ads
ފޮޓޯ: މާލޭ ސިޓީ ކައުންސިލް--
ފިހާރަ ދޮރުގައި ފަހެއް، އެތެރޭގައި ފަނަރަ!
ކޮވިޑް-19 އާ ގުޅިގެން އެޅިގެން ދިޔަ ސަލާމަތީ ފިޔަވަޅުތަކާއި އެކު މާލެ ފުރަބަންދުގެ ހާލަތަކަށް ގެނެވުނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ސަރުކާރު އޮޕީސްތައް ބަންދުކުރެވި ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި ފުރަ މާލެއަށް އަރާ ފޭބުން މަނާ ކުރެވި، ލޮކްޑައުންކުރި އެވެ. ދުވާލެއްގެ މައްޗަށް ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް ބައްޔަށް ޕޮޒިޓިވް ވަމުން ގޮސް ކުއްލިއަކަށް ބަލި ޖެހޭ މިންވަރު މަަދުވަން ފެށުމުން ފުރަތަމަ ފިޔަވަހީގެ ލުއިތައް ދީފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހެވެ. މި ލުޔާއެކު ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެފައި ނުވާތީ ދެވަނަ ފިޔަވަހީގެ ލުއިތައް ވެސް ލިބުނެވެ. އަދި ބަލި ފެތުރޭ މިންވަރު އެއްވަރެއްގައި ހިފެހެއްޓި، ދުވާލެއްގެ މައްޗަށް ބައްޔަށް ޕޮޒިޓިވްވާ މީހުން ދަށްވަން ފެށުމުން ތިންވަނަ ފިޔަވަހީގެ ލުއިތައްވެސް ދެވުނެވެ. ތިންވަނަ ފިޔަވަހީގެ ލުއިތައް މިމަހުގެ އެއްވަނަ ދުވަހު ދެވިގެން ދިޔައިރު ސަރުކާރުގެ އޮފީސްތައް ހުޅުވިގެން ދިޔައިީ މިމަހުގެ ފަސްވަނަ ދުވަހުއެވެ.
Advertisement

ސަރުކާރުގެ އޮފީސްތައް ހުޅުވިގެން ދިއުމުގެ އިތުރުން ސެލޫންތަކާއި، އޮފީސްތަކާއި، އެކި ސެންޓަރުތަކުގެ އިތުރުން ފިހާރަތަކާއި އެހެނިހެން ތަންތަންވެސް ހުޅުވަން ސަރުކާރުން ހުއްދަ ދިނެވެ. އެހެން ނަމަވެސް ހިދުމަތް ދޭ މިފަދަ ތަންތަނުގައި ގައިދުރުކަން ބެހެއްޓުމަށާއި އެންމެން މާސްކް އަޅައިގެން ތިބުމަށް އެޗްޕީއޭއިން އަންގާފައިވެ އެވެ.

މިގޮތުން ހިދުމަތްތައް ދޭ ތަންތަނުގެ ކުޑަބޮޑުމިނަށް ބަލާ އެތަނަކަށް އެއްފަހަރާ ވަދެވޭ މީހުންގެ އަދަދު އެޗްޕިއޭއިން ވަނީ ކަނޑައަޅާފައެވެ. އަދި ހިދުމަތް ދޭއިރު ފިހާރަ ބޭރުގައި އެއްފަހަރާ ފިހާރައަށް ވަދެވޭ މީހުންގެ އަދަދު ފެންނަ ގޮތަށް ހަރުކޮށްފައި ބެހެއްޓުމަށްވެސް އިރުޝާދު ދީފައިވެ އެވެ.

ނަމަވެސް ފެނިގެން މިދަނީ މުޅިން ތަފާތު މަންޒަރެެވެ. ފިހާރައެއްގެ ބޭރުގައި ފަސް މީހުންނަށް ވަދެވޭނެ ކަމަށް ޖަހާފައި އިނަސް ފިހާރަ އެތެރެ ފުރި ބާރުވެ، ތޮއްޖެހިފައިވާ މަންޒަރެވެ. ގައިދުރު ކުރުމެއް ނެތި ހަރަކާތްތެރިވަމުންދާ މަންޒަރެވެ. ކޮވިޑް-19 އަކީ ގައިންގަޔަށް އަރާ ބައްޔެއް ކަމުން އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް ތަކުރާރުކޮށް ނަސޭހަތް ދިން ނަމަވެސް ހިދުމަތްދޭ ތަންތަނުންވެސް އެޗްޕީއޭއިން އަންގާގޮތަށް އަމަލު ނުކުރާ މަންޒަރު ވެސް ދަނީ ފެންނަމުންނެވެ. މިއީ ބަލި އިތުރަސް ފެތުރިގެން ދާނެ ކަމުގެ ބިރުވެރިކަމެއް އޮތް ކަމެކެވެ.

