ads
މާސްކް އަޅައިގެން ތިބި މީހުންތަކެއް
ކޮވިޑުގައި ސިކުންތަކު ގާތްގަނޑަކަށް 15 މީހަކު މަރުވެ، ޖުމްލަ އަދަދު 700،000 އަށް
ހަލުވިކަމާއެކު ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް ބަލީގައި ގާތްގަނޑަކަށް ކޮންމެ 15 ސިކުންތަކު މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 700،000 އަށް އަރައިފިއެވެ.
Advertisement

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މަރުވި މީހުންގެ އަދަދު އެވަރަށް އަރާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަދި މަރުވި މީހުން އެންމެ ގިނައިން ފެނިފައިވަނީ އެމެރިކާ، ބްރެޒިލް، އިންޑިއާ އަދި މެކްސިކޯއިން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ރޮއިޓާސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 24 ގަޑިއިރުގެ ތެރޭގައި އެވަރޭޖްކޮށް 5900 މީހުން ކޮވިޑުގައި މަރުވެއެވެ. އެ ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށް ކޮންމެ ގަޑިއިރަކު 247 މީހުންނަށް އަދި ކޮންމެ ސިކުންތަކު 15 މީހަކަށް މަރުވާކަމަށް ލަފާ ކުރެވެއެވެ.  

އެއް ދުވަހުގެ ތެރޭގައި 400،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުމާއެކު އެބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 18.54 މިލިއަނަށްވުރެ މައްޗަށް އަރާފައި ވާ ކަމަށް މީޑިއާތަކުން ބުނެއެވެ. އެގޮތުން 700،000 މީހުން ބަލީގައި މަރުވެފައިވާ އިރު 11 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑްގެ އަސަރު އެންމެ ބޮޑަށް ފޯރާފައިވާ އެމެރިކާގައި އިއްޔެ އެކަނިވެސް 1300 މީހަކު ވަނީ އެބަލީގައި މަރުވެފައެވެ. އަދި އެގައުމުގައި ކޮވިޑްގައި މަރުވި މީހުންގެ ޖުމްލް އަދަދު  156،000 އަށް ގާތްކޮށްފައިވާ ކަމަށް ޖޯން ހޮޕްކިންސް ޔުނިވާސިޓީން ބުނެ އެވެ. އެގައުމުގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 4.8 މިލިއަނަށް އަރާފައެވެ.

ކޮވިޑުގައި މަރުވި މީހުންގެ އަދަދު 206،000 އަށް ވުރެ މައްޗަށް އަރާފައިވާ ލެޓިން އެމެރިކާ ވަނީ އެ ބަލީގައި އެންމެ ގިނަ މަރު ފެނުނު ސަރަހައްދަށް ވެފައެވެ. އެގޮތުން ބްރެޒިލްގެ ހާލަތަށް ބަލާއިރު އެގައުމުގައި 95،819 މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.

ކޮވިޑްގެ އަސަރު އެހާ ބޮޑަށް ފޯރާފައި ނުވާ ބައެއް ގައުމުތަކުގައިވެސް ދާދިފަހުން ވަނީ ދުވާލެއްގެ މަތިން ފެންނަ ކޭސްތައް އިތުރުވެފައެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، ޖަޕާން، އިތިއޯޕިއާ، އުޒްބެކިސްތާނު، އިޒްރޭލް އަދި ހޮންކޮންގް ފަދަ ގައުމުތަށް ހިމެނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް