ads
ފަތުރުވެރިންތަކެއް-- ފޮޓޯ: އަވަސް
އިގްތިސޯދު ބިކަވެގެން ނުދާނެ ފޯމިއުލާއެއް ހޯދަމާ!
ޒަމާނުއްސުރެ މަސްވެރި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްވީ 1970 ގެ އަހަރުތަކުގަ އެވެ. އެއާއެކު އެ ސިނާއަތް ބަދަލުވީ ދިވެހިންގެ ރަން ބިސް އަޅާ ކުކުޅަށެވެ. ރީތި ދޮންވެލި ގޮނޑުދޮށްތަކާއި، ވިލު ނޫ ކުލައިގެ މޫދު ވިއްކައިގެން މި ސަރަހައްދުގެ އެންމެ ޖީޑީޕީ މަތި ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.

މިއަދު މިއީ އޭގެ 50 އަހަރު ފަހެވެ. ނޭނގި ތިއްބާ އައި ކުއްލި ރޯޅިއަކުން މުޅި ދުނިޔެ މި އޮތީ ހުއްޓިފަ އެވެ. ކޮވިޑް-19 ބަލިމަޑުކަމުގެ ނުރައްކަލާއެކު ދަތުރުފަތުރު ހުއްޓިއްޖެ އެވެ. ދަތުރުފަތުރާ ލާމެހިފައި އޮތް ފަތުރުވެރިކަން ވެސް ހުއްޓިއްޖެ އެވެ. އެންމެ ބޮޑު ދެރައެއް އޮތީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށެވެ. 

ގައުމުގެ އިގްތިސޯދުގެ މައި އިންޖީނަކީ ފަތުރުވެރިކަމުގެ ގޮތުގައި ބަދަލުވެފައި އޮތުމަކީ މިއަދު ރާއްޖޭގެ ބަދު ނަސީބުކަން ހެއްޔެވެ؟ ނުވަތަ ދުރާލާ ތައްޔާރު ނުވުމުގެ ނަތީޖާ ހެއްޔެވެ؟ 

ސްމޯލް އައިލެންޑް ޑެވެލޮޕިން ސްޓޭޓްސް ނުވަތަ ކުދި ޖަޒީރާ ތަރައްގީވަމުން އަންނަ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި، އޮތް ނުރައްކާތަކުގެ ވާހަކަތައް ދުނިޔޭގެ ފެންވަރުގައި މަޝްވަރާ ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. އެފަދަ ކޮންމެ ބައްދަލުވުމެއްގައި ރާއްޖެއަކީ އިސް ބައިވެރި އެކެވެ. 

މި ބައްދަލުވުންތަކުގެ މައިގަނޑު މައުޟޫއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ގައުމުތަކުގެ އިގްތިސޯދާއި އެހެނިހެން ގޮތްގޮތުން އޮތް ގޮންޖެހުންތައް ކަމުގައި ވީ ނަމަވެސް، ދުނިޔެއަށް ދިމާވާ އެހެން ކާރިސާތަކުގެ ސަބަބުން އިގްތިސޯދަށް ކުރާނެ ނޭދެވޭ އަސަރުތައް ވެސް ތަކުރާރުކޮށް މަޝްވަރާ ކުރެވެ އެވެ. 

އެ މަޝްވަރާތަކުގައި ގައުމުތަކުން އެއްބަސްވާ އެއް ކަމަކީ އެއް ސިނާއަތެއްގެ މައްޗަށް ގައުމު ބަރޯސާވެ ހިންގުމުގެ ނުރައްކަލާއި އޭގެ ސަބަބުން އޮންނަ "ރިސްކު" ތަކެވެ. އެކަމަކު އެ ރިސްކު ކުޑަކުރަން ރާއްޖެ އާއި އެހެން ކުދިން ގައުމުތަކަށް ކުރެވުނީ ކޮން މަސައްކަތެއް ހެއްޔެވެ؟ 

ފެންނަން އޮތް ހަގީގަތަކީ ރާއްޖޭގެ އިގްތިސޯދު ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ މަންޒަރެވެ. ފަތުރުވެރިކަން ހުއްޓުމާއެކު ޑޮލަރު ލިބުން ދަތިވެއްޖެ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ޖީޑީޕީ އެންމެ ބޮޑަށް ވެއްޓުނު ގައުމުތަކުގެ ލިސްޓަށް ވެސް ރާއްޖެ އަރައިފި އެވެ. 

މިއަދު މި ހިތާމައިގައި އުޅެން ޖެހުމާއެކު ދެން ވިސްނަންވީ މުސްތަގުބަލަށެވެ. ކުރިމަގުގައި ރާއްޖެއިން މަސައްކަތް ކުރާނީ ކިހިނެއް ހެއްޔެވެ؟ ފަތުރުވެރިކަމަށް އިންވެސްޓު ކުރި މިންވަރަށް މަސްވެރިކަމާއި، ތައުލީމާއި، ސިއްހީ ދާއިރާއަށް އިންވެސްޓު ކުރާނީ ހެއްޔެވެ؟ އަމިއްލަ އުފެއްދުންތައް އުފައްދާ، ދުނިޔޭގެ މާކެޓަށް ނެރެ، ޑޮލަރު ހޯދޭނެ މަގު ކޮށާނީ ހެއްޔެވެ؟ 

ކޮވިޑް-19 ބަލިމަޑުކަމާއެކު ދަސްކުރަންވީ އެއް ފިލާވަޅަކީ މިއީ އެވެ. ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކުރަންވީ އެވެ. އެހެން ސިނާއަތްތައް ފުޅާ ކުރަންވީ އެވެ. ދުނިޔެއަށް އަންނަ ކޮންމެ ގަދަ ވައި ރޯޅިއަކާއެކު ރާއްޖޭގެ އިގްތިސޯދި ބިކަވެގެން ނުދާނެ ފޯމިއުލާއަކީ މިއީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް