ads
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު (ކ)ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެކު -- ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީން މިނިވަންކުރުމަށް ސަރުކާރަށް އެއްވެސް ފިއްތުމެއް ނެތް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްޤައްޔޫމްއަށް ކްރިމިނަލް ކޯޓްއިން ކުރި 5 އަހަރު ޖަލު ހުކުމާއި ގުޅިގެން ސަރުކާރަށް އެއްވެސް ނުފޫޒެއް ނެތް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
Advertisement
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި ސަރުކާރަށް އެއްވެސް ފަރާތެއްގެ ފިއްތުމެއް އައިސްފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް ޔާމީނަށް އިއްވި ޖަލު ހުކުމާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމައުގެ ކަންބޮޑުވުން އެބައޮތް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނަމުން ގެންދާތީ ރައީސް ޔާމީން މިނިވަންކުރުމަށް އެއްވެސް ފަރާތަކުން ފިއްތުތައް ކުރިމަތިކުރަމުންދޭތޯ ސީއެންއެމްއިން ސުވާލު ކުރުމުން، ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ އެފަދަ އެއްވެސް ފިއްތުމެއް ނެތް ކަމަށެވެ.

ހޫދު ވިދާޅުވީ ރައީސް ޔާމީންގެ ޖަލު ހުކުމާއި ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްވެސް ކަންބޮޑުވުމެއް ރައީސް އޮފީހާއި ހަމައަށް އައިސްފައިވާ ނުވާ ކަމަށެވެ. ރައީސް ޔާމީން ޖަލަށްލުމާ ގުޅިގެން ކަންބޮޑުވެގެން ދުނިޔޭގެ އެއްވެސް ގައުމަކުން ގުޅާފައިވެސް ނުވާ ކަމަށާއި، ބައިނަލްއަގްވާމީ އެއްވެސް ޖަމިއްޔާއެއްގެ އެއްވެސް ބަޔާނެއް ވެސް މިކަމުގައި ސަރުކާރަށް ލިބިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާއިރު އިދިކޮޅު ކޯލިޝަނުން ދަނީ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާ ސިލްސިލާ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ރައީސް ޔާމީނަށް އިއްވި ޖަލު ހުކުމާ ގުޅޭ ތަފްސީލް މައުލޫމާތު ބައިނަލްއަގްވާމީ ފަރާތްތަކާއި ހިއްސާކުރެއްވުމަށް އިދިކޮޅު ކޯލިޝަންގެ ވަފްދެއް ވަނީ ދާދިފަހުން ސްރީލަންކާއަށް ވެސް ޒިޔާރަތް ކުރައްވާފަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ދިޔަ ގޮތާ މެދު ބޭރުގެ ފަރާތްތަކުން ކަންބޮޑުވާ ކަމަށެވެ. ޝަރީއަތް ދިޔަ ގޮތާމެދު ބޭރުގެ ފަރާތްތަކުން ވަރަށް އަވަހަށް ބަޔާންތައް ނެރޭނެ ކަމަށްވެސް ސައީދު ވިދާޅުވި އެވެ. ނަމަވެސް ރައީސް ޔާމީން ޖަލަށްލީ ފަހުން މިއަދާ ހަމައަށް ދުނިޔޭގެ އެއްވެސް ގައުމަކުން ވެސް އަދި ބައިނަލްއަގްވާމީ އެއްވެސް ޖަމިއްޔާ އަކުންވެސް ރައީސް ޔާމީންގެ ޖަލު ހުކުމްގެ މައްސަލައިގައި ކަންބޮޑުވެ، އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕެޓިޝަނެއް ވެސް ތައްޔާރުކުރަމުންދާއިރު 10000 އަށް ވުރެ ގިނަ މީހުން އެ ޕެޓިޝަންގައި ސޮއިކޮށްފައިވާ ކަމަށް ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ހުސެއިން ޝަރީފް (މޮންދު) ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމްކުރުމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ބޭރުގެ ފަރާތްތަކާ ބައްދަލުކުރައްވާ ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތް ފަށާފައިވާއިރު ރައީސް ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމުން އޭރުގެ އިދިކޮޅު އެމްޑީޕީގެ ބޭފުޅުން ބޭރުގެ ފަރާތްތަކާ ބައްދަލުކުރެއްވުމުން ރައީސް ޔާމީން އެކަން ސިފަކުރައްވާފައި ވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގަ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހައިކޯޓްގައި އިސްތިއުނާފްކޮށްފަ އެވެ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް