
އެކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސިވިލް ސާވިސް ކޮމިޝަނަށް ޢައްޔަން ކުރައްވާފައިވާ ހަތަރު ބޭފުޅުންނަކީ ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފާއި، ރ. މީދޫ ބްލެކް، އިބްރާހީމް ރަޝީދާއި، ހ. ޓޫހާޓްސް، މުހައްމަދު ފަރުސަތާއި، މ. ފަލްކަންގެ، މުހައްމަދު ނާސިހެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް އެ ހަތަރު ބޭފުޅުން އައްޔަންކުރައްވަން ފެނިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގަ އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން، މި ހަތަރު ބޭފުޅުން ވެސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައިވާއިރު އެ މެންބަރުންނަށް ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒާ އާއިޝާ ޝުޖޫން މުހައްމަދެވެ.
އަދި، ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ހަތަރު ބޭފުޅުންނަށް ވެސް އެކަމުގެ ލިޔުން ރައީސް ސޯލިހު ވަނީ ރަސްމިއްޔާތުގައި ހަވާލުކުރައްވާފަ އެވެ.
ސީއެސްސީއަށް ހަތަރު މެމްބަރު އައްޔަން ކުރައްވާފައި މިވަނީ މެމްބަރުކަމުގައި ފާތިމަތު އާމިރާ އެކަނި ހުންނެވުމުންނެވެ.
އާމިރާ ފިޔަވައި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދުގެ އިތުރުން މެންބަރު އިބްރާހިމް ޝަހީގު އަދި ޒަކަރިއްޔާ ހުސައިން ވަކިކުރަން މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމާއެކު މެމްބަރު ޝަހީގު ފިޔަވައި ބާކީ ތިއްބެވި ތިން މެމްބަރުން އިސްތިއުފާ ދެއްވި އެވެ. އެކަމަކު މަޖިލީހުން ވަނީ މެމްބަރު ޝަހީގު ވެސް މަގާމުން ވަކިކޮށްފަ އެވެ.