ads
އަލީ ރިޒާ--
ރިޒާގެ ކުންފުންޏަށް ހިއުމަން ޓްރެފިކިންގެ ތުހުމަތު
ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ އާރުއައިއެކްސް (ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކުރިކަމުގެ ތުހުމަތުކޮށް މައްސަލަ ބަލަން ފަށައިފި އެވެ.

މުސާރަ ނުދޭ މައްސަލައާ ގުޅިގެން ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެއްވެގެން ވަނީ އެތަނުގައި ތިބި ދިވެހިންތަކެއް ވެސް މިދިޔަ ބުރާސްފަތި ދުވަހު ރަހީނުކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން 19 ބިދޭސީއަކު ހައްޔަރުކުރިއިރު އެމީހުންގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ވަނީ އެކަން ހިނގާދިޔަ ގޮތް ވަރަށް ސާފުކޮށް ކޯޓުގައި ކިޔައިދީފަ އެވެ. 

އެގޮތުން މުސާރަ ހޯދުމަށް އާދޭސްކުރުމުން، ބިރު ދައްކާއި މަރުގެ އިންޒާރުދިން ކަމަށް އެމީހުން ވަނީ ބުނެފަ އެވެ. މުސާރަ ނުލިބޭތާ ހަ މަސް ދުވަސްވާތީ އެކަމުގެ ޝަކުވާކުރުމުން، މުސާރަ ނުދޭނެ ކަމަށް ބުނެ އެރަށަށް ބަޔަކު ފޮނުވާއި، އެ މީހުންނަށް ބިރު ދައްކާފައިވާ ކަމަށާއި މުސާރަ ނުދީ އެމީހުން ފޮނުވާލާނީ މާލެއަށް ކަމަށް ވެސް ބުނެފައިވާ ކަމަށް އެމީހުން ވަނީ ކޯޓުގައި ބުނެފަ އެވެ. 

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އެކުންފުނިން ހަވާލުވެ، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާކަމަށް އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެ އެވެ. 

އޭގެ އިތުރުން، ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތި ކަމާއި މަޖުބޫރީ ހާލަތުގެ ބޭނުންނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރައާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރުވާފައިވާ މައްސަލަ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން އިތުރަށް ބުނީ އެ މަސައްކަތްތެރީންގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށް އަނބުރާ މާލެ ސަރަހައްދަށް ފޮނުވާފައިވާކަމަށް ވެސް ތުހުމަތު ކުރެވޭ ކަމަށެވެ.

އެ މައްސަލަ ފުލުހުންގެ ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް