ.
ކުރީން ދެންނެވި ދޯނީގައި ތިބި މީހުންނާ ގުޅޭގޮތުން ފުލުހުން ބައެއް ނޫސްތަކަށް ބުނެފައި ވަނީ، މިފަދައިންނެވެ.
"ފުލުހުން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފަހައްޓައި އިމިގްރޭޝަނާ ކުރިން ހަވާލު ކުރަމުން އައި ކަމަށެވެ. އެކަމަކު، ވަސީލަތް ނެތުމުގެ ސަބަބުން އިމިގްރޭޝަނުން އެ ބިދޭސީންނާ މިހާރު ހަވާލު ނުވާ ކަމަށް ފުލުހުން ބުންޏެވެ."
ދިވެހިރާއްޖެއަކީ، މިނިވަން މުސްތަގިއްލު ގައުމެކެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް، ފިޔަވަޅު އެޅުމަށް ވަސީލަތް ނެތް ކަމަށް ބުނެ، އެމީހަކު ކުރާނެ ކަމެއް ކުރުމަށް، އުޅޭނެ ގޮތަކަށް އުޅުމަށް ދޫކޮށްލެވޭނަމަ ގައުމެއްގެ ސިފަ މި ގައުމުގައި އެބަ ފުރިހަމަވޭތޯ އެވެ؟ ބިދޭސީންގެ މައްސަލަ ހައްލުނުވިކަމަށް ހަދައިގެން ސަރުކާރު ހިންގަން ހަވާލުވާ މީހުން މިއުޅެނީ ކީއްވެގެންތޯ އެވެ.
(އަދި ނުނިމޭ. އަންނަ އާދީއްތަ ދުވަހަށް އިންތިޒާރު ކޮށްލައްވާ)
އެޑިޓަރުގެ ނޯޓް:
ޢާޠިފް ޢަބްދުލް ޙަކީމް - ދޮންފަން އަކީ ތަފާތު އިޖުތިމާއީ މައްސަލަތަކަށް ލިޔުއްވާ ބޭފުޅެކެވެ.