
މިދިޔަ ހޮނިހިރު ދުވަހު އެ މައްސަލާގައި ބްރޯޑްކޮމުން ބޭއްވި ކުއްލި ބައްދަލުވުމުގައި ޖަވާބުދާރީވާން ޗެނަލް13 އަށް ދެ ދުވަހުގެ މުއްދަތެއް ދިނެވެ. އެ މުއްދަތު ހަމަވިއިރު ޗެނަލް13 އިން ބުނެފައި ވަނީ އެއީ ފުލުހުން ވެސް ބަލަމުންދާ މައްސަލައަކަށް ވާތީ ޖަވާބުދާރީވާން އުޒުރުވެރިވާ ކަމަށެވެ.
އެކަމާ ގުޅިގެން ޖަވާބުދާރީވާން ދެވަނަ ފުރުސަތެއް ޗެނަލް13 އަށް ދީފައި ވާއިރު، އެތަނުން ބުނީ ފުލުހުންނާއި ކޮމިޝަނުން ކުރަނީ ދެ ތަހުގީގެއް ކަމަށެވެ. އެގޮތުން ފުލުހުން ހިންގަނީ ޖިނާއީ ތަހުގީގު ކަމަށާއި، ބްރޯޑްކޮމުން ބަލަނީ އެ ވާހަކަ އޮންއެއާވި ގޮތް ކަމަށް ބުނެފައި ވެއެވެ.
އެގޮތުން އުސޫލުގައިވާ ގޮތުގެ މަތިން 24 ގަޑިއިރުގެ ދެވަނަ ފުރުސަތެއް ދިނީ އިއްޔެ ކަމަށް ބްރޯޑްކޮމުން ވަނީ ބުނެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގެނައި "ރައްޔިތުންގެ އަޑު" ޕްރޮގްރާމަށް ގުޅި މީހަކު ވަނީ "މިހާރުން މިހާރަށް [ރައީސް] އިބްރާހިމް މުހައްމަދު ސޯލިހު ގައިގައި (ކަނޑާލާފައި) ޖަހަންވީ" ކަމަށް ބުނެފަ އެވެ.
އުމުރުން 47 އަހަރުގެ އެ ފިރިހެން މީހާ އިއްޔެ ވަނީ ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތު ޖަހާފަ އެވެ.