ads
ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު-- ފޮޓޯ:ސަން
ގްރޭޓާ މާލޭ ކުންފުނީގެ ހިއްސާގެ ބައެއް އެޗްޑީސީއަށް ދެނީ!
ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ ހިއްސާގެ ބައެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދިނުމުގެ މަސައްކަތް ފަށައިފި އެވެ.

ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) ސީއެންއެމްއަށް ވިދާޅުވީ، އެކުންފުނީގެ ހިއްސާގެ ބައެއް ދިނުމަށް އެޗްޑީސީއަށް ބަދަލުކުރާނެ ކަމުގެ ސިޓީއެއް ފިނޭންސް މިނިސްޓްރީގެ ފަރާތުން ފޮނުވާފައިވާ ކަމަށެވެ. 

އެކަމާއި ގުޅޭ ގޮތުން މާދަމާ ބޯޑު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވި އެވެ. 

އެކަމަކު އެކުންފުނީގެ ހިއްސާ އިން ދޭން ނިންމާފައިވަނީ ކިހާ އަދަދެއް ކަމެއް އަދި އެގޮތަށް ނިންމީ ކީއްވެގެންކަން ވެސް ސާފެއް ނުވެ އެވެ. 

އެބަދަލު ގެންނަން ފިނޭންސް މިނިސްޓްރީން ނިންމިއިރު އަދި އެކަމާއި ގުޅިގެން މިނިސްޓްރީގެ ބަހެއް ނުލިބެ އެވެ. 

މީގެ ކުރިން ވަނީ އިބޫއާ ގުޅިގެން ކޮރަޕްޝަނުގެ މައްސަލައެއް ވެސް ފެންމަތިވެފަ އެވެ. އެގޮތުން ތިލަފުށީ ފަޅުގައި އޮތް ބޯޓެއް ނަގަން ޕާކަވަން ކުންފުންޏާއި އިބޫ ހަވާލުކޮށްފައިވަނީ ދައުލަތަށް ގެއްލުވާން ގޮތަށް ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބެލި އެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެކަން ކުރި ކަމަށް ތުހުމަތުކުރިއަސް އޭނާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. 

މިއަދު ވަނީ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން އާއި އެޗްޑީީސީ އުވާލާއި، އާ ކުންފުންޏެއް ސަރުކާރުން އުފައްދަން އުޅޭ ކަމުގެ އަޑުތައް ވެސް އަރާފަ އެވެ. އެކަމަކު އެކަމާއި ގުޅުގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލްއާ ސުވާލުކުރުމުން ވިދާޅުވީ އަދި އެކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް