
ކަންގަނާ ބުނީ ފިލްމު އުފެއްދުންތެރިންނާއި ގުޅިގެން އޭނާ ދައްކާ ވާހަކަތަކަށް ތާޕްސީ އާއި ސްވަރާ ފަދަ ތަރިން ނިކުމެ، "ނެޕޮޓިޒަމް" ގެ މައްސަލަ އޮތީ ހަމައެކަނި ކަންގަނާއަށް ކަމަށާއި ކަރަން ޖޯހަރު ތިމަންނާ މެންނަށް ކަމުދާ ކަމަށެވެ. އަދި އެ ދެމީހުންނަށް ކަރަން ޖޯހަރު ކަމުދިޔުމަކީ އެމީހުން ބީ ގްރޭޑް އެކްޓަރުންނަށް ވުން ނޫންތޯ އޭނާ ސުވާލު އުފައްދަ އެވެ.
އެފަދަ ގިނަ ވާހަކަތަކެއް ދެއްކުމުން ގިނަ ބަޔަކު އަންނަނީ ކަންގަނާއަށް ފާޑުކިޔަމުންނެވެ. އެކަމާއި ގުޅިގެން ތާޕްސީ ބުނީ ދުވަހަކު ވެސް ކަރަން ޖޯހަރު ކަމުގޮސްގެން އެވާހަކަ ނުބުނާ ކަމަށާއި އަދި އޭނާ ދެކެ ރުޅި އަންނަ ކަމަށް ވެސް ނުބުނާ ކަމަށެވެ. އަދި ތިމާ ރުޅި އަންނަ މީހުން ދެކެ އެހެން މީހުން ރުޅި ނައުމަކީ އެމީހަކު ކަމުދިޔުން ކަމަށް ގަބޫލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ކަރަން ޖޯހަރު ފެނުމުން ހައި އަޅާލިޔަސް އޭނާ ނޭނގޭ ކަަމަށް ވެސް ކަންގަނާ ބުންޏެވެ.
ތާޕްސީ ވަނީ ބޮލީވުޑުގައި އޭނާއަށް ވެސް ތަފާތު އެކި ގޮންޖެހުންތައް ކުރިމަތިވި ކަމަށާއި އެކަމަކު އެ ވާހަކަ ނުދެއްކުމަކީ އޭނާއަށް އެކަން ކުރިމަތި ނުވުން ނޫން ކަމަށެވެ. އަދި އޭނާގެ ކުށެއް ނެތި ކަންގަނާ އާއި އޭނާގެ ދައްތަ ރަންގޯލީ ތަފާތު އެކި ނަންނަމުން އޭނާއަށް މުހާތަބުކުރާކަން ވެސް ފާހަގަކުރި އެވެ.
އޭގެ އިތުރުން ތާޕްސީ ވަނީ މީހެއްގެ މަރުގެ ވާހަކަތައް އަމިއްލަ މަންފާއަށްޓަކައި ނަގަން އޭނާ ބޭނުން ނުވާ ކަމަށާއި އަދި ދާއިރާއަށް ވެސް މަލާމާތްކުރަން އޭނާ ބޭނުންނުވާ ކަަމަށް ބުނެފައެވެ. އަދި އޭނާ ބޭނުންވަނީ މުހިއްމު ކަންކަމާއި ގުޅިގެން ވާހަކަ ދައްކާ މީހުން ބާރުވެރިކުރުވަން ކަމަށް ވެސް ބުންޏެވެ.
ކަންގަނާގެ މައްޗަށް ސުޝާންތުގެ މަރުގެ ފައިދާ ނެގުމުގެ ތުހުމަތު ތާޕްސީ ކުރިއިރު އިތުރު ތަރިން ވެސް ވަނީ އެ ތުހުމަތުތައްކޮށްފަ އެވެ. އެގޮތުން އެކްޓަރު ސަމީރު ސޯނީ ވަނީ ސުޝާންތުގެ މަރަކީ އެންމެނަށް ލިބުނު ހިތާމައެއް ކަމަށާއި އޭނާއަށް އިންސާފު ލިބެންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް ބުނެފަ އެވެ. އެކަމަކު އަމިއްލަ މަންފާއަށް ސުޝާންތުގެ ވާހަކަ އެއްވެސް މީހަކު ދެއްކުމުން ގަބޫލުކުރަން ދަތި ކަމަށް ބުންޏެވެ.