ads
މާލެ މަގުމަތި---
ޖޫރިމަނާ ނުދެއްކޭ ނަމަ މުޖްތަމައުއަށް ހިދުމަތް ކުރާގޮތަށް ގާނޫނު ފާސްކޮށްފި
ދަތުރުފަތުރުގެ ގާނޫނާއި ހިލާފްވެގެން ކުރާ ޖޫރިމަނާ ނުދެއްކޭ ނަމަ، މުޖްތަމައުއަށް ހިދުމަތް ކުރަން ލާޒިމްކުރާ ގޮތަށް ގާނޫނު ފާސްކޮށްފި އެވެ.
Advertisement

ސަރުކާރުގެ ފަރާތުން ކުޅުއްދުއްފުށީ އުތުރު ދާއިރާގެ މެންމްބަރު ޔާސިރު އަބްދުއް ލަތީފް ހުށަހެޅުއްވި ބިލުގައި އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނު މަޖިލީހަށް އެންމެ ފުރަތަމަ ހުށައަޅާފައިވަނީ، ގަވާއިދާ ހިލާފަށް ޕާކް ކުރުމާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ހިލާފްވެގެން ކުރެވޭ ޖޫރިމަނާ ނުދެއްކޭ ނަމަ، ޖޫރިމަނާ ފައިސާ ހޯދަން ކޯޓަށް ދިއުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބޭ ގޮތަށެވެ.

އެހެންނަމަވެސް މި ބިލު ވަނީ ގައުމީ ތަރައްގީއާއި ތަރިކައާއިބެހޭ ކޮމެޓީން ދިރާސާކޮށް އިސްލާހުތަކާއިއެކު ވޯޓަށް ހުށަހަޅާފައެވެ. އެގޮތުން ކޮމެޓީ މަރުހަލާގައި ގެނައި ބަދަލުތަކުގައި  ޖޫރިމަނާ ފައިސާ ހޯދަން ކޯޓަށް ދިއުމުގެ ބާރު މީރާއަށް ދިނުމުގެ އިތުރުން ޖޫރިމަނާގެ އަދަދު 10،000 ރުފިޔާ އަށްވުރެ ބޮޑުވާ ނަމަ، ފައިސާ ހޯދުމުގެ ބަދަލުގައި އެ މީހަކު ލައްވައި މުޖްތަމައުއަށް ހިދުމަތް ކުރުވުމަށް ކޯޓު އަމުރަށް އެދުމުގެ ބާރު މީރާއަށް ދިނުމަށެވެ.

ކޮމެޓީ މަރުހަލާގައި އެ ބިލަށް ބަދަލު ގެނެސް ނިންމާފައިވާގޮތަށް މަޖިލީހުން ފާސްކުރުމާއިމެދު މެމްބަރުން ވޯޓު ދިނުމަށް ހުޅުވާލި ފުރުސަތުގައި އެ ބިލް ފާސްވެފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ ތާއިދާއެކުއެވެ. އަދި ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ދެއްވާފައެއް ނުވެއެވެ.

މިއާއެކު ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވާ ފުރަތަމަ ފަހަރު 500 ރުފިޔާއިން އަދި އެކަން ތަކުރާރުކޮށްފި ނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި  48 ގަޑިއިރަށް ލައިސަންސް ހިފެހެއްޓުމުގެ ބާރާއި ތިން ވަނަ ފަހަރަށް ކުށް ތަކުރާރު ވެއްޖެނަމަ، 1000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއެކު އެ މީހަކު ދުއްވި އުޅަނދު 15 ދުވަހަށް ހިފެެއްޓުމުގެ ބާރު ލިބިގެންދާނެއެވެ.

 އަދި ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެ ނަމަ، ގާނޫނުލް އުގޫބާތުގެ ދަށުން އެ މީހަކަށް ޖިނާއީ ދައުވާ ކުރުމާ އެކު، ލައިސަންސް 10 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ހިިފެހެއްޓުމުގެ ބާރު ލިބޭ ގޮތަށް ހެދުމަށް އެ ބިލުގައި ވަނީ ހިމަނާފަ އެވެ. 

އަދި އެފަދަ ކަމެއްގެ ސަބަބުން ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެ ނަމަ، ޖިނާއީ ދައުވާ ކުރުމާ އެކު ހަ މަހާއި ފަސް އަހަރާ ދެމެދުގެ މުއްދަތަށް ލައިސަންސް ހިފެހެއްޓޭ ގޮތަށްވެސް އެ ބިލުގައިވެ އެވެ.

މީގެ އިތުރުން ވަކި ރަށެއް ނުވަތަ އަތޮޅެއްގައި ދުއްވޭނެ އުޅަނދުގެ އަދަދާއި މުއްދަތު ކަނޑައެޅުމުގެ ބާރު ސިޓީ ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވެއެވެ. 

މި ބިލްގެ ދަށުން ބާރަށް ދުއްވާ މީހުންނާއި ލައިސަންސް ނެތި ދުއްވާ މީހުންނަށް ކުރެވޭ ޖޫރިމަނާ ބޮޑުކުރާގޮތަށާއި، 90 ދުވަސް ތެރޭގައި ޖޫރިމަނާއާ ބެހޭ ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުގައި ގާއިމް ކުރުމާއި އެ ނިޒާމުގެ ތެރެއިން ޖޫރިމަނާ ބާތިލް ކުރުމުގެ ބާރު ލިބޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް