ads
ިނިއުޒިލެންޑްގެ ބޮޑު ވަޒީރު--
ނިއުޒިލެންޑުން ކޮމިއުނިޓީ ޓްރާންސްމިޝަނެއް ނުފެންނަތާ 100 ދުވަސް!
ނިއު ޒިލެންޑުގައި އާންމުންގެ ތެރެއިން ކޮވިޑް-19 ޖެހިފައިވާ މީހަކު ނުފެންނަތާ މިއަދަށް 100 ދުވަސް ވެއްޖެ އެވެ.

ކޮވިޑް ޖެހުނު އެންމެން ބަލިން ރަނގަޅުވެފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު، ޖަސިންދާ އާޑާން އިއުލާންކުރެއްވީ މިދިޔަ ޖޫން މަހުގެ 28 ގަ އެވެ. އެއާއެކު އެގައުމުގައި އިއުލާންކުރި ހަރުކަށި ލޮކްޑައުން ނަގައި ގައުމުގެ އިގްތިސޯދު އަލުން އާރާސްތު ކުރުމުގެ މަސައްކަތް ފަށާނެކަން ވެސް ބޮޑު ވަޒީރު އިއުލާންކުރެއްވި އެވެ. 

ފާއިތުވި 100 ދުވަހަކީ އެގައުމުގައި ކޮވިޑާއި ދެކޮޅަށް ކުރެވުނު މަސައްކަތަކީ ވަރަށް ކާމިޔާބު މަަސައްކަތެއްކަން ހާމަވާ ކަމެކެވެ. ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ނިއުޒިލެންޑުން ކޮމިއުނިޓީ ޓްރާންސްމިޝަނެއް ނުފެންނަތާ މިއަދަށް 100 ދުވަސް މިވަނީ ވެފަ އެވެ.

ކޮވިޑް ފެތުރެން ފެށުމާއެކު އެގައުމުގައި ފިޔަވަޅުތައް ވަރުގަދަ ކުރީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.

އެ ގައުމުން އެންމެ ފަހުން ކޮމިއުނިޓީ ޓްރާންސްމިޝަނެއް ފެނިފައި ވަނީ މެއި މަހުގެ އެއް ވަނަ ދުވަހެވެ. 

ނިއުޒިލެންޑުގައި ކޮވިޑް ޖެހިފައި ވަނީ 1219 މީހަކަށެވެ. އަދި ބަލީގައި 22 މީހަކު މަރުވިއިރު އެ އަދަދަކީ އެ ސަރަހައްދުގެ އެހެން ގައުމުތަކާއި ހިލާފަށް ދަށް އަދަދެކެވެ. 

އޮސްޓްރޭލިއާއަށް ބަލާއިރު އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 20,698 އަށް އަރާފަ އެވެ. އަދި ބަލީގައި 278 މީހަކު މަރުވެފައިވެ އެވެ. 

އަދި އެމެރިކާ އާއި ބަރެޒިލްގެ އިތުރުން އިންޑިއާ ފަދަ ގައުމުތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު އަދިވެސް ކޮންޓްރޯކުރެވިފައެއް ނުވެ އެވެ. ބަލީގެ ބިރުވެރިކަން ބޮޑުވެ، ބަލީގައި މީހުންގެ ފުރާނަ ގެއްލޭ ނިސްބަތްވެސް ދަނީ އިތުރުވަމުންނެވެ. 

ކޮވިޑުން އަރައި ގަނެވުން ނަމަވެސް ނިއުޒިލެންޑުގެ ރައްޔިތުންނާއި ހާއްސަ ހުއްދައެއް ލިބިފައިވާ ފަރާތްތައް ފިޔަވައި، އެހެން ހުރިހާ ފަރާތްތަކަށް ވެސް އެގައުމުގެ ބޯޑަރު އަދިވެސް އޮތީ ބަންދުކޮށްފަ އެެވެ. އެގޮތަށް ގައުމަށް ދަތުރުކުރި މީހުންގެ ތެރެއިން ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވްވެ، އައިސޮލޭޝަން ފެސިލިޓީތަކުގައި ވަނީ ބައިތިއްބާފަ އެވެ. 

އެގައުމުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 23 ގައި ކަމަށާއި އެމީހުން ތިބީ އައިސޮލޭޝަން ފެސިލިޓީގައި ކަމަށެވެ. އަދި މުޖުތަމައުގެ ތެރެއިން ބަލި ނުފެންނަތާ 100 ދުވަސް ވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އެކަމަކު އަދިވެސް ރައްޔިތުން އުޅެންވާނީ ވަރަށް ބަލައިގެން ކަމަށް ވެސް ބުންޏެވެ. އެއީ ދުނިޔޭގެ ގައުމުތަކަށް ބަލާއިރު އަދިވެސް ބަލީގެ ހާލަތު ރަނގަޅު ނުވާކަން އެނގޭތީ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. 

އެ ކަމާއި ގުޅިގެން ބޮޑު ވަޒީރު ޖަސިންދާ ވިދާޅުވެފައި ވަނީ ދުނިޔޭގެ ގައުމުތަކުގައި ބަލި ފެތުރެމުންދާ ހިނދަކު ކޮވިޑް-19 ގެ ދެވަނަ ރާޅެއް ނާންނާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ. އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އިރުޝާދު ދެއްވި އެވެ. 

ކޮވިޑް ފެތުރެމުންދިޔައިރު އެގައުމުގައި ވެސް އައީ ހާލަތަށް ބަލާއި ލުއިތައް ދެމުންނެވެ. 

ކޮވިޑް-19 ފެތުރެން ފެށުމާއެކު އެގައުމު އެންމެ ފުރަތަމަ ލޮކްޑައުންއަކަށް ދިޔައީ މާޗު މަހުގެ 25 ގަ އެވެ. އެގޮތުން ވިޔަފާރިތަކާއި ސްކޫލުތައް ބަންދުކޮށް މީހުން ގެއިން ބޭރަށް ނުނިކުތުމަށް އެންގި އެވެ.

އޭގެ ފަސް ވަރަކަށް ހަފުތާ ފަހުން އޭޕްރީލް، މަހުގައި އެގައުމުން ވަނީ ޓޭކްއަވޭގެ ހިދުމަތްދޭ ތަންތަނުގެ ހިދުމަތް ދިނުމާއި އަދިވެސް ބައެއް ކަހަލަ ވިޔަފާރިތައް ހުޅުވުމަށް ހުއްދަދީފަ އެވެ. އެކަމަކު ކޮވިޑު ޖެހުނު އެންމެ ފަހު މީހާ ބަލިން ރަނގަޅުވުމާއެކު ޖޫން މަހު ވަނީ ކައިވެނި ޕާޓީތަކާއި ސްކޫލްތަކާއި އެތެރޭގެ ދަތުރުފަތުރު ކުރުމުގެ ހިދުމަތްތަކުގެ އިތުރުން މީހުންގެ ޖަނާޒާގެ ކަންކަން ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް