
ވޮޝިންޓަން ޕޯސްޓަށް ލިޔަމުން ދިޔަ ހާޝުގްޖީ މަރާލީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތުރުކީގައި ހުންނަ ސައުދީ ކޮންޒިއުލޭޓު ތެރޭގަ އެވެ.
ހާޝުގްޖީގެ މަރުގެ މައްސަލައިގައި މީގެ ކުރިން ފަސް މީހަކަށް މަރުގެ ހުކުމް އިއްވި ކަމުގައި ވީނަމަވެސް އެ ފަސް މީހުނަށް އިއްވި ހުކުމް ވަނީ ޖަލު ހުކުމަށް ބަދަލުކޮށްފަ އެވެ. އެ މަރުގެ ހުކުމް ޖަލު ހުކުމަށް ސައުދީގެ ކޯޓަކުން ބަދަލުކޮށްފައިވަނީ ހޯމަ ދުވަހު އެވެ.
ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ހާޝުގްޖީގެ މަރުގެ މައްސަލައިގައި ފަސް މީހަކަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ދެ މީހަކަށް ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އިތުރު މީހަކަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް ފާޑުކިޔަމުން ދިޔަ ހަޝުގްޖީ ދިރިއުޅެމުން އައީ އެމެރިކާގައި އެގައުމުގެ ހިމާޔަތް ހޯދައިގެންނެވެ.
ތުރުކީގައި ހުރި ސައުދީ ކޮންޒިއުލޭޓަށް އޭނާ ދިޔައީ ކައިވެންޏަށް ބޭނުންވާ ލިޔެކިޔުންތަކެއްގެ މައްސަލާގަ އެވެ. ނަމަވެސް ކޮންޒިއުލޭޓަށް ވަތް ފަހުން އެތަނުން އޭނާ ނުނިކުމެ އެވެ.
ފޮރެންސިކް ހެއްކާއި، ސީސީޓީވީ ފުޓޭޖް އަދި އޯޑިއޯ ރިކޯޑިންތަކުން ހާމަވާ ގޮތުގައި ކޮންޒިއުލޭޓް ތެރޭގައި ވަނީ ހާޝުގްގްޖީއަށް ހަމަލާ ދީ، އޭނާގެ ހަށިގަނޑު ކުދިކުދިކޮށްފަ އެވެ.
މިއަދާ ހަމައަށް ވެސް އޭނާގެ ހަށިގަނޑުގެ ބައިތައް ފެނިފައެއް ނުވެ އެވެ. އޭނާގެ މަރުގައި ސައުދީ ސަރުކާރުގެ ބައިވެރިވުމެއް ނެތް ކަމަށް އެތައް ފަހަރަކު ބުނުމަށް ފަހު، އެގައުމުން އެންމެ ފަހުން ބުނެފައި ވަނީ އެކަމުގެ ފަހަތުގައި ބައެއް އޮފިޝަލުން ހިމެނޭ ކަމަށެވެ.
ތުރުކީ އާއި އެމެރިކާގެ ތަހުގީގީ އިދާރާތަކުން ތުހުމަތު ކުރާ ގޮތުގައި ހާޝުގްޖީ މެރުމަށް އަމުރު ކުރީ ސައުދީ ވަލީ އަހުދެވެ. އެކަމަކު ސައުދީ ސަރުކާރުން އެކަން ދޮގުކުރެ އެވެ.