
ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ، ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ކޮމިޝަނުގެ މަޝްވަރާ ކޮމިޓީގައި އޮތް އެ މައްސަލައާ ގުޅިގެން އަދި ގޮތެއް ނުނިންމަ އެވެ. އެގޮތުން އަދިވެސް އެކަމުގައި މަޝްވަރާތައް ދަނީ ކުރިއަށްކަން ފާހަގަކުރެއްވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު އެ މައްސަލާގައި ބްރޯޑްކޮމުން ބޭއްވި ކުއްލި ބައްދަލުވުމުގައި ޖަވާބުދާރީވާން ޗެނަލް13 އަށް ދެ ދުވަހުގެ މުއްދަތެއް ދިނެވެ. އެ މުއްދަތު ހަމަވިއިރު ޗެނަލް13 އިން ބުނެފައި ވަނީ އެއީ ފުލުހުން ވެސް ބަލަމުންދާ މައްސަލައަކަށް ވާތީ ޖަވާބުދާރީވާން އުޒުރުވެރިވާ ކަމަށެވެ. އެންމެ ފަހުން މިމަހުގެ ހަތް ވަނަ ދުވަހު 24 ގަޑިއިރުގެ ވަގުތެއް ވެސް ދިނެވެ.
އެކަމާ ގުޅިގެން ޖަވާބުދާރީވާން ދެވަނަ ފުރުސަތެއް ޗެނަލް13 އަށް ދިން ނަމަވެސް މިފަހަރު ވެސް މައްސަލައިގައި ޖަވާބުދާރީވުމަށް އެތަނުން އުޒުރުވެރިވެ އެވެ.
އެގޮތުން ފުލުހުން ހިންގަނީ ޖިނާއީ ތަހުގީގު ކަމަށާއި، ބްރޯޑްކޮމުން ބަލަނީ އެ ވާހަކަ އޮންއެއާވި ގޮތް ކަަމަށް ކުރިން ވެސް އެ ސްޓޭޝަނުން ބުނެފައިވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގެނައި "ރައްޔިތުންގެ އަޑު" ޕްރޮގްރާމަށް ގުޅި މީހަކު ވަނީ "މިހާރުން މިހާރަށް [ރައީސް] އިބްރާހިމް މުހައްމަދު ސޯލިހު ގައިގައި (ކަނޑާލާފައި) ޖަހަންވީ" ކަމަށް ބުނެފަ އެވެ.
އެ ގޮވާލުން ގޮވާލި ކަމަށް ބުނާ އުމުރުން 47 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައިވާއިރު މިމަހުގެ ހަ ވަނަ ދުވަހު ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.