ads
މިނިސްޓާ އިމްރާން ރުގުޔާ ކުރައްވާކަމަށް ބުނާ ވީޑިއޯގެ ފޮޓޯއެއް: --
ގަބުރުސްތާނު ކޮނުނު މައްސަލައިގައި މެންބަރު ރާއީގެ ފާޑުކިއުން ޝޭހް އިމްރާން އަށް!
ސިހުރު ހާހޫރަ ހަދާފައިވާކަމަށް ބުނެ ދިވެހި ފުލުހުން ލައްވާ ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ ގަބުރުސްތާނު ކޮނުނުކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އިމްރާން އަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ، މީގެ ދުވަސްކޮޅެއްކުރިން މިނިސްޓާ އިމްރާން އާއި ގުޅޭ އޯޑިއޯއެއް އާންމުވިކަމަށެވެ. އަދި އޭގެ ފަހުން ސިހުރު ހާހޫރާހަދާފައިވާކަމަށް ބުނެ ފުލުހުން ލައްވާ ގަބުސްތާނު ކޮނުނު ވާހަކަ ވެސް އާންމުވެފައިވާކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއްގެ ހަގީގަތް މިހާތަނަށް ރައްޔިތުންނަށް ހާމަނުވާކަމަށެވެ. 

"މި ކަންތައްތަކަކީ މީ އާދައިގެ ކަންތައްތަކެއް ނޫން. މީ ދިވެހި ރައްޔިތުން ސުވާލު އުފައްދާ ކަންތައްތައް. މި ކަންތައް އެބަ ބަލަންޖެހޭ. ދިވެހި ރައްޔިތުންނަށް ސާފުކޮށްދެންޖެހޭ ވާގޮތް ވެސް. ސަބަބަކީ މިއީ ކޯލިޝަން ސަރުކާރެއް. ސަރުކާރުގެ ވަޒީރަކާމެދު ސުވާލު އުފެއްދެމުން މިދަނީ. އަޅުގަނޑުމެންގެ އެންމެ އާދައިގެ މީހަކަށް ވެސް އެނގޭ ބުއްދި ސަލާމަތުން ހުންނަޖެހޭކަން ވަޒީރުކަން ކުރަން،" - މެންބަރު ރާއީ -

ރާއީ ވިދާޅުވީ ހޯމް މިނިސްޓަރަކީ ފުލުހުންގެ މުއައްސަސާއާއި ހަވާލުވެ ހުންނަ ބޭފުޅަކަށް ވާއިރު، އެ ބޭފުޅާއާއި މެދު ޝައްކު އުފެދޭ ކަންތައްތަކެއް ހިނގާނަމަ އެކަން ސަރުކާރުގެ ފަރާތުން ނުވަތަ، ކޯލިޝަނުގެ ފަރާތުން ނުވަތަ ކެބިނެޓުގެ ފަރާތުން ނަމަވެސް ސާފުކޮށްދޭން ޖެހޭކަމަށެވެ. 

"އަޅުގަނޑުމެން ނޭދެން އެއްވެސް ދީނީ އިލްމުވެރިއަކަށް ވެސް އަދި އެއްވެސް ޑޮކްޓަރަކަށް ވެސް އަދި އެއްވެސް ހިދުމަތްތެރިއަކަށް ވެސް ސޯޝަލްމީޑިއާގަވެސް ގަނާ ކުރާކަށް. އަޅުގަނޑު ކަންބޮޑުވަނީ ހުދު ހޯމް މިނިސްޓާ ޝޭހް އިމްރާން ނިސްބަތްވާ ޕާޓީން ވެސް މިކަންތައްތައް ރައްޔިތުންނަށް ސާފުކޮށް ނުދޭތީވެ،"

އިމްރާންއަށް ފާޑުވިދާޅުވަމުން ރާއީ ވިދާޅުވީ "މަކަރާ ހީލަތާ އޮޅުވާލުމާ" އެކު ވަޒީރުކަމުގައި ހުރެގެން ނުވާނެކަމަށެވެ. އަދި ދިވެހި ފުލުހުން އެ ކަންތައްތައް ސާފުކޮށްދޭން ޖެހޭކަމަށެވެ. އަދި ކެބިނެޓުގެ ފަރާތުން ވެސް އެކަންތައްތައް ސާފުކޮށްދީ "ބަލިވެ އުޅޭނަމަ ފަރުވާ ލިބެން ޖެހޭނެ،" ކަމަށް ވެސް ރާއީ ވިދާޅުވިއެވެ. 

"އަޅުގަނޑު ނޭދެން ސޯޝަލް މީޑިއާގަ އެ ބޭފުޅާއަށް ގަނާކުރާކަށް. ހުދު އެ ބޭފުޅާ ވެސް ސްޓޭޓްމަންޓު ދީ ސާފުކޮށްދޭންޖެހޭ މީ ކިހިނެއްވާ ކަންތައްތަކެއް ކަން. އަޅުގަނޑު ގަބޫލުކުރާގޮތުގައި މީހާ ހަމައަށް ހުރެގެން. ވާނުވާ ރަނގަޅަށް ކިޔާދީގެން ރައްޔިތުންނަށް ސާފުވާނެ އެ ބޭފުޅާއާމެދު ކުރެވިގެން މިއުޅެނީ ކޮންކަހަލަ ތުހުމަތެއްކަން،" ރާއީ ވިދާޅުވިއެވެ.

ސޯސަލް މީޑިއާގައި މީގެ ދުވަސްކޮޅެއް ކުރިން އަންހެނަކު ވަނީ އޭނާއަށް ދީން އުގަންނައިދިނުމުގެ ނަމުގައި ޖިންސީ ފުރައްސާ ނުވަތަ ގޯނާ ކުރާ އުސޫލުން މިނިސްޓަރު އިމްރާން އަމަލުކުރައްވާފައިވާކަމަށް ދޭހަވާގޮތައް ތުހުމަތުކޮށް ވާހަކަ ދައްކައި އޯޑިއޯއެއް އާންމުކޮށްފައެވެ. އޭގެ ދުވަސްކޮޅެއް ފަހުން ސޯޝަލް މީޑިއާގައި ޝޭހް އިމްރާން އަށް ރުގުޔާ ކުރާކަމަށް ބުނާ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ. އެ ވީޑިއޯއާއިއެކު މީޑިއާތަކުގައި ރިޕޯތުކޮށްފައިވާގޮތުން މިނިސްޓާ އިމްރާން އަށް ސިހުރު ހަދާފައިވާކަމަށް ބުނެ ފުލުހުން ވަނީ ގަބުރުސްތާނެއް ވެސް ކޮނެފައެވެ. 

ރާއީގެ ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ވަޒީރުން ޖަވާބުދާރީ ކުރުމަށް ސުވާލުކުރުމުގެ ފުުރުސަތު މެމްބަރުންނަށް އޮންނަކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް