
މިފަހުން ދިން އިންޓަވިއުއެއްގައި ކަންގަނާ، ތާޕްސީ ޕަންނޫ އާއި ސްވަރާ ބަޝްކާރަށް "ބީ ގްރޭޑް" އެކްޓަރުން ކަމަށް ބުނެ ދިން ބަހުގެ ހަމަލާއެކު ސޯޝަލް މީޑިއާގައި މިވަނީ ޒުވާބު ހޫނުވެފަ އެވެ. އެގޮތަށް ބުނުމުން ކަންގަނާއަށް ވަރަށް ބޮޑަށް ފާޑުކިޔާއި، ޓްވީޓުތަކެއް ކުރުމަށް ފަހު މިފަހަރު ތާޕްސީ ދޫކޮށްލީ ކަންގަނާގެ ކުރީގެ ވީޑިއޯއެކެވެ.
ބޮލީވުޑުގައި ފުރުސަތު އޮތީ ހަމައެކަނި ތަރިންގެ ދަރިންނާއި އެމީހުންގެ އާއިލާގެ މީހުންނަށް ކަމަށް ބުނެ ކަންގަނާ މިފަހުން ވާހަކަ ދެއްކުން އިތުރުވެފައިވާތީ ތާޕްސީ ދޫކޮށްލި ވީޑިއޯގައި ފެނިގެންދަނީ ކޮންމެ ތަނަކުން އަޔަސް، އެމީހެއްގެ މަސައްކަތް ބަލައި ގަންނާނީ އޯޑިއަންސުން ކަމަށާއި ވަރަށް ގިނަ ބައެއްގެ ފިލްމުތައް ރިޖެކްޓްވެސް ކުރާ ކަމަށް ކަންގަނާ ބުނެފަ އެވެ. ބެލެވޭ ގޮތުގައި އެއީ މީގެ އަހަރުތަކެއް ކުރިން އޭނާ ދީފައިވާ އިންޓަވިއުއެކެވެ.
ކަންގަނާ އާއި ތާޕްސީގެ މެެދުގައި މައްސަލަ ބޮޑުވެފައިވާއިރު އަނުރާގަކީ މި ދެ ތަރިންގެ ވެސް އެކުވެރިއެކެވެ. އެގޮތުން ރަނގަޅު ރަހުމަތްތެރިއަކަށް ވުމަށް މައްސަލަ ހައްލުކުރަން މަސައްކަތް ކުރިއަސް އަދި ކާމިޔާބެއް ނުވެ އެވެ.
އަނުރާގު ބުނީ ކަންގަނާ އޭނާ ދެެކެ ހުރީ ހިތްހަމަނުޖެހިފައި ކަމަށެވެ. އެގޮތަށް އެކަން ދިމާވީ 2018 ވަނަ އަހަރު ނެރުނު މަންމަރުޒިޔާންގެ ޕްރޮމޯޝަން އިވެންޓެއްގައި ކަންގަނާ އާއި ގުޅިގެން ކުރި ސުވާލަކަށް އޭނާ އާއި ތާޕްސީ ހިނިގަނޑެއް ޖެހުމުން ކަމަށް ވެސް ބުންޏެވެ.
އަދިވެސް އެކަމާއި ކަންގަނާ ހިތްހަމަނުޖެހިފައި ހުރި ނަމަވެސް ވާހަކަ ދައްކައިގެން ހައްލުކުރަން މަސައްކަތް ކުރެވޭ ކަމަށާއި މައާފަށް ވެސް އެދިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
މީގެ ކުރިން، ތާޕްސީ ވަނީ މިދަނޑިވަޅުގައި ކަންގަނާ ސުޝާންތުގެ ވާހަކަ ދައްކައިގެން އެގޮތަށް އަމަލުކުރަނީ އަމިއްލަ މަންފާއަށް ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.
"ކްއީން" އިން ވިދާލި ކަންގަނާ ފާހަގަކުރެވިގެންދަނީ ވަރަށް ކެރޭ ތަރިއެއްގެ ގޮތުގަ އެެވެ. އެގޮތުން ފަސް ޖެހުމެއް ނެތި ބަސް ބުނާ މަންޒަރު ފެނެ އެވެ.