މާފަރުގައި ތަރައްގީކުރެވުނު އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ބޯޑާ ކޮންޓްރޯލް ނިޒާމުގެ މަސައްކަތް މިނިސްޓްރީގެ މުވައްޒަފުން ފުރިހަމަކޮށް ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ ބޯޑާ ކޮންޓްރޯލް ނިޒާމް މާފަރުގައި ގާއިމުކުރެވުމާއިއެކު ބައިނަލްއަގްވާމީ ފެންވަރުގައި ހުރިހާ ވައިގެ ބަނދަރުތަކުގައި އަދި ކަނޑުގެ ބަނދަރުތަކުގައި މި ހިދުމަތް ފުރިހަމައަށް ލިބެން ހުންނާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި ހަރުދަނާކޮށް ނިމިފައިވާ ބޯޑާ ކޮންޓްރޯލް ނިޒާމަކީ އެންމެ ފަހުގެ ތަރައްގީ އާއި އެކުގައި މަސައްކަތްކުރާ ނިޒާމެއްކަން އެ މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.
އެ ނިޒާމް ގާއިމުކުރުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފަސޭހައިން މާފަރަށް ދަތުރުކުރެވޭނެ ގޮތް ވުމަކީ ގައުމުގެ މިވަގުތު ހާލަތަށް ބަލާއިރު ލިބޭނެ އެންމެ ބޮޑު އެއް ފަސޭހަކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އެ މިނިސްޓްރީން ބުނީ ހަރުކުރެވުނު އާލާތްތައް ބޭނުންކުރަމުންދާއިރު އިތުރު މަސައްކަތްތަކަށް އެންސީއައިޓީގެ ފަރާތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ލިބޭނެކަމަށާއި މާފަރު އެއާޕޯޓުގައި އެ ނިޒާމް ގާއިމުކުރެވިގެން ދިއުން އެއީ މިނިސްޓްރީން ވަރަށް ބޮޑަށް އުފާ ކުރާ ކަމެއް ކަމަށެވެ.