އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގަައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކިތަންމެ ޗިޓެއް ހަވާލު ކުރިކަމުގައި ވީނަމަވެސް އެއްވުންތައް މެދުކަނޑާނުލާނެ ކަމަށެވެ. އަދި ރައްޔިތުން އެއްވާ ކޮންމެ އެއްވުމުގެ ކުރީ ސަފުގައި އިދިކޮޅު ކޯލިޝަންގެ މެމްބަރުން ތިބެ އަޑު އުފުލާނެ ކަމަށްވެސް ވިދާޅުވިއެވެ.
މާލޭގެ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ސަރައްދުގައި އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދިޔަ މި މުޒާހަރާގައި އިސްދައުރެއް އަދާކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްއާއި ފެނަކައިގެ ކުރީގެ މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު ނިމާލް މިއަދު ހަވީރު ފުލުހަށް ހާޒިރުވަން ޗިޓު ފޮނުވި މައްސަލާގަައި އަބްދުއްރަހީމް ވިދާޅުވީ އެއީ އެ ދެ ބޭފުޅުންނަށް ލިބިގެން ދިޔަ އިތުރު ސެޓްފިކެޓެއް ކަމަށެވެ. އަދި އެ ސެޓްފިކެޓަކީ މާސްޓާސް ޑިގްރީއަަށް ވުރެ މަތީ ސެޓްފިކެޓެއް ކަމަށްވެސް ވިދާޅުވިއެވެ. އެ ސެޓްފިކޭޓް މަތިވީ ގައުމުގެ ދިފާއުގައާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދެން ނިކުތީމަ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ވާދަވެރި ސިޔާސީ ޕާޓީތަކުން ސަރުކާރާއެކު މަސައްކަތް ފެށުމުގެ މަޝްވަރާއަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިނިވަންދުވަހު ދެއްވި ހިތާބުގައި ގޮވާލައްވާފައިވާއިރު އެކަމާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ރައީސްއާއި ބައްދަލުކުރަން އިދިކޮޅު ކޯލިޝަނުން އެދެމުން ދާތާ ތިން މަސް ދުވަސްވެއްޖެ ކަމަށާއި މިހާތަނަށް ވެސް އެކަމާ ގުޅޭ ގޮތުން ޖަވާބެއް ދެއްވާފައި ނުވާ ކަމަށެވެ.
ރައީސް ސޯލިހްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއާ ބައްދަލު ކުރަން އެދިފައި އޮންނަތާ ވެސް ތިން މަސް ދުވަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ސޯލިހް ދައުވަތު ދެއްވި ސިޔާސީ މީހުނަކީ ކޮން ބައެއް ކަން އޭނާއަށް ސާފު ނުވާ ކަމަށެވެ. އަދި އިދިކޮޅު ވާދަވެރިންގެ ގޮތުގައި މިހާރު އޮތީ ހަމައެކަނި ޕީޕީއެމްއާއި ޕީއެންސީ ކަން ފާހަގަ ކުރެެއްވި އެވެ.