ރާއްޖޭގައި ގާއިމުކުރާ ފުރަތަމަ ޓޫރިސްޓް ވިޒިޓާ ސެންޓަރުގެ އަމަލީ މަސައްކަތް މިމަހުގެ ފަހުކޮޅު ފެށޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

Advertisement
ރާއްޖޭގައި ގާއިމު ކުރާ ފުރަތަމަ ޓޫރިސްޓް ވިޒިޓާ ސެންޓަރުގެ އަމަލީ މަސައްކަތް މިމަހުގެ ފަހުކޮޅު ފެށޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އިބްރާހިމް ފަރުހާދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރި ކަމަށް ކަލްޗަރަލް ޓޫރިޒަމް ތައާރަފް ކުރުމަށް އިމާރާތް ކުރާ ޓޫރިސްޓް ވިޒިޓާ ސެންޓަރުގެ އަމަލީ މަސައްކަތް މިމަހު ފެށޭނެ ކަމަށެވެ.
މިއީ ރާއްޖޭގެ ސަގާފަތާއި ތާރީހު އެއްތަނަކުން ފަތުރުވެރިންނަށް ފެނިގެން ދާނެ ގޮތަށް ހެދޭ ތަނެއް ކަމަށް ފަރުހާދު ވިދާޅުވި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީ ކުރާ ޓޫރިސްޓު ވިޒިޓާ ސެންޓަރު އަޅަން ނިންމާފައި ވަނީ ރ. އަނގޮޅެތީމުގަ އެވެ. އެގޮތުން މިއަހަރުގެ ފަތުރުވެރިންގެ ދުވަހާއި ގުޅުވައިގެން ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ އެތަނުގެ ބިންގާ އަޅާފަ އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރިން ވިދާޅުވެފައި ވަނީ އަނގޮޅިތީމުގައި އަޅާ އެ ސެންޓަރު ހާއްސަ ވަނީ އެރަށަކީ ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި މުހިއްމު ބައިވެރިއެއްކަމުން ކަމަށެވެ. އެގޮތުން އެތަނުގެ ސަބަބުން ފަތުރުވެރިންގެ އިތުރުން ކިޔަވާ ކުދިންނަށް ވެސް ރާއްޖެ ޑިމޮކްރަސީއަށް ކުރި މުޅި ދަތުރު ފެނިގެން ދާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓޫރިސްޓު ވިޒިޓާ ސެންޓަރު އަޅަން ވަނީ ނިންމާފަ އެވެ.
އޭގެ އިތުރުން ރާއްޖެއަށް މައިސް ޓޫރިޒަމް އާއި ސްޕޯޓްސް ޓޫރިޒަމް ވެސް ތައާރަފު ކުރަން ވަނީ ހަމަޖައްސާފަ އެވެ.