މިމަހުގެ 25ގެ ކުރިން މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށް ގްރޭޓާ މާލެ އިންޑަސްޓރިއަލް ޒޯން ލިމިޓެޑުން ކުންފުނިތަކަށް އަންގައިފި އެވެ.

Advertisement
މިމަހުގެ 25ގެ ކުރިން މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ކުންފުނިތަކަށް އަންގައިފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު، މާލޭގެ އަބަދަށް ފެހި މަގުގައި ކެމިކަލް ގުދަނެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަމާއި މެދު ސުވާލު އުފެދި ސަރުކާރުން ވަނީ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށް ނިންމާފަ އެވެ.
އެގޮތުން އެމަސައްކަތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރިއިރު އެތަންތަން ނިންމާ އެ ކުންފުނިން ވަނީ މިދިޔަ މަހުގެ 16 ގައި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާ އެތަން ހަވާލުކޮށްފައެވެ. 26000 އަކަފޫޓުގެ އެ ގުދަނަކީ 34 ގުދަނުގެ ޖާގަ ކަމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ބުނެއެވެ.
ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރާ ހަވާލާދީ ޕީއެސްއެމް ނިއުސް އިން ބުނެފައިވާ ގޮތުގައި މިހާރު 27 ކުންފުންޏަކާއެކު އެއްބަސްވުންތައް ހަދައި އޭގެ ތެރެއިން 4 ގުދަނެއް ތިލަފުއްޓަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން މިހާރުން މިހާރަށް ބަދަލުކުރަން އަންގާފައިވާ 31 ގުދަން ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
އޭގެ އިތުރުން އިތުރު ހަތަރު ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން އިބްރާހީމް ރަޝީދު ވަނީ ވިދާޅުވެފައެވެ.
ފަސޭހައިން ހުޅުހިފާ ޒާތުގެ މުދާ ރައްކާކޮށްފައިވާ 126 ގުދަނެއް މާލޭގައި ހުރި ކަމަށް ހެދި ދިރާސާތަކުން ދައްކާ އިރު އޭގެ ތެރެއިން 26 ގުދަނެއް ވަރަށް އަވަހަށް ތިލަފުއްޓަށް ބަދަލުކުރަން ވަނީ ނިންމާފައެވެ.
ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ނިންމިއިރު ކުރީ ސަރުކާރުން މާލޭގައި ހުރި ގުދަންތައް ބަދަލުކުރަން ނިންމީ މާލޭ އިންޑަސްޓްރިއަލް ޒޯނަށް ނަމަވެސް އެތަނަށް ބަދަލުކުރުމަކީ އެކަމަށް އޮތް ހައްލު ނޫން ކަމަށް މި ސަރުކާރުން ދެކެ އެވެ.