
އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ކުރީސަފުގައި މަސައްކަތްކުރާ މުވައްޒަފުންގެ މައުލޫމާތު ހުރިހާ މިނިސްޓްރީތަކަކުން ވަކި ޕޯޓަލްއެއް މެދުވެރިކޮށް ފުރިހަމަ ކުރަމުންދާ ކަމަށެވެ. އަދި އެ މައުލޫމާތު ފުރިހަމަކޮށްފައިވާ މިނިސްޓްރީތަކުގެ މުވައްޒަފުންނަށް ޖުލައި މަހުގެ މުސާރައާއެކު އެލަވަންސް ލިބޭނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ކުރީސަފުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ އިނާޔަތެއް ދިނުމަށް ސަރުކާރުން ނިންމީ އޭޕްރީލް މަހުއެވެ. އެލަވަންސް ދިނުމަށް ނިންމާފައިވަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ.
އެގޮތުން ފުރަތަމަ ކެޓަގަރީގައި ހިމެނޭ ހައި ރިސްކު ކެޓަގަރީ އެވެ. އެއީ ބައްޔަށް ޕޮޒިޓިވް މީހުންނާއި ސީދާ ކޮންޓެކްޓް ވާ މީހުންނެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހުންނާއި ލެބޯޓްރީގައި މަސައްކަތްކުރާ މީހުން އަދި ބަލި މީހުން އުފުލާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންނެވެ. އެ ކެޓަގަރީ އަށް އެލަވަންސްގެ ގޮތުގައި ދޭން ނިންމާފައިވަނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500ރ. އެވެ.
ދެވަނަ ކެޓަގަރީގައި ހިމެނެނީ މީޑިއަމް ރިސްކް ކެޓަގަރީ އެވެ. އެއީ ޕޮޒިޓީވް ވާ މީހުންނާ ސީދާ ގޮތުން ދިމާވާ މީހުންނާ މުއާމަލާތް ކުރަންޖެހޭ މީހުންނެވެ. މިކެޓަގަރީއަށް އެ އެލަވަންސެއްގެ ގޮތުގައި ދިނުމަށް ހަމަޖައްސާފައިވަނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 250 ރުފިޔާ އެވެ.
ތިން ވަނަ ކެޓަގަރީ އެއްގެ ގޮތުގައި ކަނޑައަޅަފައި ވަނީ މި ދެ ކެޓަގަރީގައި ނުހިމެނޭ އެހެންނަމަވެސް ކޮވިޑް-19 އާ ގުޅޭ މަސައްކަތުގައި މަދުވެގެން ހަ ގަޑިއިރު މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 200ރ. ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ގިނަ މުވައްޒަފުންތަކެއް ގެންދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި މިނިސްޓްރީތަކާއި ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ހިމެނެ އެވެ.