މި ދަނޑިވަޅަކީ ވިޔަފާރީ ކުރަން ގިނަ ބަޔަކު ފިހާރައަށް އެއްފަހަރާ ވައްދައިގެން އާމްދަނީ ރަނގަޅު ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ ނަފްސުގެ ރައްކާތެރިކަމަށާއި އެހެން މީހުންގެ ރައްކާތެރިކަމަށް އިސްކަން ދޭން ޖެހޭ ވަގުތެކެވެ. އަމިއްލަ ޖީބަށް ބަރު ކުރުމަށް ވުރެ އެމީހެއްގެ ސިއްހަތު މާ މުހިންމު ވާނެއެވެ. ނަމަވެސް ހިތާމައަކީ މި ވާހަކަތަކަށް އަޑު އެހުމެއް ނެތި މިކަންކަމަށް ގިނަ ބަޔަކު ފަރުވާ ކުޑަކޮށްލާ ކަމެވެ. ދެވިފައިވާ ލުއިތަކާއި އެކު ގިނަ ފުރަބަންދު އޮތްކަން ހަނދާން ނެތިގެން ދާ މަންޒަރެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ފަރުވާ ކުޑަ ކޮށްލުމުގެ ސަބަބުން ނަތީޖާއަކަށް ވެގެން ދިޔައީ ތިންވަނަ ފިޔަވަހީގެ ލުއިތައް ދިން އިރު މި ބައްޔަށް ޕޮޒިތިވްވާ މީހުންގެ އަދަދު އިތުރުވަން ފެށުމެވެ. އަދި ބިދޭސީންނަށް ވުރެ ދުވާލެއްގެ މައްޗަށް ބަލި ޖެހޭ ދިވެހީން އިތުރުވަމުން ދިއުމެވެ.

ޖުލައި އެއް ވަނަ ދުވަހު ދިން ގިނަ ލުއިތަކާއެކު ގިނަ ތަންތަން ހުޅުވާފައިވާއިރު އެޗްޕީއޭ އިން ވަނީ އަލުން ހިދުމަތްދޭން ފަށާއިރު ހުންނަން ޖެހޭ މިންގަނޑުތައް އާންމުކޮށްފަ އެވެ. 

އެ މިންގަނޑުތަކާއި އެއްގޮތަށް ވިޔަފާރިތަކުން އަމަލުކުރަމުންދޭތޯ ބެލުމަށް އިންސްޕެކްޝަނެއް ފަށާފައިވާއިރު ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ އެ އިންސްޕެކްޝަނުގައި މިހާތަނަށް 1475 ތަނެއް ބަލާފައިވާ ކަމަށެވެ. އެ މަސައްކަތުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތަކާއި، ސެލޫނަތަކާއި، ބޯކޮށާއި ތަންތަނާއި، ޖިމް އަދި އެކި ގޮތްގޮތަށް ހެދިފައިވާ މާރުކޭޓުތައް ބަލާފައިވާ ކަމަށެވެ. އަދި އިންސްޕެކްޝަނުން ފާހަގަކުރެވުނީ ބިދޭސީން ތިބޭ ތަންތަނުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފަށް ކަންކަން ހުރިކަމާއި ގިނަ ފިހާރަތަކުގައި ތިބޭ ފަރާތްތަކަށް ކޮވިޑާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކަށް ހޭލުންތެރިވެފައި ނެތްކަން ކަމަށް ވިދާޅުވެފައިވެ އެވެ.

މާލެއިން މީހަކު ޕޮޒިޓިވްވުމާއެކު އެޅި އަވަސް ފިޔަވަޅުތަކާއެކު މާލެ ފަދަ ތޮއްޖެހިފައިވާ ތަނަކުން ބަލި ފެނިއްޖެނަމަ ފެތުރޭނެ ކަމަށް ބެލެވުނު ވަރަށް ބަލި ފެތުރިފައެއް ނުވެ އެވެ. އަދި ފުލް ލޮކްޑައުންގައި ދިވެހިންގެ ފަރާތުން ފެނުނު ކިޔަމަންތެރިކަމުގެ ސަބަބުން ލިބުނު ފުރަތަމަ ލުއިތަކާއި ދެވަނަ ލުއިތަކުން ފާސްވެ ތިން ވަނަ ލުއިތަކާއި ހިސާބަށް އާދެވިއްޖެ އެވެ. އެކަމަކު މިހިސާބުން ހަދާ ގޯހެއްގެ ސަބަބުން ވެސް ކުރި މަސައްކަތް ފެނަށް ހިނގައިދާނެ އެވެ. އަލުން ފެށި ހިސާބުން މަަސައްކަތް ވެސް ފަށަން ޖެހިދާނެ އެވެ. އެހެންކަމުން، ކޮންމެ މީހެއްގެ ފަހަތުގައި ޕޮލިހެއް ނެތަސް ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދޭށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް