
ޔުނާން އޭނާގެ އިންސްޓަގްރާމު އެކައުންޓް މެދުވެރިކޮށް ބުނީ، ޔޫންގެ ސާޖަރީ ވަނީ ކާމިޔާބު ކަމާއެކު ކުރެވިފައިވާ ކަމަށާއި އާއިލާއަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންގޮސްފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ވެސް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ޔޫން ގޮވައިގެން އޭނާގެ މައިންބަފައިން ފުރާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު، ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދުމަށް އާސަންދައިން މޯލްޑިވިއަންގެ ފްލައިޓުގައި ޓްރިވަންޑްރަމަށް ފުނުވި މީހުންނާއެކު އެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު ޔޫންއަށް ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ އޭނާގެ ބައްޕަ މުލިއާގޭ ދޮށުގައި ދަރިފުޅުގެ ފުރާނަ ސަލާމާތް ކުރުމަށް އެދި އާދޭސްކުރަމުންދިޔަ ވީޑިއޯއެއް ވައިރަލްވެގެންނެވެ. ވިހެއުމަށް ފަހު 72 ގަޑި އިރުގެ ތެރޭގައި އޯޕަން ހާޓް ސާޖަރީއެއް ހަދާފައިވާ އެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތް ކުރަން ސާޖަރިއެއް ހަދަން ޖެހި، އާއިލާއިން ވަނީ އާސަންދައިގެ ދަށުން އެމީހުން އިންޑިއާއަށް ފޮނުވައިދިނުމަށް އެދިފަ އެވެ.
ސޯޝަލް މީޑިއާގައި އެ ވީޑިއޯ ވައިރަލްވެ، ގިނަ ބަޔަކު ޔުނާންގެ ދަރިފުޅަށް، ފަންޑު ހޯދުމުގެ މަސައްކަތް ކުރަން ފަށާފައިވަނިކޮށް އާސަންދައިން ވަނީ އެ ކުއްޖާ ބޭރަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަން ހާމަކޮށްފަ އެވެ. އަދި އޭރު އެންމެ އަވަހަށް އޮތް ފްލައިޓުގައި ފޮނުވާނެ އެމީހުން ވަނީ އިންޑިއާއަށް ފޮނުވާފަ އެވެ.