ads
ރައްޔިތުންގެ މަޖިލީޙުގެ މެމްބަރުން ޖަލްސާއެއްގައި--
ނުހައްގު މުއްސަނދިކަން ހުއްޓުވަން ޖެހޭ، ހާއްސަ ގާނޫނެއް މުހިންމު!
ހަލާލު ގޮތުގައި މަސައްކަތް ކޮށްގެން އެ މީހަކަށް ލިބޭ އާމްދަނީއާ ނުބައްދަލު މިންވަރަކަށް؛ ދިރިއުޅުމުގެ ފެންވަރު ބެހެއްޓުމާއި، މުދާ ހޯދައި މިލްކު ކުރުމާއި، ވިޔަފާރި ކުރުމާއި، ފައިސާ ގެންގުޅުމަކީ ނުހައްގު މުސްހަނދިކަމެވެ. މިއީ ވަކި ގާނޫނެއް ހަދައިގެން ނަމަވެސް ހުއްޓުވަން ޖެހޭ ކަމެކެވެ. ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި އަޅަން ލަސްވެފައިވާ މުހިންމު ފިޔަވަޅެކެވެ.

ނުހައްގު މުސްހަނދިކަން ހުއްޓުވުމަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ނިމިދިޔަ ރައްތިޔުންގެ މަޖިލީހުގައި ބަހުސް ކުރި އެވެ. އޭރު އެ ކަމަށް ވަކި ގާނޫނެއް އޮތުން މުހިންމު ކަމަށް ބުނެ ގިނަ މެމްބަރުންތަކެއް ވާހަކަ ދެއްކެވި އެވެ. ނަމަވެސް ފަހުން އެ އަޑުތައް ކެނޑި، މަޖިލީހުގެ ދައުރު ހަމަވި އިރު އެ ފަދަ އެއްވެސް ގާނޫނެއް ވުޖޫދުވެފައި ނެތެވެ.

ދެން މި އައީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ މަޖިލީހެވެ. ކޮރަޕްޝަނާ ދެކޮޅަށް ވަކާލާތު ކުރާ ޕާޓީން ދިޔައީ ނުހައްގު މުސްހަނދިކަން ހުއްޓުވާނެ ކަމަށް ކެމްޕޭން ތެރޭގައި ބުނަމުންނެވެ. އަދި މިހާރު ވެސް ދޭތެރެއަކުން އެ ކަމަށް ހާއްސަ ގާނޫނެއް ހަދާނެ ކަމުގެ އަޑުތައް ފަނޑުކޮށް ނަމަވެސް އިވެމުން ދެއެވެ. އެކަމަކު އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު، ހަރުދަނާ ގޮތެއްގައި އެ ކަމަށް އެއްވެސް އަމަލީ ސިފައެއް ޖެހެމުން އަންނަ މަންޒަރު ރައްޔިތުންނަށް މިހާތަނަށް ފެނިފައެއް ނެތެވެ.

އެހެންކަމުން، ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ގެންގުޅޭ ސަރުކާރު ކެބިނެޓުގެ ބައެއް ވަޒީރުންނާއި، ސީޔާސީ މަގާމުތަކުގައި ތިބި އެކި ފަންތީގެ އޮފިޝަލުންގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތައް މިހާރު ވެސް އަންނަނީ ކުރެވެމުންނެވެ. ބައެއް ވަޒީރުން އަގުބޮޑެތި ފްލެޓްތަކާއި ކާރުތައް ގަންނަ ވާހަކަ އާއި ކޮރަޕްޝަނުގެ ތެރެއިން ބައެއް ކުންފުނިތަކަށް ޕްރޮޖެކްޓްތައް ދޭ ކަމަށް ކުރެވޭ ތުހުމަތުތަކުގެ އަޑު ދަނީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ. ކުރިއެކޭ އެއްގޮތަށް، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ތެރޭގައި ވެސް ކޮރަޕްޝަނުގެ ހަޑި ހާވަމުންދާ ކަމަށް އެތައް ބަޔަކު ތުހުމަތު ކުރެ އެވެ.

ނުހައްގުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތަށް ހާއްސަ ގާނޫނެއް ހަދައިފިނަމަ އޭގެ މަންފާ އެތައް ބަޔަކަށް ކުރާނެ އެވެ. ޕްރޮޖެކްޓްތައް ވަކި ކުންފުންޏަކަށް ދީގެން މަންފާ ހޯދުން ހުއްޓުވޭނެ އެވެ. އަދި ސައްހަ ގޮތުގައި ބިޑް ކާމިޔާބުކުރާ ކުންފުނިތަކަށް ފައިސާ ދޫކުރުން ފަދަ މުއާމަލާތްތަކުގައި ކޮރަޕްޝަން ހިންގާ ކަމަށް ކުރެވޭ ތުހުމަތުތައް ވެސް ކުޑަ ކުރެވޭނެ އެވެ. އޭގެ އިތުރުން މާލީ ބަޔާނުގައި އޮންނަ އެއްޗަކާ ނުބައްދަލު ދިރިއުޅުމެއް އުޅޭ ނަމަ އެ ކަން ބެލޭނެ އެވެ.

އިނގިރޭސި ވިލާތުގައި ނުހައްގުން މުސްހަނދިކަން ހުއްޓުވާ ގޮތް:

ނުހައްގުން ހޯދާފައިވާ މުދަލާއި ފައިސާ އިނގިރޭސި ވިލާތުގެ ސަރުކާރަށް ނެގުމުގެ ބާރު، ޕްރޮސީޑްސް އޮފް ކްރައިމް އެކްޓް 2002 އިން ބާރު ލިބިގެން ހަދާފައިވާ ކްރައިމް ފައިނޭންސަސް އެކްޓް 2017 އިން ލިބިދެ އެވެ. އެ ގާނޫނުގައި ބުނާ ގޮތުން، މުދާ ނުވަތަ ފައިސާ ހޯދި ގޮތާއި މެދު ސުވާލު އުފެދިއްޖެ ނަމަ ކަމާބެހޭ އިދާރާތަކަށް އެ މީހަކާ ސުވާލު ކުރެވޭނެ އެވެ. އަދި އެއީ ކޮރަޕްޝަނުގެ ތެރެއިން ހޯދާފައިވާ މުދަލާއި ފައިސާ ކަމަށް ބެލެވޭނަމަ އެ އެއްޗެހި ދައުލަތަށް ނެގުމަށް ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ. 

މުދަލާއި ފައިސާ ހޯދާފައިވަނީ ހައްގު ގޮތުގައި ކަން، ތުހުމަތު ކުރެވޭ މީހާ އަށް ކޯޓުގައި ސާބިތުކޮށް ނުދެވޭ ހާލަތްތަކުގައި އޭނާގެ މުދާ ދައުލަތަށް ނެގުމަށް "އަންއެކްސްޕްލެއިންޑް ވެލްތު އޯޑާ" އެއް ކޯޓުން ނެރޭނެ އެވެ. ކޯޓަށް ހުށަހެޅޭ އެހެން މައްސަލަތަކާއި އެއްގޮތަށް މިފަދަ ކޭސްތަކުގައި ވެސް އިސްތުއުނާފް ކުރުމުގެ ފުރުސަތު މައްސަލަ ހުށަހަޅާ ފަރާތުގެ އިތުރުން ތުހުމަތު ކުރެވޭ ފަރާތަށް ވެސް އޮންނާނެ އެވެ.

އިނގިރޭސިވިލާތުގެ ކޯޓަކުން ފުރަތަމަ ފަހަރަށް އަންއެކްސްޕްލެއިންޑް ވެލްތު އޯޑަރެއް ނެރެފައިވަނީ 2018 ވަނަ އަހަރު، ޒަމީރާ ހަޖިޔޭވާ އާ ދެކޮޅަށް ނޭޝަނަލް ކްރައިމް އެޖެންސީން ހުށަހެޅި މައްސަލައެއްގަ އެވެ. ޒަމީރާ އަކީ އެތައް ސަތޭކަ މިލިޔަން ޑޮލަރެއްގެ ފްރޯޑްގެ ބޮޑު މައްސަލައެއްގައި 15 އަހަރަށް ޖަލަށް ލާފައިވާ އިންޓަނޭޝަނަލް ބޭންކް އޮފް އަޒަރުބައިޖާންގެ ކުރީގެ ޗެއާމަން ޖަހަންގިރް ހަޖިޔޭވްގެ އަންހެނުންނެވެ.

ހައި ކޯޓުން ޒަމީރާ އާ ދެކޮޅަށް ނެރުނު އަންއެކްސްޕްލެއިންޑް ވެލްތު އޯޑާ އޭނާ ވަނީ އިސްތިއުނާފް ކޮށްފަ އެވެ. އެކަމަކު މަތީ ކޯޓުން އެ މައްސަލަ ބެލުމަށް ފަހު މި އަހަރުގެ ފެބްރުއަރީ މަހު ވަނީ އެ އަމުރު ނެރުނީ ރަނގަޅަށް ކަމަށް ކަނޑައަޅައިފަ އެވެ. އެހެންކަމުން ޒަމީރާ އަށް ވަނީ އޭނާ އިނގިރޭސިވިލާތުން ގަނެފައިވާ އަގުބޮޑު ގެތަކާއި، ގަހަނާ ތަކުގެ ފުރިހަމަ މައުލޫމާތާއި، އެ ތަކެތި ގަތުމަށް ފައިސާ ހޯދި ގޮތުގެ ހުރިހާ ތަފްސީލެއް ނޭޝަނަލް ކްރައިމް އެޖެންސީ އަށް ހިއްސާ ކުރަން އަމުރު ކޮށްފަ އެވެ.

އެގޮތުން ލަންޑަންގެ އެންމެ އަގުބޮޑު ސަރަހައްދު ކަމަށްވާ ނައިޓްސްބްރިޖް އިން 11.5 މިލިޔަން ޕައުންޑަށް އޭނާ ގަނެފައިވާ ފަސް ކޮޓަރީގެ ގެއާއި، ބާކްޝާގެ އެސްކޮޓް އިން 10.5 މިލިޔަން ޕައުންޑަށް ގަނެފައިވާ 170 އެންކަރުގެ މިލް ރައިޑް ގޮލްފް އެންޑް ކަންޓްރީ ކްލަބް އަދި ގަލްފްސްޓްރީމް ޖީ550 މަރުކާގެ މަތިންދާބޯޓެއް ގަތުމަށް 42 މިލިޔަން ޑޮލަރު ހޯދި ގޮތުގެ ތަފްސީލުތައް ނޭޝަނަލް ކްރައިމް އެޖެންސީ އަށް ހިއްސާކުރަށް ޒަމީރާ އަށް ވަނީ މަޖުބޫރު ވެފަ އެވެ. އޭގެ އިތުރުން 2006-2016 އާ ދެމެދު ލަންޑަންގެ މަޝްހޫރު ހެރޮޑްސް އިން 16.3 މިލިޔަން ޕައުންޑްގެ ވިޔަފާރި ކޮށްފައިވާތީ، އެ ފައިސާގެ ތަފްސީލުތައް ވެސް ދޭން ޖެހޭނެ އެވެ.

އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އޭނާ އެ ހުރިހާ އެއްޗެއް ގަނެފައިވަނީ ފިރިމީހާ ހިންގި ކޮރަޕްޝަނުން ހޯދި ލާރިންނެވެ. ފައިސާގެ ބޮޑެތި މުއާމަލާތްތަކެއްގެ މައުލޫމާތު ނޭޝަނަލް ކްރައިމް އެޖެންސީ އަށް ހިއްސާ ކުރުމަށް އޭނާގެ މައްޗަށް ކޯޓުން އަމުރު ކޮށްފައިވާއިރު، އަންއެކްސްޕްލެއިންޑް ވެލްތު އޯޑަރު ކޯޓުން ނެރުމާއި އެކު އޭނާގެ އަގުބޮޑެތި އެއްޗެހި އިނގިރޭސިވިލާތު ސަރުކާރުން ހުރީ ހިފަހައްޓައިފަ އެވެ. ހިފަހައްޓާފައިވާ ތަކެތީގެ ތެރޭގައި 1.2 މިލިޔަން ޕައުންޑްގެ އަގުބޮޑު އަނގޮޓިއަކާއި، 400،000 ޕައުންޑްގެ ޖުވެލަރީ ހިމެނެ އެވެ.

އެމްބެޒަލްމަންޓްގެ ދެ މައްސަލައަކާއި ގުޅިގެން ޒަމީރާ ހައްޔަރު ކުރުމަށް އަޒަރުބައިޖާން އިން ވަނީ އަމުރެއް ނެރެފަ އެވެ. އެ ގައުމުގެ އެދުމަށް 2018 ވަނަ އަހަރު އިނގިރޭސިވިލާތުން އޭނާ ހައްޔަރު ކުރި އެވެ. ނަމަވެސް މި މައްސަލަ ވަކި ގޮތަކަށް ނިމެންދެން އަޒަރުބައިޖާން އަށް އޭނާ ހަވާލު ނުކުރުމަށް އިނގިރޭސި ވިލާތުގެ ކޯޓަކުން ވަނީ އަމުރު ކޮށްފަ އެވެ. އެހެންކަމުން އިނގިރޭސިވިލާތުގައި އޭނާ ދޫކޮށްލާފައި ހުރީ 500،000 ޕައުންޑްގެ ބޮންޑަކާއި އެކު، ޓެގު އަޅުވައިފަ އެވެ. 

ދެ ވަނަ އަށް އަންއެކްސްޕްލެއިންޑް ވެލްތު އޯޑަރެއް ނެރެފައި ވަނީ 2019 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މިހާރު އަވަހާރަވެފައިވާ ކަޒަކިސްތާނުގެ ކުރީގެ ރައީސް ރަޚަތު އަލިޔެވްގެ ދަރިކަނބަލުން ޑރ. ޑަރީގާ ނަޒަރުބެއީވާ އާއި އޭނާގެ ދަރިކަލުން ނޫރުއަލީ އަލިޔެވްގެ ނަމުގައި ލަންޑަންގައި ހުރި 80 މިލިޔަން ޕައުންޑަށް ވުރެ އަގުބޮޑު ތިން ގެއެއްގެ މައްސަލާގަ އެވެ. ނޭޝަނަލް ކްރައިމް އެޖެންސީން ތުހުމަތު ކުރާ ގޮތުގައި އެއީ ކަޒަކިސްތާނުގެ ރައީސް އަކަށް ހުރި އިރު ރަޚަތު ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކުން ހޯދާފައިވާ ފައިސާ އިން ގަނެފައިވާ ގެތަކެކެވެ.

އެ އާއިލާ އިން އެ މައްސަލަ އިސްތިއުނާފް ކުރުމުން، މި އަހަރުގެ އޭޕްރީލް މަހު އެ މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން ހުކުމް ކޮށްފައިވަނީ އެ އަމުރު ނެރުނީ ގޯސްކޮށް ކަމަށެވެ. ނަމަވެސް ނޭޝަނަަލް ކްރައިމް އެޖެންސީން ވަނީ ހައި ކޯޓުގެ އަމުރު އިސްތިއުނާފް ކުރާނެ ކަމަށް ބުނެފަ އެވެ.

އިނގިރޭސިވިލާތުގެ ކްރައިމް ފައިނޭންސް އެކްޓް 2017 ގެ ދަށުން އަންއެކްސްޕްލެއިންޑް ވެލްތު އޯޑަރެއް ނެރުމަށް ފަސް އެޖެންސީ އަކަށް ބާރު ލިބެ އެވެ. އެކަމަކު މިހާތަނަށް ނެރުނު ހުރިހާ އަމުރަކީ ވެސް ނޭޝަނަލް ކްރައިމް އެޖެންސީން އެދިގެން ނެރުނު އަމުރުތަކެވެ.

ޒިމްބާބްވޭގައި ވެސް މިކަން ވަނީ ފަށާފައި!

މި އަހަރުގެ ޖޫން މަހުން ފެށިގެން ޒިމްބާބްވޭގައި ވަނީ މުއްސަނދިންގެ "އިންޓެންސިވް ލައިފްސްޓައިލް އޮޑިޓެއް" ފަށައިފަ އެވެ. އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވަނީ ފައިސާ އާ މުދާ ހޯދާފައިވާ ގޮތް ބުނެނުދެވޭ ނަމަ އެ އެއްޗެހި ދައުލަތަށް ނަގާނެ ކަމަށެވެ. 

އެ ގައުމުން މިކަން ކުރަނީ ޖުލައި 2019 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ދިން ބާރުތަކެއްގެ ދަށުންނެވެ. އެގޮތުން އާމްދަނީ ހޯދާ ގޮތާއި މެދު ސުވާލު އުފެދޭނަމަ އެ މައުލުމާތު ހާމަ ކުރުމަށް އެ ކޮމިޝަނަށް އެންގޭނެ އެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކާ މެދު ހިތްހަމަ ނުޖެހޭނަމަ، ކޯޓަށް އެ މައްސަލަ ހުށަހެޅުމުގެ އިހުތިޔާރު ތުހުމަތު ކުރެވޭ ފަރާތްތަކަށް އޮންނާނެ އެވެ. 

އެކަމަކު ކޯޓަށް އެ މައްސަލަ ހުށަހަޅާއިރު، މުދަލާއި ފައިސާ ހޯދީ ގާނޫނީ އިމުގެތެރެއިން ކަން ސާބިތު ކޮށްދޭން ޖެހޭނެ އެވެ. ސާބިތު ނުކޮށްދެވިއްޖެ ނަމަ އޭނާގެ މުދާ ދައުލަތަށް ނަގަން ކޯޓުން ހުކުމް ކުރާނެ އެވެ. އޭގެ އިތުރުން ކޮރަޕްޝަން އިންތިހާ އަށް އާންމުވެފައިވާ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބުނީ، ސުވާލު އުފެދޭ ގޮތަށް ކޯޓުން މީހަކު ދޫކޮށްލި ނަމަވެސް، އޭނާގެ މުދާތަށް އެ ކޮމިޝަނުން ހިފަހައްޓާނެ ކަމަށެވެ.

ޒިމްބާބްވޭ ފަދަ ގައުމުތަކުން އެ ފަދަ ތަހުޒީބީ ފިޔަވަޅުތައް އަޅާފައިވާއިރު މާ ހޭލުންތެރި އިހްލާސްތެރި ސިޔާސީ މީހުން ތިބި ކަމަށް ދައުވާ ކުރާ މި ރާއްޖޭގައި އެފަދަ ނިޒާމެއް ގާއިމްކުރެވިފައި ނެތުމަކީ ހުތުރުވެގެންވާ ކަމެކެވެ. އަދި އަމިއްލައަށް މެޑަލް ޖަހައި ތިމާމެންނަކީ މާ ނަޒާހަތްތެރި ބައެއްކަމަށް ދައުވާ ކުރާ މީހުންގެ ގޮތެއްފޮތެއް ނެތްކަމުގެ ހެއްކެއް ނޫންތޯ އެވެ. ޒިމްބާބްވޭ ފަދަ ގައުމުތަކުން ނުހައްގު މުއްސަނދިކަމަކީ ކުށެއްކަމަށް ސާފުކޮށް ކަނޑައަޅައި ނުހައްގު މުއްސަނދިކަން ހޯދާ މީހުންނާ މެދު ފިޔަވަޅު އަޅަމުންދާއިރު ރާއްޖޭއަށް އެވަރު ނުކުރެވުމަކީ ލަދު ގަންނަން ޖެހޭވަރުގެ ކަމެއް ނޫންތޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް