ads
ފޮޓޯ: އައްޑޫ ލައިވް
އިންފްލުއެންޒާ އެންމެ ގިނައިން ފެތުރުނީ ނޮވެމްބަރުގައި
މި އަހަރުގެ މިހާތަނަށް އިންފްލުއެންޒާ ކޭސްތައް އެންމެ ގިނައިން ފެނިފައި ވަނީ މި ނިމުނު ނޮވެމްބަރު މަހުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މި އަހަރުގެ މިހާތަނަށް އިންފްލުއެންޒާ ކޭސްތައް އެންމެ ގިނައިން ފެނިފައި ވަނީ މި ނިމުނު ނޮވެމްބަރު މަހުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި ނޮވެމްބަރު މަހު 287 ސާމްޕަލް ޓެސްޓު ކުރިއިރު، އޭގެ ތެރެއިން 112 ސާމްޕަލް އިންފްލުއެންޒާއަށް ޕޮޒިޓިވް ކަމަށެވެ.

މި ހިނގާ ޑިސެމްބަރު މަހުގެ މިހާތަނަށް 14 ސާމްޕަލް ޓެސްޓުކޮށްފައި ވާއިރު، އޭގެ ތެރެއިން ހަތް ސާމްޕަލް ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފަ އެވެ.

އޭގެ އިތުރުން އިންފްލުއެންޒާ އެންމެ ގިނައިން ފެތުރެމުން ދަނީ މާލޭގައި ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ. ދެން އެންމެ ގިނައިން މި ބަލި ފެނިފައި ވަނީ ރ، އަދި ކ އަތޮޅުންނެވެ.

ނޮވެމްބަރު މަހުން ފެށިގެން އިންފްލުއެންޒާ ފެތުރުން އިތުރުވެފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އެދިފަ ވެއެވެ. އެގޮތުން އެކަމަށް ހާއްސަ ވެކްސިން ޖެހުމަކީ އެންމެ ރައްކާތެރި ފިޔަވަޅެވެ.

އިންފްލުއެންޒާ ފެތުރެމުން ދާއިރު، ވެކްސިން ހުސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، އެޗްޕީއޭއިން ސީއެންއެމްއަށް މައުލޫމާތު ދެމުން ބުނީ އެސްޓީއޯ ފާމަސީތަކުން ވެކްސިން ލިބެން ހުންނާނެ ކަމަށެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި އިންފުލުއެންޒާ ބަލިޖެހުމުން ބޮޑަށް ނުރައްކާވާނެ ފަރާތްތަކަކީ މާބަނޑު މީހުންނާއި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި، ސިކުނޑީގެ ބަލި ހުންނަ ކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނެވެ.

އޭގެ އިތުރުން ހަކުރު ބަލި، ހިތުގެ ބަލި، ކިޑްނީ ބަލި އަދި ފުއްޕާމޭގެ ބަލިތައް ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ހުންނަ މީހުންނާއި ތެލެސީމިއާ ފަދަ ލޭގެ ބަލިތައް ހުންނަ ކުދިން އަދި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން ވެސް އެބަލި ޖެހުމުގެ ނުރައްކާ ބޮޑު ކަމަށް އެޗްޕީއޭ އިން ވަނީ މައުލޫމާތު ދީފައެވެ.

އަދި އެ ފަރާތްތަކުން ވެކްސިން ޖެހުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިންފްލުއެންޒާ އަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. އޭގެ ތިން ވައްތަރެއް ވެއެވެ. އެއީ އިންފްލުއެންޒާ އޭ، ބީ އަދި ސީ އެވެ.

އިންފްލުއެންޒާ އޭ އަކީ ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް ވައިރަސް އެރުމުން ޖެހޭ ބައްޔެވެ. އަދި އިންފްލުއެންޒާ ބީ އަކީ އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް ވައިރަސް އެރުމުން ޖެހޭ ބައްޔެކެވެ. އެގޮތުން މިއީ މޫސުމީ ގޮތުން ފެތުރޭ ވައިރަހެކެވެ. އަދި މިއީ އެންމެ ނުރައްކާތެރި ވައްތަރެވެ. އިންފްލުއެންޒާ ސީ އަކީ އާދައިގެ ރޯގާއެއް ގޮތަށް ޖެހޭ އަދި މި ބާވަތުގެ އެންމެ ނުރައްކާ ކުޑަ ވައްތަރެވެ.

އިންފްލުއެންޒާގެ ސަބަބުން މިދިޔަ އާދިއްތަ ދުވަހު ވަނީ މީހަކު މަރުވެފަ އެވެ. މިދިޔަ މަހުގެ ތެރޭގައި އުމުރުން 17 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ވެސް އެ ބަލީގައި މަރުވެފައި ވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް