މުއިއްޒު މިހެން ވިދާޅުވީ ކުރީ ސަރުކާރުން ރަސްފަންނު ސަރަހައްދު ތަރައްގީ ކުރިއިރު ބޮޑުތަކުރުފާނު މަގުން ބަންދުކޮށްފައި އޮތް ސަރަހައްދު، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މާފަންނު ކޮޅުގައި ރަސްފަންނު ތަރައްގީކޮށް ވަނީ ޕެސްޓް ޕާކް ސަރަހައްދުން ބޮޑުތަކުރުފާނު މަގުން ދުއްވޭގޮތަށް އޮތް އޮތުން ބަދަލުކޮށްފަ އެވެ. އަދި އެ ސަރަހައްދަށް ވެލި އަޅާއި އުސްކޮށްފައި އޮތްނަމަވެސް މިހާރު ވަނީ އުޅަނދު ފަހަރަށް އެ މަގަށް ވަދެވޭ ގޮތަށް މަގު ހުޅުވާލާފަ އެވެ.
މިކަމާ ގުޅިގެން އޭރުގެ ހައުސިން މިނިސްޓރު ޑރ. މުއިއްޒު ވިދާޅުވީ ރަސްފަންނު ފަދަ ތަންތަނަކީ ތޮއްޖެހިފައިވާ މާލޭގައި އުޅޭ އާއިލާތަކަށާއި ކުޑަކުދިންނާއި އިސްރރަށްވެހިންނަށް ރައްކާތެރި ކަމާއިއެކު ނުކުމެލާ ހިއްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ހެދިފައިހުރި ތަންތަން ކަމަށެވެ.
އަދި އެފަދަ ތަންތަން ވީރާނާކޮށް ނެތިކޮށްލުމުން ގެއްލުން އެ ދެވެނީ ރައްޔިތުންނަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރަސްފަންނު ތަރައްގީކޮށް ވެލި އަޅާފައިވާ އެ ސަރަހައްދުގައި ހުރިން ހުރީ ޖޯލި ބަހައްޓާފަ އެވެ. އެކަމަކު މިހާރު އެތަންތަން ވެސް ވަނީ ނަގާފަ އެވެ.
މާލޭ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލުކޮށްގެން ބިޔަ މަޝްރޫއުއެއް ވެސް ހިންގަމުންނެވެ. 462 މިލިއަން ރުފިޔާ ހަރަދުކޮއްގެން ހިންގާ އެ މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 416 މަގެއް ތަރައްގީ ކުރާނެ އެވެ.