ސައީދު މިއަދު ކުރެއްވި ޓްވީޓާ ގުޅިގެން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ ރައްޔިތުން ކުރި އުންމީދުތައް ވިއްސި ވިހާލިވެފައިވާކަމަށާއި އެއުންމީދު ތަކުގައި ކުލަ ޖައްސައިދިނުމަށް ދެން އަންނަ ސަރުކާރުން އައު ސިޔާސަތު ތަކެއް ގެންނަންޖެހޭކަމަށެވެ.
އޭނާ ވިދާޅުވީ ކޯލިޝަން ސަރުކާރުގެ ތެރޭން މިހާރު ފެންނަނީ ޓޫރިޒަމް މިނިސްޓަރުކަމަށް ޕާޓީތަކުން ކޯޅޭތަން ކަމަށެވެ. އެެހެންވީމާ ސަރުކާރު ކޯލިޝަން ބަލިކަށި ވެފައިވާކަމަށެވެ.
އޭގެ އިތުރުން އައިއެސް ފަދަ ހަރުކަށި ފިކުރު ވިއްކައިގެން ރިސޯޓުތައް ނުފުރޭނެކަމަށާއި ރާއްޖޭގެ ވެރިކަން ކުރަމުން އަންނަ ކޯލިޝަން ސަރުކާރު އޮތީ ބަނޑު ދަމާލައިގެންކަމަށް ވެސް ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި އެވެ.
މި ސަރުކާރުގެ ކަންކަމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ސަރުކާރު ހިންގާނެ ގޮތް ނޭންގި ގައުމުގެ އިގްތިސޯދު ފުޑާލަމުން އަންނަކަމަށް އެކި ޕޯޑިއަމްތަކުގައި އިދިކޮޅު ލީޑަރުން ވާހަކަ ދައްކަވާފައިވެ އެވެ. އަދި މިވެރިކަން ގެނެއުމަށް ވޯޓް ދިން ރައްޔިތުންވެސް މިހާރު ދެރަވެ ހިތާމަކުރާ ކަމަށް ވާދަވެރި ސިޔާސީ ލީޑަރުން ވިދާޅުވެއެވެ.