ޔޫތް މިނިސްޓްރީން ބުނީ އެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ކަމަށެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފައި ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި މިއަދު މިނިސްޓަރު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ ދަނޑުގެ ވާހަކަ ފާހަގަކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ވާޗުއަލްކޮށް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވުނީތީ ވަރަށް އުފާކުރާ ކަމަށެވެ. ދެ ޖިންސުގެ ޒުވާނުން ބައިވެރިވެ ވަރަށް ކުލަގަދަކޮށް ބޭއްވި ރަސްމިއްޔާތުގައި ކުޑަކުދިން ވެސް ބައިވެރިވެފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މި މަސައްކަތް ނިންމާލުމުގައި ޒުވާނުންނާއި ކައުންސިލުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.
ދަނޑުގެ މަސައްކަތަކީ ޔޫތް މިނިސްޓްރީން ޓްރިޕަލް އެއިޓް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުއެކެވެ.
ދަނޑު ހުޅުވުމުގެ ގޮތުން ދަރަވަންދޫގައި ވަނީ އަންހެނުންގެ ފުޓްސަލް މެޗަކާއި ފިރިހެނުންގެ ފުޓްސަލް މެޗެއް ބާއްވާފަ އެވެ.